ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މިމައްސަލަ އިދިކޮޅު ފަރާތްތަކުން ސްޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.
ޑޮކްޓަރުންގެ ލަފާގެ މަތިން ތައިރޮއިޑް އޮޮޕަރޭޝަނެއް ކުރެއްވުމަށް ރައީސް ސޯލިހު ސިންގަޕޫރަށް ވަޑައިގެން އޮޕަރޭޝަން ކުރެއްވުމަށް، ރާއްޖޭގެ ރައީސްކަމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން ނައިބު ރައީސް ފައިސަލް ނަސީމް އާއި ހަވާލުކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ 25 ވަނަ ދުވަހު އެވެ.
ރައީސްކަމުގެ މަސްއޫލިއްޔަތުތަކާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވުމުގެ ކުރިން އެ ދުވަހުގެ ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލްވަނީ ގާނުނު އަސާސީގެ 126 ވަނަ މާއްދާގައިވާގޮތުގެ މަތިން އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނުގެ ކުރިފުޅުމަތީގައި ރައީސްކަމުގެ ހުވައިކުރައްވާފަ އެވެ.
ގާނޫނު އަސާސީ ބުނާގޮތުން ސިއްހީ ހާލުކޮޅުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާއިހުރެ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކު މަސްއޫލިއްޔަތު އަދާކުރައްވަން އުޒުރުވެރިވާ ހާލަތެއްގައި އެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ހަވާލުވާނީ ރައީސްގެ ނައިބާއެވެ.
ނައިބު ރައީސަށް އެމަސްއޫލިއްޔަތު އަދާނުކުރެވޭ ހާލަތުގައި އެވާޖިބުތައް ދެން ހަވާލުވާނީ މަޖިލީހުގެ ރައީސްއެވެ. އަދި މަޖިލީހުގެ ރައީސްއަށް ހަވާލު ނުވެވޭނަމަ ދެން ހަވާލުވާނީ މަޖިލީހުގެ ނައިބު ރައީސްއެވެ. މަޖިލީހުގެ ނައިބު ރައީސަށް ވެސް ހަވާލު ނުވެވޭނަމަ ދެން ހަވާލުވާނީ މަޖިލީހުން ފާސްކުރާ ގަރާރަކުން ހޮވާ މަޖިލީހުގެ މެމްބަރެކެވެ.
ނަމަވެސް މިމައްސަލާގައި އިދިކޮޅުން ބުނެފައިވަނީ އެކަން ހިނގައިދިޔައީ ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަވެގެންކަމަކަށް ގަބޫލެއްނުކުރެވޭ ކަމަށެވެ.
މައްސަލަ ހުށަހެޅުމަށްފަހު އިދިކޮޅު ކޯލިޝަނުން މިއަދު ބުނީ، ނައިބު ރައީސްއަކީ ރައީސުލްޖުމްހޫރިއްޔާ އުޒުރުވެވަޑައިގަންނަވާ ވަގުތު ގާނޫނީ ގޮތުންވެސް ރައީސުލްޖުމްހޫރިއްޔާގެ މަޝްއޫލިއްޔަތު އަދާކުރެއްވުން ގާނޫނު އަސާސީން ލާޒިމް ކުރާ ބޭފުޅެއް ކަމަށެވެ. އެހެން ކަމުން އެ މަސްއޫލިއްޔަތާއި ވަގުތީގޮތުން ހަވާލުވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރައްވަން ނައިބު ރައީސްއަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން ގަބޫލު ކުރަނީ ނައިބު ރައީސް، ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރެއްވި ވަގުތުން ފެށިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ ނައިބު ރައީސް ފައިސަލް ނަސީމު ކަމަށެވެ.
މިމައްސަލަ ބަލައި ނުގަތުމަށް ސްޕްރީމް ކޯޓްގެ ރެޖިސްޓްރާ ނިންމެވި ނަމަވެސް އެ ނިންމުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު އަދި އޮންނާނެއެވެ. އެހެންކަމުން މައްސަލަ ބަލައިގަތުމާއި ގުޅޭގޮތުން ފަހުގެ ނިންމުމެއް ނިންމޭނީ ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ މަޖިލީހަށެވެ.