
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެފައިވަނީ ޑޭކެއާގެ ހިދުމަތް ފެށުމަށް އެ ކުންފުނީގެ ފަރާތުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އިމާރާތުގެ އިންޓީރީއާގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށާއި ފަރުނީޗަރުތައް ހަމަކޮށް ކުދިންނަށް ބޭނުންވާ އެކި ވަސީލަތްތައް ގާއިމުކޮށްފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ މިހާރު ކުރެވެމުން ދަނީ އެތަނުގައި ކުދިން ބެލެހެއްޓުމުގައި ހަރަކާތްތެރިވާނެ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކަމަށާއި ހުރިހާ ކަމެއް ހަމަޖެހި ނިމުމުން ޑޭކެއާ ހުޅުވޭނެ ކަމަށެވެ.
އެމްޕީއެލުން ބުނި ގޮތުގައި އެ ކުންފުނީގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދިނުމާ އެކު، މަސައްކަތުގެ މާހައުލަކީ މުވައްޒަފުންނަށް ހިތްހަމަޖެހިގެން މަސައްކަތް ކުރެވޭ ތަނަކަށް ހެދުމަކީ ކުންފުނިން ހާއްސަ އިސްކަމެއްދޭ ކަމެއް ކަމުގައެވެ.
ސްޓެލްކޯއިން ހުޅުވި ޗައިލްޑް ކެއާ ސެންޓަރު - ފޮޓޯ:ސްޓެލްކޯ
ސަރުކާރު ކުންފުނިތަކުގެ ތެރެއިން ޑޭކެއާގެ ހިދުމަތް އެންމެ ފުރަތަމަ ފަށާފައިވަނީ ސްޓެލްކޯއިންނެވެ. އެ ކުންފުނީގެ ޗައިލްޑް ކެއާ ސެންޓަރު ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ނިމިދިޔަ މަހުގެ ތެރޭގައި އެސްޓީއޯއިން ވަނީ އެ ކުންފުނީގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ހާއްސަކޮށް ޑޭކެއާ އެސިސްޓެންޓް ޕްރޮގްރާމް އެސްޓީއޯ 'ލިޓްލް ވޮންޑާސް' ފަށާފައެވެ. އެ ޕްރޮގްރާމުގެ ދަށުން އަށް އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް، ރަޖިސްޓްރީކޮށްފައިވާ ޑޭކެއާ ފެސިލިޓީއެއްގައި ބައިވެރިވުމަށް ކޮންމެ މަހަކު 2،500 ރުފިޔާ އާ ހަމައަށް އެހީތެރިވެދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ފަހުރުވެރި އާއިލާއެއް ބިނާކުރުމާ އެކު، އަންހެނުން ބާރުވެރިކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތަކަށްވީއިރު، އެކަމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ދަނީ ގިނަ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން ވިހެއުމުގެ ސަބަބުން ލިބޭ ޗުއްޓީގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.
އޭގެ އިތުރުން ސަރުކާރުގެ ޒިންމާދާރު މަގާމުތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުމުގެ ގޮތުން އިސް މަގާމުތަކުގައި ތިބޭ އަންހެނުންގެ އަދަދު އިތުރުކޮށްފައިވާއިރު، ގާނޫނުތައް އިސްލާހުކޮށް އިންތިހާބީ މަގާމުތަކުގައި އަންހެނުން ތިބޭ އަދަދުވެސް ވަނީ އިތުރުކޮށްފައެވެ.