މިފްކޯ އަލަށް ގެންނަ މަސްކިރާ ބޯޓާއި ބެހޭގޮތުން ފައުޒީ ވިދާޅުވީ، މި ބޯޓަކީ ޖަޕާނުން ގަނެފައިވާ ބޯޓެއް ކަމަށާއި، ބޯޓުގެ އިތުރަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ޑޮކް ކޮށްފައިވަނީ ސައުތު ކޮރެއާގައި ކަމަށެވެ. އަދި މަސައްކަތް ނިންމާ، ރާއްޖެއަށް ދަތުރު ފަށާފައިވާ ކަމަށާއި، އަންނަ އެޕްރީލްމަހުގެ 6 ނުވަތަ 7 ވަނަ ދުވަހުގެ ވަގުތެއްގައި ބޯޓަށް މާލެ އާދެވޭނެކަމަށެވެ.
"ޖަޒީރާ 103" ގެ ނަމުން ނަންދީފައިވާ މި ބޯޓު ގެނައުމާއި އެކު، މިފްކޯގެ މަސްކިރުވާ އަދި މަސްފިނިކުރުމުގެ ކެޕޭސިޓީއަށް އަންނާނެ ބަދަލާއި ބެހޭގޮތުން ސުވާލުކޮށްލުމުން އިސްމާއިލް ފައުޒީ ވިދާޅުވީ، ޖަޒީރާ 103 އިން ދުވާލަކަށް 120 ޓަނުގެ މަސްކިރުވޭނެ ކަމަށާއި، އަދި 420 ޓަނުގެ މަސް ރައްކާކުރެވޭނެކަމަށެވެ.
އަދި މިވަގުތަށްބަލާއިރު، މިއީ މަސްވެރިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެކަމަށްވެސް އިސްމާއިލް ފައުޒީ ވިދާޅުވިއެވެ. އިތުރަށް ވާހަކަ ދައްކަވަމުން އިސްމާއިލް ވިދާޅުވީ، މިފްކޯގެ މިހާރުގެ ކެޕޭސިޓީ ރާއްޖެއިން ދެކުނުގައި ހުރި މިންވަރަކީ ކޫއްޑޫއަށް 300 ޓަނުގެ މަސް، އަދި އައްޑޫއަށް 60 ޓަނުގެ މަސްކިރުވުން ކަމަށާއި، މިބޯޓާއި އެކު އިތުރު 120 ޓަނުގެ މަސްކިރުވާލެވޭނެ ކަމަށެވެ.
މިވަގުތުވެސް ކޫއްޑޫގެ ކެޕޭސިޓީ އަށް އިތުރު 120 ޓަނު އިތުރުކުރުމުގެ މަސައްކަތް ކުރިއަށް އެބަދާކަމަށާއި، އެމަސައްކަތް ނިމުމާއި އެކު، އަލަށް އިތުރުވި މި ބޯޓާއި އެކު މިފްކޯގެ މަސްކިރުވާ އަދި މަސް ރައްކާތެރިކުރާ ކެޕޭސިޓީ އަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ވެސް އިސްމާއިލް ވިދާޅުވިއެވެ. އަދި މި ބޯޓަކީ އެއްކޮށް ފައިސާ ދައްކައިގެން ގެންނަ ބޯޓެއްކަމަށްވެސް އިސްމާއިލް ވިދާޅުވިއެވެ.
މިބޯޓު ރާއްޖެއަށް ދަތުރުކުރުމަށް ސައުތު ކޮރެއާއިން ފުރައިފިކަން ހާމަކޮށް، އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ހުސެއިން އަމްރު ވެސް ވަނީ ޓްވީޓެއް ކުރައްވާފައެވެ. މި ޓްވީޓްގައި، މި ބޯޓަކީ އެސްޓީއޯ އިން ހަރަދުކޮށްގެން ގެންނަ ބޯޓެއްކަމަށް އަމްރު ފާހަގަކުރައްވާފައިވެއެވެ. މިހާރު މިފްކޯ ހިންގަމުންދަނީ އެސްޓީއޯގެ ދަށުން، އެކުންފުނީގެ ސަބްސިޑިއަރީ ކުންފުންޏުެއްގެ ގޮތުގައި އެވެ.
ކިރިޔާވެސް މަސްވެރިކަން ރަނގަޅުވެއްޖެނަމަ، ބާނާ މަސްކޮޅު ނުކިރި، އެތަކެއް ދުވަސްތަކެއް ވަންދެން ކިއުގައި ތިބެންޖެހޭ ކަމަށް ބުނެ، ދިވެހި މަސްވެެރިން އަބަދުވެސް ކަންބޮޑުވުން ފާޅުކުރެއެވެ. ޖަވާބުގައި އަބަދުވެސް މިފްކޯ އިން ބުނަމުންދަނީ މަސްކިރުވަނީ މިފްކޯގެ ދުވާލެއްގެ މައްޗަށް މަސްކިރުވާ ކެޕޭސިޓީ އަށް ވާވަރަށް ކަމަށެވެ. މި ބޯޓާއި މިަކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެކަމަށް ގަބޫލުކުރެވެއެވެ.