
އުޘްމާންގެފާނަކީ (ރ.އ) މާތް ރަސޫލާ މުޙައްމަދު (ސ.އ.ވ) އަށްފަހު އިސްލާމީ އުއްމަތުގައި ވެރިކަންކުރެއްވި 3 ވަނަ ޚަލީފާއެވެ. ޚަލީފާ ކަމުގައި ހުންނަވައިގެން، އިސްލާމީ ޚިލާފަތު މަރުކަޒީ ކުރައްވާ، ފުރަތަމަ ފަހަރަށް، ކީރިތި ގުރުއާނުގެ ރަސްމީ ފޮތެއް ނެރުއްވުންފަދަ ކަންތައް ކުރައްވާފައިވެއެވެ. އުޘްމާނުގެފާނަކީ، އިސްލާމީ ތާރީޚްގައި ވަރަށް މުހިއްމު ބޭފުޅެކެވެ. އެއީ އެކަލޭގެފާނު އަވަހާރަވުމާއި އެކު، އިސްލާމީ މުޖުތަމައުތެރޭގައި "ދީނީ އަދި ސިޔާސީ ކޯޅުން" ހިނގަންފެށުމުންނެވެ.
ދަރިފަސްކޮޅު އަދި މަގާމް
އުޘްމާންގެފާނުގެ ފުރިހަމަ ނަންފުޅަކީ، "އުޘްމާން ބިން އަލްއާސް ބިން އުމައްޔާ ބިން އަބްދުލް ޝަމްސް ބިން އަބްދުލް މަނާފް" އެވެ. މާތް ރަސޫލާ މުޙައްމަދު (ސ.އ.ވ) އަށްވުރެ، 5 އަހަރު އުމުރުފުޅުން ހަގު ކަމަށް ބުނެވެއެވެ. ބައްޕާފުޅު ވަނީ އިސްލާމްދީން ބާވައިލެއްވުމުގެ ކުރިން އަވަހާރަވެފައެވެ. މަންމާފުޅުގެ ނަންފުޅަކީ އަރްވާ ބިންތް ކުރައިޒް ކަމަށާއި، އެކަމަނާ އަވަހާރަވީ ދަރިކަލުން އުޘްމާންގެގާނުގެ ޚިލާފަތުގެ ދުވަސްވަރުކަމިގައި ބުނެވެއެވެ. އެކަލޭގެފާނަކީ އިސްލާމުންގެ ދެ ހިޖުރައިގައި ވެސް ބައިވެރިވެވަޑައިގެންނެވި ބޭކަލެކެވެ.
ފުރަތަމަ ކައިވެނި ބައްކަވައިގަތީ، މާތް ރަސޫލާ މުޙައްމަދު (ސ.އ.ވ)ގެ ދަރިކަނބަލުން ރުޤައްޔާ ބިންތި މުހައްމަދު އާއިއެވެ. އެކަމަނާ ބަދުރު ހަނގުރާމައިގެ ދުވަސްވަރު އަވާހާރަވުމާއިއެކު މާތްރަސޫލާ މުޙައްމަދު (ސ.ޢ.ވ) އެކަމަނާގެ ކޮއްކޯފުޅު އުއްމު ކުލްޘޫމް ބިންތި މުޙައްމަދު އާއި އުޘްމާނު ގެފާނު ކައިވެނި ކުރެއްވިވެއެވެ.
ހަށިގަނޑުގެ ބައެއް ސިފަފުޅުތައް
ބުނެވޭގޮތުގައު އުޘްމާންގެފާން (ރ.އ) އަކީ އެދުވަސްވަރުގެ ފިރހިހެނުންގެ ތެރެއިން ރީތިކަމަށް މަޝްހޫރު ބޭފުޅެކެވެ. އާދައިގެ އިސްކޮޅަކާއި، ދިގު ތުނބުޅިއެއްގެ ވެރިއެއްކަމަށްވެސް ބުނެވެއެވެ.
ދުން-ނޫރައިން ގެ ލަގަފުޅު
ބުނެވޭގޮތުގައި، މާތް ރަސޫލާ މުޙައްމަދު (ސ.އ.ވ) ގެ ދެ ދަރިކަނބަލަކާއި ކައިވެނި ކުރެއްވެވި ފަރާތެއް އުޘްމާންގެފާން (ރ.އ) ނޫނީ ނުވެއެވެ. އަދި މިކަމަށްޓަކައި "ދުން ނޫރައިން" އޭ ކިޔާ މުޚާތަބްކުރެވިފައިވެއެވެ. އުޘްމާންގެފާން (ރ.އ) އަކީ އެބަޔަކު ސުވަރުގެ ވައްދަވާނެކަމުގެ އުފާވެރި ޚަބަރު ދުނިޔޭގައި ތިއްބަވަނިކޮށް ލިބިވަޑައިގެންނެވި ދިހަ ބޭކަލުންގެ ތެރެއިން އެއްބޭކަލެވެ. އަދި އެކަލޭގެފާނަކީ ކީރިތި ރަސޫލާގެ އަސްހާބްބޭކަލުންގެ ތެރެއިން، ކީރިތި ގުރުއާން ފޮތެއްގެ ސިފައިގައި އެއްކުރެއްވި އެއްބޭކަލެވެ.
އުޘްމާންގްފާން (ރ.އ) ޖުމްލަ 8 ކައިވެނިކުރެއްވެވި ކަމަށް ބުނެވެއެވެ. އަދި އޭގެތެރެއިން 5 ކައިވެނިފުޅަކުން 9 ފިރިހެން ދަރިން ލިބިވަޑައިގެންނެވިކަމަށްވެސް ބުނެވެއެވެ.
ކުރީގެ ހަޔާތްޕުޅުން ތަންކޮޅެއް
އިސްލާމްވެ ވަޑައިގަތުމުގެ ކުރިން އުޘްމާންގެފާން (ރ.އ) އަކީ، ޖާހިލިއްޔަ ޒަމާނުގެ މީސްތަކުންގެ މެދުގައި، އެކަލޭގެފާނުގެ މުއްސަދިކަމާއި، ކަންކަން އެނގިވަޑައިގެން ހުންނެވި މޮޅުކަމާއި، މަތީ ދަރަޖައާއި، އަދި ވާހަކަދެއްކެވުމަށް އެހާފަރިތަ ބޭފުޅެއްކަމުން، ވަރަށްވެސް މަޝްހޫރު، އަދި އޭރުގެ ރައްޔިތުން ނުހަނު ލޯބިވާ ބޭފުޅެއްކަމަށް ބުނެވެއެވެ.
އެކަލޭގެފާނަށް ލިބިވަޑައިގެންހުންނެވި ބައެއް އިލްމްތަކުގެ ތެރޭގައި، އެކި މީސްމީހުންގެ ދަރިފަސްކޮޅާއި ބެހޭ މައުލޫމާތާއި، ބަސްމޮށުންތެރިކަމާއި ބެހޭ އިލްމާއި، އަދި މުހިއްމު ތާރީޚުތަކާއި އެތާރީޚުގައި ހިނގާފައިވާ ހާދިސާ ތަކުގެ އިލްމް ހިމެނެއެވެ. ސީރީއާ އަދި އިތިއޯޕިއާ އަށް ދަތުރުކުރައްވައި، އަރަބިން ނޫން އެހެން މީސްތަކުންގެ ދިރިއުޅުމާއި، އެމީހުންނާއި އަރަބީންނާއި ހުރި ތަފާތުތައް ފާހަގަކުރައްވައި، އެކަމުގެ މައުލޫމާތު ހޯއްދެވެވިއެވެ. މިއީ އެޒަމާނުގެ އެހެނިހެން އަރަބީންނަށް އެއްވެސް ވަރަކަށް އެނގިފައިވާ މައުލޫމާތު ތަކެއް ނޫނެވެ. އެކަލޭގެފާނުގެ ބައްޕާފުޅުގެ ފަރާތުން ވާރުތައިން ލިބިލެއްވި ވިޔަފާރި ވަރަށް ރަނގަޅަށް ބަހަލައްޓަވާ، އިތުރަށް ފައިދާވާ ވިޔަފާރިއަކަށް ހެއްދެވިއެވެ. އެކަލޭގެފާނަކީ ބަނޫ އުމައްޔާ ގަބީލާގެ ފަރާތުން ގުރައިޝުންގެ ވެރިންގެ ތެރޭގައި ހިމެނޭ ބޭފުޅެއްވެސްމެއެވެ. މިހުރިހާ ސަބަބަކާއި ހުރެ، އުޘްމާންގެފާން (ރ.އ) އަކީ، އެކަލޭފާނު ދެކެ، ރައްޔިތުން ވަރަށް އިހްތިރާމްކުރާ، އަދި އެވަރަށް ލޯބި ވި ބޭކަލެއްކަމަށްވެސް ބުނެވެއެވެ.
އިސްލާމްވެ ވަޑައިގަތުން
އިސްލާމްވެ ވަޑައިގެންނެވިއިރު އުޘްމާންގެފާން (ރ.އ) ގެ އުމުރުފުޅަކީ 34 ކަމުގައި ބުނެވެއެވެ. އަދި އެއީ ހަތަރުވަނައަށް އިސްލާމްދީން ގަބޫލްކުރެއްވި ބޭކަލަކީވެސް އުޘްމާންގެފާނުކަމަށް ބުނެވެއެވެ. އުޘްމާންގެފާނުގެ ކުރިން އިސްލާމްވެވަޑައިގެންނެވި ބޭފުޅުންނަކީ އަބޫބަކްރް އަލް ސިއްދީގީ (ރ.އ)، އަލީ އިބްން އަލީ ތާލިބް (ރ.އ)، އަދި ޒައިދް އިބްން ހާރިސް (ރ.އ) އެވެ. އުޘްމާންގެފާން އިސްލާމްވެ ވަޑައިގަތުމަށް ގޮވާލެއްވީ އަބޫބަކުރުގެފާނު (ރ.އ) އެވެ. މިގޮވާލެއްވުމާއެކު، އެއްވެސް ފަސްޖެހުމެއް ނެތި، ހަމަވަގުތުން އިސްލާމްދީން ގަބޫލްކުރެއްވެވިކަމަށް ބުނެވެއެވެ.