ads
މަދީނާ އާބާދުވަމުން އައި ގޮތުގެ ތަސްވީރެއް
އަލީގެފާނުގެ ކުރީގެ ދިރިއުޅުއްވުން
މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ސީއެންއެމުން މިގެނެސްދެނީ އިސްލާމީ ތާރީހުގެ ތެރެއިން، އިސް ސަފުގައި އުޅުއްވި ބޭބޭފުޅުންގެ ހަޔާތްފުޅުގެ މައްޗަށް ތައްޔާރުކޮށްފައިވާ ސޮފުހާ އެކެވެ. މި ސިލްސިލާގެ ދަށުން މިއަދު މި ހުށަހަޅާލަ ދެނީ، ޚުލަފާއުއްރާޝިދޫންގެ ހަތަރު ވަނަ ޚަލީފާ، އަލީ އިބްން އަބޫތާލިބް (ރ.އ) ގެ ހަޔާތްޕުޅުން ފާހަގަކޮށްލެވޭ ކުރު ހުލާސާ އެކެވެ. މި ލިޔުމުގެ މައިގަނޑު މަސްދަރަކީ އިސްލާމީ ތާރީހު ދިރާސާ ކުރައްވާ އެކި އިލްމްވެރިން ލިޔުއްވާފައިވާ ލިޔުއްވުންތަކެވެ.

އަލީ ގެފާނު (ރ.އ) ގެ ބައްޕާފުޅަކީ އަބޫ ތާލިބްގެ ފާއެވެ. އަބޫ ތާލިބްގެ ފާނަކީ ގުރައިޝުންގެ އެއްމެ މަތީސަފުގައި ހިމެނޭމީހުންގެ ތެރެއިން އެކެކެވެ. އަދި އެއީ އެދުވަސްވަރު، ކައުބަތުﷲ ގެފުޅުގެ ބެލެނެވެރިފަރާތްވެސް މެއެވެ. މަންމާފުޅަކީ ހާޝިމް ވަންހައިގެ އައްސަދުގެ ދަރިކަނބަލުން ފާތިމާ އެވެ.

ދަރިފަސްކޮޅާއި ބައެއް ސިފަފުޅުތައް

އަލީގެފާނުގެ ފުރިހަމަ ނަންފުޅަކީ އަލީ އިބްން އަބޫ ތާލިބް ބިން އަބްދުލް މުއްތަލިބް ބިން ހާޝިމް އެވެ. އުފަންވެ ވަޑައިގަތީ ގުރައިޝުންގެ ތެރެއިން އެއްމެ ގަދަރުވެރި އެއް ގަބީލާ ކަމަށްވާ ބަނީ ހާޝިމް ވަންހައަށެވެ. މަންމާފުޅު ފާތިމާ އިސްލާމްވެ ވަޑައިގެން މަދީނާ އަށް ހިޖުރަ ކުރެއްވިއެވެ. ތާރީޚް ދިރާސަކުރައްވާ ބައެއް ފަރާތްތަކުން ބުރަވާގޮތުގައި އަލީގެފާނު އުފަންވެވަޑައިގަތީ ގެފުޅު ތަޅާލަން އައި ހާދިސާގެ ތިރީސް އަހަރު ފަހުން ކަމުގައި ބުނެވެއެވެ.

އަލީގެފާނު (ރ.އ) އަކީ މިދުނިޔެމަތީގައި އެބޭކަލަކު ސުވަރުގެ ދެއްވާނެކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިގެންނެވި ދިހަ ބޭކަލުންގެ ތެރެއިން އެއް ބޭފުޅެކެވެ. ވަރަށް ތުއްޕުޅު އިރު އިސްލާމްދީން ގަބޫލްކުރައްވައިގެން ހުންނެވި، އަދި އޭގެފަހުން އިސްލާދީނުގެ ވަރުގަދަ އިލްމު ވެރިއެއްގެ އިތުރުން، ކުޅަދާނަ ވާހަކަ ދެއްކުންތެރިއެއްވެސް މެއެވެ. އަމިއްލަފުޅަށް، ލޮބޮވެތި ނަބިއްޔާ މުޙައްމަދު (ރ.ސ.އ.ވ) ގެ އަރިހުން އައްސަވައިގެން ކީރިތި ގުރުއާން އެއްކުރެއްވުމާއި ހަވާލުވެގެން ހުންނެވި ބޭކަލެކެވެ.

ކުރީގެ ދިރިއުޅުއްވުމާއި އަދި އިސްލާމްދީން ގަބޫލްކުރެއްވުން

އަލީގެފާނު (ރ.އ) އުމުރުފުޅުން އެއްމެ ފަސް އަހަރުގައި، ގުރައިޝުންނަށް އިގްތިސާދީ ބޮޑު ކާރިޘާއަކާއި ކުރިމަތި ލާން ޖެހުނެވެ. މިތަދުމަޑުކަމުގެ ތެރޭގައި، އަޅަމެންގެ މާތްނަބިއްޔާ މުޙައްމަދު (ރ.ސ.އ.ވ) އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަދި އަލީގެފާނުގެ ބައްޕާފުޅުގެ އަރިހުން، އަލީގެފާނު، ރަސޫލާ (ސ.އ.ވ) ގެ އަރިހުގައި ބަހައްޓަވަން އެދިވަޑައިގަތް ކަމަށްބުނެވެއެވެ. އަދި އަލީގެފާނުގެ ބައްޕާފުޅު މިކަމާއި ރުހި، އުމުރުފުޅުން އެއްމެ ފަސް އަހަރުން ފެށިގެން، މާތްނަބިއްޔާ މުޙައްމަދު (ރ.ސ.އ.ވ) ގެ އަރިހުގައި އެކަލޭގެފާނުގެ ގެކޮޅުގައި އުޅެބޮޑުވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި އެވެ. މިދުވަސްްވަރު މާތް ރަސޫލާ މުޙައްމަދު (ރ.ސ.އ.ވ) އެކަލޭގެފާނާއި މެދު ބެހެއްޓެވި އޯގާތެރިކަމާއި، ދެއްވި އަޅާލުމާއި އަދި ވެވަޑައިގެންނެވި ލޯބީ ގެ އަސަރު، އަލީގެފާނުގެ މުޅި އުމުރުފުޅަށް ކުރިއެވެ. އަދި އެކަލޭގެފާނަކީ، މާތް ރަސޫލާ މުޙައްމަދު (ރ.ސ.އ.ވ) ރަސޫލުކަމާއިގެން ފޮނުއްވުމާއިއެކު، އެއްމެ ފުރަތަމަ އިސްލާމް ދީން ގަބޫލްކުރެއްވި ތުއްޕުޅު ބޭފުޅާވެސް މެއެވެ.

މާތް ރަސޫލާ މުޙައްމަދު (ރ.ސ.އ.ވ) މަދީނާއަށް ހިޖުރަކުރެއްވުމުގައި އަލީގެފާނުގެ ދައުރު

އަސްހާބު ބޭކަލުންގެ ތެރެއިން މައްކާ ދޫކުރައްވާ ހިޖުރައަށް ވަޑައިގަންނަވަން ބޭނުންފުޅުވީ ބޭކަލުން ވަޑައިގަތުމަށްފަހުވެސް، މާތް ރަސޫލާ މުޙައްމަދު (ރ.ސ.އ.ވ) އެކަލޭގެފާނަށް ހިޖުރައަށް ވަޑައިގެންނެވުމުގެ އަމުރުފުޅު ލިބިވަޑައިގަންނަވަންދެން މައްކާގައި ހުންނެވިއެވެ. މައްކާގެ މުޝްރިކުން އެކަލޭގެފާނު އަވަހާރަކޮށްލަން ރޭވުމާއި އެކު، ޖިބްރީލްގެފާނު ވަޑައިގެން އެކަމުގެ ޚަބަރު އެކަލޭގެފާނަށް ދެއްވިއެވެ. އަދި އަވަހާރަފުޅު ލައްޕަވާ ތަންމަތިކޮޅުގައި އެރޭ އަވަހާރަފުޅު ނުލެއްޕެވުމަށް އެދިވަޑައިގެންނެވިއެވެ. މިއާއެކު، މާތް ރަސޫލާ މުޙައްމަދު (ރ.ސ.އ.ވ)، އެކަލޭގެފާނުގެ ތަންމަތިކޮޅުގައި އެރޭ އަވަހާރަލެއްޕެވުމަށް އަލީގެފާނާއި ހަވާލުކުރައްވައި، މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވީއެވެ.

އަޅުގަނޑުމެންގެ މާތްރަސޫލާ މުޙައްމަދު (ރ.ސ.ވ) އަކީ އެކަލޭގެފާނުގެ އަމާނާތްތެރިކަމަށް މު ގުރައިޝުންގެ ތެރޭގައި މަޝްހޫރު ބޭކަލެވެ. އިސްލާމްދީނުގެ ގޮވާލެއްވުމަށް އެމީހުން އިޖާބަދީފައިނުވިޔަސް، މައްކާގެ މުޝްރިކުން އެކަލޭގެފާނަށް، އެކަލޭގެފާނައި ހަވާލުކުރެވޭ އަމާނާތްތަކަށް ތެދުވެރިވެވަޑައިގަންނަވާނެކަން އަބަދުވެސް ގަބޫލުކުރެއެވެ. 

މި ގަބޫލުކުރުމާއި އެކު، ރަނާއި ޖަވާހިރާއި އަދި ފައިސާ ފަދަ އަގުބޮޑުތަކެތި، ރައްކާތެރިކުރުމަށް އެކަލޭގެފާނާއި ހަވާލުކުރައްވައެވެ. ހިޖުރައަށް ވަޑައިގަންނަވަމުން، މާތް ރަސޫލާ މުޙައްމަދު (ރ.ސ.އ.ވ) އެކަލޭގެފާނާއި މިގޮތަށް ހަވާލުކުރެވިފއަިވާ ތަކެތި އޭގެ ވެރިފަރާތްތަކާއި ހަވާލުކުރުމުގެ މަސައްކަތްތަށް އިސްކުރެއްވީ އަލީގެފާނު (ރ.އ) އެވެ. އަދި މިކަންތައް މިކޮތަށް ދިމާވުމުން، އަލީގެފާނު (ރ.އ) އަށް މަދީނާއަށް ހިޖުރަކުރެއްވުމުގައި ދަތިތަކާއި ކުރިމަތިވެ ވަޑައިގެންނެވިއެވެ. މީގެ ތެރޭގައި، ދިގު ރާސްތާއަކަށް ފައިމަގުގައި ހިންގަވައިފައި ވަޑައިގަތުންވެސް ހިމެނެއެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް