ads
އަލްހާން
އަލްހާން އަނެއްކާވެސް ސްކީމެއް ފަށަނީ
ކިންގް ފޯރެކްސް ޓްރޭޑިން ކުންފުނިން "ޕޮންޒީ ސްކީމެއް" ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލާގެ ތަހުގީގުތަށް ކުރިއަށް ދަނިކޮށް، އަލުން އެ ކުންފުނިން ކުރިއަށް ގެންދިޔަ އިންވެސްޓްމަންޓް ސްކީމް ފަށަން ނިންމައިފި އެވެ.
Advertisement

އަލުން ވިޔަފާރި ފަށަން ނިންމާފައިވާކަން ހާމަކޮށް ރޭ އެ ކުންފުނިން ބުނެފައިވަނީ އެކުންފުންޏަކީ "ޕޮންޒީ އެއް ނޫން" ކަމަށާއި، ބަޔަކު ޕޮންޒީއަކަށް ހަދަން ބޭނުންވެގެން އުޅެނީ ކަމަށެވެ. އަދި ވަރަށް އަވަހަށް އަލުން ވިޔަފާރި ފަށާނެ ކަމަށް ބުންޏެވެ. 

ވިޔަފާރި އަލުން ފަށަން އެކުންފުނިން ދިފާއު އަށް ދެއްކީ އެ ކުންފުނީގެ ބޭންކް އެކައުންޓު ބީއެމްއެލްއިން ފްރީޒްކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން މިދިޔަ މަހު ކުރި ހުކުމެވެ.

ކިންގްސް ކެޕިޓަލްސްއިން ފެށި ސްކީމުގައި ބައިވެރިވެ، ގިނަ ބަޔަކު ފައިސާ އިންވެސްޓްކޮށް ސްކީމް ހިންގަމުން ދަނިކޮށް ބޭންކުން އެ ކުންފުނީގެ އެކައުންޓްތައް ޑީއެކްޓީވޭޓްކޮށް، ފައިސާ ހިފެހެއްޓީ މިދިޔަ އަހަރުއެވެ.

އެކައުންޓްތައް ހިފެހެއްޓުމާ ގުޅިގެން ކިންގްސް ކެޕިޓަލުން ބޭންކާ ދެކޮޅަށް ދައުވާކުރީ:

  • އެކައުންޓްތައް ޑީއެކްޓިވޭޓްކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅުށް
  • ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އެ ކުންފުންޏަށް އޮންނާނެ ކަމަށް ކަނޑައަޅައިދިނުމަށް
  • އޮންލައިން ޓްރޭޑިންއަކީ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން ހުއްދަ ނަގައިގެން ކުރަން ޖެހޭ ވިޔަފާރިއެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް
  • މަނީ ލޯންޑަރިން އާއި ޓެރަރިޒަމް ފައިނޭންސިން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެ ކުންފުނި ރިޕޯޓު ކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައިދިނުމަށް

އެކަމަކު، ކޯޓުން މިދިޔަ މަހު ކުރި ހުކުމުގައި ހަމައެކަނި ނިންމާފައިވަނީ އެކައުންޓު ފްރީޒްކުރީ ގޯސްކޮށް ކަމަށާއި އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދެވިދާނެ ކަމަށެވެ. އެ ކުންފުނި ރިޕޯޓު ކުރީ ގޯސްކޮށް ކަމަށް އަދި އޮންލައިން ޓްރޭޑިންއަކީ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން ހުއްދަ ނަގައިގެން ކުރަން ޖެހޭ ވިޔަފާރިއެއް ނޫން ކަމަކަށް ކޯޓުން ނިންމާފައެއް ނުވެ އެވެ. 

ކިންގްސް ކުންފުނީގެ ވިިޔަފާރި އަލުން ފަށާނެކަން އިއުލާންކޮށްފައިވާއިރު، އެ ކުންފުނިން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭކަމަށް ދައްކައި، މަކަރާ ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑަކުރި މައްސަލައެއް ފުލުހުން ދަނީ ތަހުގީގުކުރަމުން ނެވެ. އެ މައްސަލައިގެ ތެރެއިން މިދިޔަ ޖެނުއަރީ މަސްތެރޭ އަލްހާންގެ ގެ އާއި އޮފީސްވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކޮށްފައެވެ. 

ކިންގް ފޮރެކްސް ޓްރޭޑިން ކުންފުންޏަކީ އަލްހާންގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެކުންފުނިން ހިންގަމުންދިޔަ ސްކީމްތަކަކީ "ސްކޭމެއް" ކަމަށް ބުނެ އެމްއެމްއޭއިން މިދިޔަ އަހަރު ބަޔާން ނެރެފައިވަނިިކޮށް އެކުންފުނީގެ އެކައުންޓުތައް ފްރީޒްކޮށް ޖިނާއީ ތަހުގީގެއް ފުލުހުން ފެށި އެވެ. އަދި އަލްހާންގެ އެދުމަށް ހަމަ އެ އަހަރު އެކައުންޓުގައި ހުރި 3 މިލިއަނެއްހާ ރުފިޔާ އޭނާއާ ހަވާލުކޮށް އެކައުންޓު ބަންދުކުރި އެވެ. އިންވެސްޓްކުރި މީހުންގެ ފައިސާ 20 ދުވަހުގެ ތެރޭގައި ދޭނެ ކަމަށް އޭރު އަލްހާން ބުނިނަމަވެސް އެފައިސާ މިއަދާއި ހަމަޔަށް އެފަރާތްތަކާއި ހަވާލުކޮށްފައެއް ނުވެއެވެ. 

އޭގަފަހުން އެ ކުންފުނީގެ ވިޔަފާރި ހުއްޓާލިކަން މިިދިޔަ އަހަރުގެ އެޕްރީލްތެރޭ އިއުލާން ކުރި އެވެ. އަދި އެހާތަނަށްވެސް އިންވެސްޓުކުރި ފަރާތްތަކަށް ފައިސާ ހަވާލުކޮށްފައި ނުވާތީ އެ މީހުންގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވެއެވެ. ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ހޯދައި އެ ފައިސާ ލޯންޑާކުރި ކަމަށް ތުހުމަތުކޮށް އަލްހާންގެ މައްޗަށް ފުލުހުން ޖިނާއީ ތަހުގީގެއް ހިންގަމުން ދިޔަ ނަމަވެސް އޭނާ ވަނީ އެ ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރު ކޮށްފަ އެވެ.

އަލްހާން ބުނެފައިވަނީ، ނުސީދާކޮށް ބަޔާންނެރެ، ދޮގު އިލްޒާމު އަޅުވާ، ވިޔަފާރި ހުއްޓުވާލުމަށްފަހު، މަކަރާ ހީލަތުން މީހުންގެ ފައިސާ ނަގައިގެން މަނީ ލޯންޑަ ކުރާ ކަމަށާއި، ކުންފުނީގެ އެހެން ހިއްސާދަަރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންމެދުވެރިކޮށްގެން ކުރާ އެ މަސައްކަތަކީ ގާނޫނާއި ހިލާފު އަމަލެއް ކަމަށެވެ.  

ކުޑަ ދުވަސްކޮޅެއް ތެރޭ ބޮޑު ފައިދާއެއް ހޯދައި ދޭނެ ކަމަށް ބުނެ މީހުން އަތުން ފައިސާ ނަގައިގެން ރާއްޖޭގައި ބޮޑު ފްރޯޑެއް ހިންގަމުން ދާ ކަމަށް ބުނެ އެކަމަށް ހާއްސަ ސަމާލުކަމެއްދީ، ފައިސާ ނުދިނުމަށް އެދި އެމްއެމްއޭއިން މިދިޔަ އަހަރުގެ މާޗު މަސްތެރޭ ނެރުނު ބަޔާނުގައި ވާގޮތުން އެ ސްކޭމްގައި، ފައިދާ ވާނެ އެކި ކަހަލަ ސްކީމްތަކަށް ކަމަށް ބުނެ އާންމުންގެ ކިބައިން ފައިސާ ނަަގަ އެވެ. އެނަގާ ފައިސާއިން އެ ފަރާތްތަކަށް އިންވެސްޓްކޮށްދިނުމުގެ ބަދަލުގައި، އެ ފައިސާ ބޭނުން ކުރަނީ އަމިއްލަ ބޭނުމަށް ކަމަށާއި، ކުރީކޮޅުގައި ބައިވެރިވާ ފަރާތްތަކަށް ފައިސާ ދެނީ އޭގެ ފަހުން ބައިވެރިވާ ފަރާތްތަކުގެ ފައިސާއިން އެމްއެމްއޭއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. 

އެމްއެމްއޭއިން ނެރުނު ބަޔާނުގައި ވަކި ކުންފުޏެއްގެ ނަން ހާމަ ކޮށްފައި ނުވި ނަމަވެސް އެ ބަޔާން ނެރުނުތާ ކުޑަ ވަގުތުކޮޅެއް ތެރޭ، އަލްހާން ފަހުމީގެ ކިންގްސް ގެ އެކައުންޓު ބީއެމްއެލް އިން ފްރީޒްކުރި އެވެ. ބޭންކުން އެކަން ކުރީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. 

50%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް