ads
މިނިސްޓަރު ފައްޔާޒު-- ފޮޓޯ: ސަން
އިގްތިސާދު އޮތް ގޮތުން މިނިމަމް ވޭޖް ބޭރު މީހުންނަށް ދޭކަށް ނުފެނޭ: ފައްޔާޒު
ރާއްޖޭގެ އިގްތިސާދު މިވަގުތު އޮތް ގޮތުން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާ އަދަދު ދޭން ފެނިވަޑައިނުގަންނަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިގޮތަށް ވިދާޅުވެފައި ވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް އާންމުންގެ ހިޔާލު ހޯދުމަށް މިހާރު ބާއްވަމުން އަންނަ ބައްދަލުވުމުގެ ތެރެއިންނެވެ. 

އެގޮތުން އާންމު ރައްޔިތަކު ކުރި ސުވާލެއްގެ ޖަވާބުގައި ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު މިވަގުތު އޮތްގޮތުން ބޭރު މީހުންނަށް މިނިމަމް ވޭޖް ދޭން ގަބޫލުނޫން ކަމަށާއި ނަމަވެސް އެއީ އިންސާނިއްޔަތަށް ބަލާނަމަ ރަނގަޅު ކަމެއް ވެސް ނޫން ކަމަށެވެ. 

ފައްޔާޒު އިތުރަށް ވިދާޅުވީ، އިންސާނިއްޔަތަށް ބަލާއިރު އަމިއްލަ ހާލަތަށް ވެސް ދިވެހިން ބަލަން ޖެހޭ ކަމަށާއި އެގޮތުން ރާއްޖޭގައި ދެ ލައްކައަށް ވުރެ ގިނަ ބިދޭސީން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މީގެ ތެރެއިން 120000 ބިދޭސީނަކީ ކުޑަ އުޖޫރައެއް ލިބޭ ފަރާތްތަކެއްކަން ވެސް ފާހަގަ ކުރެއްވި އެވެ. 

ފައްޔާޒު ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގައި ވަޒީފާ އަދާނުކުރާ ދިވެހިންގެ އަދަދު ގާތްގަނޑަކަށް އުޅެނީ 15000-20000 އާ ދެމެދުގަ އެވެ. އަދި ބޭނުންވާ ވަކި ކަހަލަ ވަޒީފާއަކަށް ނޫނީ ވަކި ވަރަކަށް މުސާރަ ނުލިބޭތީ އެއްވެސް ވަޒީފާއަކަށް ނުދާ މީހުންގެ އަދަދު 30000 އަށް އަރަ އެވެ. 

މިސާލަކަށް ބަލަން ހިނގައި ފަންސާހަކަށް ހާސް ބޭފުޅުން އެބަތިބި ދިވެހިން. ދެލައްކަ ކޮންމެވެސް ވަރެއް އެބަ ހުރި ބޭރު މީހުން، އެ ދެލައްކަ މީހުން ފޮނުވާލިޔަސް އަދި 50000 މީހުން ލައިގެން އިގްތިސާދެއް ކުރިއަކަށް ނުގެންދެވޭނެ. ހަމައެއާއެކު އަޅުގަނޑުމެން މި އިގްތިސާދު ކުރިއަށް ގެންދަން ބޭނުންނަމަ އިތުރަށް އަދިވެސް މީހުން އެބަ ބޭނުންވޭ. އެހެންކަމުން އަޅުގަނޑު ގަބޫލުކުރައްވާ ގޮތުގައި އިންސާނީ ހައްގެއްކަން އެއްވަރުކުރުން ފިޔަވައި، އެގޮތަށް ކުރަން ހަމަ ރަނގަޅު. އެހެންނަމަވެސް 6600 ރުފިޔާ ދީގެންނެއް އެއްކަލަ ދެ ލައްކަ ވަޒީފާއަކީ މިދެންނެވި އަދަދުގެ ވަޒީފާ އަދާކުރާ ބިދޭސީން،"

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައިވާ 6400 ރުފިޔާގައި ކޮންސްޓްރަކްޝަން ދާއިރާގެ މެނުއަލް މަސައްކަތްތައް ދިވެހިން ކޮށްފާނެ ކަމަށް ގަބޫލު ކުރައްވަން ދަތި ކަމަށެވެ.

"ވަރަށް ލޯ ސެލަރީއެއްގަ މިއުޅެނީ ގާތްގަނޑަކަށް 120000 އެއްހާ ބިދޭސީން. ކޮންސްޓްރަކްޝަން ދާއިރާގެ މެނުއަލް މަސައްކަތްތަކުގަ. އަޅުގަނޑެއް ގަބޫލެއް ނުކުރަން 6400 މިނިމަމް ވޭޖަށް ކަނޑައަޅައިގެނެއް އެ މަސައްކަތަކަށް ދާނެ މާބައިވަރު ދިވެހިންތަކެއް ތިބޭނެ ކަމަކަށް. އަޅުގަނޑުމެން ބޭނުންވަނީ ބޭރު މީހުން ބޭރުކޮށްފަ ދިވެހިން އެ ވަޒީފާތަކަށް ގެންދަން ކަމަށްވާނަމަ މިނިމަމް ވޭޖް 12000 އަށް ހަދައިގެން އެ އޮބްޖެކްޓިވްއެއް ހާސިލުވާނެ ކަމަށް ގަބޫލެއް ނުކުރެވެ،"

އެކަމާއި ގުޅިގެން ފައްޔާޒު އިތުރަށް ވިދާޅުވީ ދިވެހިންނެކޭ އެއްގޮތަށް ބިދޭސީންނަށް މިނިމަމް ވޭޖް ދޭނަމަ، 270 މިލިއަން ޑޮލަރު އިތުރަށް ދާނެ ކަމަށެވެ. ރާއްޖޭގެ އިގްތިސާދުން އެކަންވާނަމަ ބިދޭސީންނަށް ވެސް މިނިމަމް ވޭޖް ދޭން މައްސަލައެއް ނެތް ކަމަށާއި އަދި މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު ވެސް ބޮޑުކުރުމުގައި ވެސް މައްސަލައެއް ނެތް ކަމަށް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. 


"ގާތްގަނޑަކަށް ކޮންސްޓްރަކްޝަން ދާއިރާގެ 90 އިންސައްތައަކީ ބިދޭސީން. އަޅުގަނޑަށް ހިއެއް ނުވޭ، އެކަމަކު އަޅުގަނޑަށް ފެންނަ ގޮތް ވެސް ގޯސްވެދާނެ. އެކަމަކު އަޅުގަނޑަކަށް ހިޔެއް ނުވޭ 64000 ރުފިޔާ ދީގެންނެއް މާގިނަ މީހުންނެއް ގޮސްދާނެހެން. ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ މެނުއަލް މަސައްކަތަށް،"

އާންމުންގެ ގިނަ ބަޔަކު ހިޔާލު ހުށަހެޅި މި ބައްދަލުވުމުގައި މިނިސްޓަރު އިތުރަށް ވަނީ ރާއްޖޭގެ އިގްތިސާދުގައި ބިދޭސީންނަށް މިނިމަމް ވޭޖް ދޭން ވަރުހުރި ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އެންމެ ކުޑަ އުޖޫރަ ދިނުން އަވަސް ކުރުމަށް ރައީސް ސޯލިހު ވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅޭ ގޮތުން ލަފާދޭނެ ބޯޑެއް މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އެކުލަވާލައްވާފަ އެވެ. މި ބޯޑުން ވަނީ ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރައަކީ 6،400 ރުފިޔާ ކަމުގައި ހަަމަޖެއްސުމަށް މިނިސްޓަރަށް ލަފާ ވެސް ދެއްވާފަ އެވެ. އަދި މިނިސްޓަރު ވަނީ މި އަދަދާއި މެދު ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް އެދިވަޑައިގެންފަ އެވެ. 

މީގެ ކުރިން ވެސް މިނިސްޓަރު ވަނީ މިނިމަމް ވޭޖް ފަށައި ގަންނަ އިރު ބިދޭސީން ނުހިމެނޭނެ ކަމަށާއި މިހާރު ހުށަހަޅާފައިވާ ރޭޓުން ބިދޭސީންގެ މުސާރަ އިތުރު ކުރި ނަމަވެސް ލޯ ސްކިލްޑް ލޭބަރުންގެ މުސާރަ ގާތްގަނޑަކަށް ދެ ގުނަ އިތުރުވެގެން ދާނެ ކަމަށް ވިދާޅުވެފަ އެވެ. 

އެގޮތުން ވިދާޅުވީ ދިވެހިންނާއި ބިދޭސީންނަށް އެއް ހަމަޔެއްގައި މިނިމަމް ވޭޖް ކަނޑައެޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި އެހެން ނަމަވެސް ބިދޭސީން އިސްތިސްނާ ކުރުމަކީ މައްސަލައެއް ނޫން ކަމަށް އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ވެސް ލަފާ ދީފައިވާ ކަމަށެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް