
ވޭތުވެދިޔަ އަހަރާ އަޅާކިޔާ ނަމަ މި އަހަރު އެކި ބާވަތްތަކުގެ ކާބޯތަކެއްޗާ އެކު ބާޒާރުމަތި ފެންނަނީ ތިޔާގިކޮށެވެ. އަހަރެމެން އާންމުކޮށް ކެއުމަށް މި ބޭނުން ކުރާ ގިނަ ބާވަތްތަކުގެ ތަކެތި ބާޒާރުން ލިބެން އެބަހުއްޓެވެ. މިއަދުގެ އަގުތައް ހުރީ ގާތްގަނޑަކަށް ރޯދަ ފެށުމުގެ ކުރިން ހުރި މިންވަރުގައި ހިފެހެއްޓިފައެވެ. މިހާ ހިސާބުން މިއަދުގެ ބާޒާރަށް ޖެހިލަމާ ހިނގާށެވެ.
މިއަދުގެ ބާޒާރުގެ އަގުތައް:
ބާޒާރުގައި ހުރި ބައެއް ބާވަތްތަކުގެ ތަކެތީގެ އަގުތަކަށް ބަލާލާއިރު،
- ކަރާ - ކިލޯއެއް ލިބެން ހުރީ 25 - 30 ރުފިޔާ އާ ދެމެދުގެ އަގަކަށް
- ކާއްޓެއް - ލިބެން ހުރީ 10 - 15 ރުފިޔާ އާ ދެމެދުގެ އަގަކަށް
- ގަނބުޅިއެއް - 25 - 35 ރުފިޔާ އާ ދެމެދުގެ އަގަކަށް ލިބޭ
- ކުރުނބަލެއް - 40 - 45 ރުފިޔާ އާ ދެމެދުގެ އަގަކަށް ލިބެން އެބަހުރި
- ގިތެޔޮ މިރުސް - 100 ގްރާމް ލިބެނީ 25 - 30 ރުފިޔާ އާ ދެމެދުގެ އަގަކަށް
- ކޮޕީ ފަތެއް - 3 ރުފިޔާއަށް ލިބޭ
- ކުއްޅަފިލާ - ބޮނޑިއެއް 15 ރުފިޔާއަށް
- ހިކަނދިފަތް - ބޮނޑިއެއް ލިބެން ހުރީ 15 ރުފިޔާއަށް
- ރާނބާފަތެއް - ފަތެއް 10 ރުފިޔާއަށް ލިބެން އެބަހުރި
- ފަޅޯ - ކިލޯއެއް ލިބެނީ 30 ރުފިޔާއަށް
- ބަަރަބޯ - ކިލޯއެއް ލިބެނީ 45 ރުފިޔާއަށް
- ކަށިކެޔޮ ވަކެއް - 8 ރުފިޔާ އަށް ލިބޭ
މިއަދުގެ ބާޒާރުގައި މަހުގެ ބާވަތްތަކުގެ އަގުތައް ހުރިގޮތް:
- ކަންނެލި އަދި ކަނޑުމަސް - ކިލޯއެއް 40 - 45 ރުފިޔާއަށް ލިބޭ
ކަންނެލި އަދި ކަނޑުމަސް ކިލޯއެއް 40 - 45 ރުފިޔާ އާ ދެމެދުގެ އަގަކަށް ލިބެން އެބަހުރި - ފޮޓޯ:ސީއެންއެމް
އާންމު ކާބޯތަކެތީގެ އަގުތައް ހިފެހެއްޓުމަށް ޓަކައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވަނީ ބިސް، ފިޔާ އަދި އަލުވީގެ ބޮޑު ޝިޕްމަންޓެއް އެތެރެކޮށްފައެވެ. މިފަހުން އެ ކުންފުނިން ވަނީ އެ ބާވަތްތައް ހޯލްސޭލްކޮށް ވިއްކާ އަގުތައް ވެސް ހެޔޮކޮށްފައެވެ.
އެސްޓީއޯއިން ހިއްސާކޮށްފައިވާ ގޮތުގައި:
- ކުރިން 170 ރުފިޔާއަށް ފިޔާ ބަސްތާއެއް ވިއްކި ނަމަވެސް، ދެން ވިއްކާނީ 160 ރުފިޔާއަށް
- ކުރިން 250 ރުފިޔާއަށް ވިއްކި އަލުވި ބަސްތާ ދެން ވިއްކާނީ 240 ރުފިޔާއަށް
- ކުރިން ބިސް ކޭހެއް 290 ރުފިޔާއަށް ވިއްކި ނަމަވެސް، މިހާރު ވިއްކާނީ 280 ރުފިޔާއަށް
އެސްޓީއޯއިން ބުނީ ހޯލްސޭލް އަގު އިތުރަށް ހެޔޮ ކުރީ ކަސްޓަމަރުންނަށް ވީ އެންމެ ހެޔޮ އަގުގައި ފަސޭހަކަމާ އެކު މި ބާވަތްތައް ރޯދަ މަހު ލިބޭނެ ގޮތް ހެދުމަށް ކަމަށެވެ.
ފިޔާ، އަލުވި އަދި ބިސް ލިބެން ހުންނާނެ ރީޓެއިލް އަގުތައް:
- އަލުވި ކިލޯއެއް - 11 ރުފިޔާއަށް
- ފިޔާ ކިލޯއެއް - 9 ރުފިޔާއަށް
- ބިހެއް - 1.75 ރުފިޔާއަށް
މިއަހަރުގެ ރޯދަ މަހު ބާޒާރުގައި ތަކެތީގެ އަގުތައް އުފުލުނަ ނުދީ ހިފެހެއްޓުމުގެ ގޮތުން އެސްޓީއޯއިން ދަނީ މަސައްކަތްތަކެއް ކުރަމުންނެެވެ. އެގޮތުން ލިނބޯގެ އަގު އުފުލުމާ ގުޅިގެން އެ ކުންފުނިން ވަނީ ރާއްޖެއަށް ލިނބޯ އެތެރެކޮށް ވިއްކަން ފަށާފައެވެ. އެސްޓީއޯގެ ފިހާރަތަކުން ލުނބޯ ކިލޯއެއް ވިއްކަމުން ދަނީ 60 ރުފިޔާގެ އަގަކަށެވެ.
ބާޒާރުގައި ކާށި ލިބުން ދަތިވެ، ކާށީގެ އަގު ބޮޑުވެފައިވާތީ އަގު ދަށް ކުރުމުގެ ގޮތުން އެސްޓީއޯއިން ވަނީ ރާއްޖޭން ބޭރުން ކާށި ގެނައުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ. އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު މުހައްމަދު ރަޝާދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އެސްޓީއޯއިން ގެންނަ ކާށި ޝިޕްމެންޓް މި މަހުގެ 27 ވަނަ ދުވަހު ރާއްޖެއަށް ވަންނާނެ ކަމަށެވެ.
މިއީ މިގޮތަށް ރާއްޖޭން ބޭރުން ކާށި ގެންނަ ފުރަތަމަ ފަހަރެވެެ.