
ރިހުލާ ގޭބަންދަށް ބަދަލުކުރިކަން "ސީއެންއެމް" އަށް ކަރެކްޝަނުން ވަނީ ޔަގީންކޮށްދީފަ އެވެ. އެކަމަކު އޭނާ ގޭބަންދަށް ބަދަލުކުރި ސަބަބު ހާމަކުރަން އުޒުރުވެރިވި އެވެ. ކަރެކްޝަނުން ބުނީ، އޭނާ ގޭބަންދަށް ބަދަލުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އިތުރު ތަފްސީލެއް އެއްވެސް އިދާރާއަކުން ހިއްސާއެއް ނުކުރި އެވެ.
ސީއެންއެމް އަށް ކަށަވަރުކުރެވިފައިވާ ގޮތުގައި އޭނާ ގޭބަންދަށް ބަދަލުކުރީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ ގޭބަންދަށް ބަދަލުކުރީ ބަނޑުބޮޑުވެގެންނާއި، ސިއްހީ ހާލަތައް ރިއާޔަތްކޮށް ކަމަށް ވެއެވެ.
އުމުުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ޔުނާންގެ ދެ މަފިރިން ހައްޔަރުކުރީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެެ. އެ ދެމަފިރިން ހައްޔަރުކުރީ އެދެމީހުން ހައްޔަރުކުރަން ގޮވާލާއި ގިނަ ބަޔަކު އެމީހުން ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމަންޓް ދޮށުގައި އަޑުއުފުލި ފަހުންނެވެ.
އެ ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން އަމުރުކުރީ އޮކްޓޫބަރު 14 ވަަނަ ދުވަހު އެވެ. 2019 ވަނަ އަހަރާއި 2020 ވަަނަ އަަހަރުގެ ތެރޭގައި އެކި ދުވަސްމަތިން އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލާގައި، ޔުނާންގެ މައްޗަށް ނުވަ ދައުވާ، ރިހްލާގެ މައްޗަށް ފަސް ދައުވާ ކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅީ 2020 ވަނަ އަހަރުގެ ނޮވެމްބަރު 2 ވަނަ ދުވަހު އެވެ. މިމައްސަލައަށް ދެ އަަހަރުވީއިރު އަދިވެސް މައްސަލަ އޮތީ ހުޅުމާލެ ކޯޓުގައެވެ. މިކަމާއި ގުޅޭގޮތުން ޕީޖީ އޮފީހުގެ ބަހެއްވެސް ވަނީ ލިބޭގޮތް ނުވެފައެވެ.
ރިހުލާގެ މައްޗަށް އުފުލި 5 ދައުވާ:
- ކުޑަ ކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ
- ކުޑަކުއްޖަކުު އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު، އެކުއްޖާގެ ހާޒިރުގައި އެކުއްޖާއަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ 2 ދައުވާ
- އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ
- އޮރިޔާންކާޑު އުފެއްދުމުގެ ދައުވާ
ޔުނާންގެ މައްޗަށް އުފުލި 9 ދައުވާ:
- ކުޑަ ކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު އެކުޑަކުދިންނަށް ދެއްކުމުގެ 2 ދައުވާ
- އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، އެކުއްޖާ ލައްވާ ޖިންސީ އަމަލެއް ހިންގުމުގެ 2 ދައުވާ
- އާއިލާގެ މެމްބަރަކު އެ އާއިލާގެ ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާގެ
- ކުޑަކުއްޖަކުު އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު، އެކުއްޖާގެ ހާޒިރުގައި އެކުއްޖާއަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ 2 ދައުވާ
- އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ
- އޮރިޔާންކާޑު އުފެއްދުމުގެ ދައުވާ
ޔުނާންގެ ދެމަފިރީން ހައްޔަރުކުރިއިރު ތުއްތު ދަރިއަކުވެސް ހުރެއެވެ. އެކަމަކު އެކުއްޖާގެ ބޭސްފަރުވާއަށް ކަމަށް ބުނެ، އާންމުންގެ ކިބައިން ސަލާންޖަހައިގެން ހޯދި ފައިސާއިން ދެމަފިރީން ބޭރަށް ގޮސް ވިޔަފާރި ކުރިކަމުގެ ތުހުމަތުތައްވެސް ރައްދުވެ، އެދަމަފިރީންނަށް ފާޑުކިޔުންތައް އަމާޒުވި އެވެ. އެކަން އެދެމަފިރީން އޭރު ދޮގުކުރި އެވެ.