ads
ތޮއްޑޫ 'ސްމާޓް އައިލެންޑް' އެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެ ރަށު ކައުންސިލާ އެކު އާބަންކޯއިން އެއްބަސްވުން - ފޮޓޯ:އާބަންކޯ
'ސްމާޓް އައިލެންޑް' އަކަށް ތޮއްޑޫ ހެދުމަށް އާބަންކޯގެ އެހީތެރިކަން ފޯރުކޮށްދެނީ
'ސްމާޓް އައިލެންޑް' އެއްގެ ގޮތުގައި އއ. ތޮއްޑޫ ތަރައްގީކުރުމަށް އާބަންކޯގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އާބަންކޯއިން ބުނީ އެ އެއްބަސްވުމުގެ ދަށުން ތޮއްޑޫއަކީ ސްމާޓް އައިލެންޑްއަކަށް ހެދުމަށް ބޭނުންވާ ކޮންސަލްޓެންސީގެ އެހީތެރިކަން ދިނުމާއި އެކު އޯޕަން އެކްސެސް ނެޓުވޯކެއް ގާއިމުކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން ތޮއްޑޫގެ ބަނދަރު ސަރަހައްދާއި ފެރީ ޓާމިނަލް ސަރަހައްދާއި ކާގޯ ވެއާހައުސްގެ އިތުރުން ރަށުގެ އާންމު ރައްޔިތުންނާއި ފަތުރުވެރިން މޫދަށް އެރިއުޅޭ ސަރަހައްދު ތަރައްގީ ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނި ގޮތުގައި މި މަޝްރޫއަކީ 'ގޯ ބިޔޯންޑް ހުޅުމާލެ' ގެ ދަށުން ރަށްރަށާއި ސިޓީތަކަށް ސްމާޓް ހިދުމަތްތައް ތައާރަފުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މަސައްކަތެއް ކަމުގައެވެ.

'ސްމާޓް އައިލެންޑް' އެއްގެ ގޮތުގައި އއ. ތޮއްޑޫ ތަރައްގީކުރުމުގެ އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. ތޮއްޑޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް އަހުމަދު ކަރަމެވެ.

އާބަންކޯއިން ބުނެފައިވަނީ ތޮއްޑޫގައި ސްމާޓް ސޮލިއުޝަންތައް ތައާރަފު ކުރުމުގެ ބޭނުމަކީ ކުދި ރަށްތަކުގައިވެސް ޓެކްނޮލޮޖީގެ ޒަރީއާއިން ތަފާތު ސްމާޓް ހިދުމަތްތައް ތައާރަފުކޮށް ރަށްފުށުގެ ރައްޔިތުންގެ ދިރިއުޅުން އުޖާލާ ކުރެވިދާނެކަން ސާބިތުކޮށްދިނުމަށް ކަމަށެވެ.

ސްމާޓް ހިދުމަތްތަކަށް ހާއްސަކޮށް ސްމާޓްކޮމް އުފައްދައި، ސްމާޓް ޕޯލް، ސްމާޓް ބެންޗް، ޕަބްލިކް ވައިފައި ފަދަ އެތައް ސްމާޓް ސޮލިއުޝަންތަކެއް ތައާރަފު ކުރެވެމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އާބަންކޯގެ ތަސައްވުރަކީ ހުޅުމާލެ އަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަކަށް ހެދުންކަން ފާހަގަކޮށް އެ ކުންފުނިން ބުނެފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސްމާޓް ސޮލިއުޝަންތައް ތައާރަފުކޮށް ޓެކްނޮލޮޖީގެ އެންމެ ކުރީ ސަފުގައި އެންމެންވެސް ބައިވެރި ކުރުމަކީ އަމާޒެއް ކަމަށެވެ.

އެގޮތުން އެ ކުންފުނިން މަސައްކަތްކުރާނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސްމާޓް ސޮލިއުޝަންތައް ތައާރަފުކޮށް ދިވެހިންގެ ދިރިއުޅުން ލުއިފަސޭހަ ކޮށްދިނުމަށް ކަމަށް އާބަންކޯއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް