ads
ނައީމާ މޫސާ ދިރިއުޅުނު ގެ ހިމެނޭ ސަރަހައްދު ބަންދުކޮށްފައި - ފޮޓޯ:ސީއެންއެމް
ނައީމާގެ މަރު: ކަންބޮޑުވުންތަކާ އެކު މަނަދޫ ކައުންސިލުން އަނެއްކާވެސް ފުލުހަށް
ނ. މަނަދޫގައި ހިނގާދިޔަ ސިހުން ގެނުވި މަރަށް ފަހު، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި މައްސަލަ އާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއެކު ރަށު ކައުންސިލުން ފުލުހުންގެ ތަހުގީގު ޓީމުގައި ހަރަކާތްތެރިވަމުން އަންނަ އިސްވެރިންނާ ބައްދަލުކޮށްފިއެވެ.
Advertisement

މަރާލާފައި އޮއްވާ މި މަހުގެ ހަތްވަނަ ދުވަހު ފެނުނު ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާގެ މަރާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މީގެ ކުރިންވެސް ރަށު ކައުންސިލުން ވަނީ ފުލުހުންނާ ބައްދަލުކޮށްފައެވެ. ދެވަނަ ފަހަރަށް ފުލުހުންނާ އެކު ބޭއްވުނު ބައްދަލުވުމާ ގުޅޭގޮތުން މަނަދޫ ކައުންސިލުގެ ރައީސް އަބްދުއްރަހްމާން ސޮބީހު "ސީއެންއެމް" އަށް ވިދާޅުވީ މައްސަލަ އާ ގުޅިގެން ކުރެވެމުންދާ ތަހުގީގުގައި ކުރި އާ އަޅާބަލާއިރު މިހާރު ކުރިއެރުންތަކެއް ލިބެމުންދާކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ.

"މަރަކީ ހަމަ ފުލް ޓްރޫ މާޑާއެއް ހަމަ. ވަރަށް ބޮޑަށް ފުން ޒަހަމްތަކެއް ހުރި ކަމަށް. ވަކި އަދަދަކާ ގުޅޭގޮތުން ސުވާލުކުރީމާ ބުނީ، ނުބުނެވޭނެ ވާހަކައެކޭ. މީޑިއާތަަކަށްވެސް ނުބުނަމޭ، އެއްވެސް މީހެއް ކައިރީ ނުބުނަމޭ އަދަދެއްގެ ވާހަކައެއް. ހަމަ މި ބުނަނީ އޭ ފުން ޒަހަމްތަކެއް ހުރި ވާހަކަ،" ސޮބީހު ވިދާޅުވިއެވެ.

ސޮބީހު ވިދާޅުވީ މި މަރަކީ އަނިޔާވެރި މަރެއް ކަމަށާއި މައްސަލައިގެ ގޮތުން އަދިވެސް އިތުރު ވަގުތު ނަގާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް، އެ ކަމާ ގުޅޭގޮތުން މާބޮޑު ތަފުސީލެއް ފުލުހުންގެ ފަރާތުން ކައުންސިލާ ހިއްސާކޮށްފައި ނުވާ ކަން ކައުންސިލުގެ ރައީސް ފާހަގަކުރެއްވިއެވެ.

"އަނިޔާވެރި އޭ ވަރަށް، ވާހަކައަކީ ސަސްޕެކްޓާ ހަަމައަށް ރީޗް ނުވެވޭ. ތަހުގީގާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ދަނީ އޭ،" ސޮބީހު ވިދާޅުވިއެވެ.

އެ ރަށުގައި ހިނގާދިޔަ މި ހިތާމަވެރި ހާދިސާ އާ ގުޅިގެން ރަށުގެ ހާލަތާ ގުޅޭގޮތުން މީގެ ކުރިން ވާހަކަ ދައްކަވަމުން ސޮބީހު ވިދާޅުވެފައިވަނީ ކުއްލިއަކަށް މިވަރުގެ ބިރުވެރި، އަނިޔާވެރި ހާދިސާއެއް ހިނގައިދިޔައީމާ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް ފާހަގަކުރެއްވޭ ކަމަށެވެ. ރަށުގެ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަމާއި ސިހުމުގެ އިތުރުން ކަންބޮޑުވުން ވަރަށް ބޮޑަށް އެބައޮތްކަން ހާމަކުރައްވާ ސޮބީހު ވިދާޅުވި ގޮތުގައި ރައްޔިތުންގެ ތެރެއިން ގިނަ ފަރާތްތަކެއްގެ ސުވާލަކަށްވެފައިވަނީ ހިނގާދިޔަ ހާދިސާއަކީ ކީއްވެގެން ހިނގާދިޔަ ހާދިސާއެއްތޯ ކުރެވޭ ސުވާލު ކަމުގައެވެ. ސޮބީހު ވިދާޅުވީ އެވަރުގެ ކަމެއް ވާން ދިމާވި މަގުސަދަކީ ކޮބައިތޯ އާއި އެވަރުގެ ކަމެއް ކުރާނީ ކާކުތޯ ފަދަ ސުވާލުތައް ރަށުގެ ރައްޔިތުން ކުރަމުންދާ ކަމަށެވެ.

ރަށު ކައުންސިލުގެ ރައީސް ވިދާޅުވި ގޮތުގައި ރަށުގައި ދިރިއުޅެމުން އަންނަ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފިޔަވަޅުތަކެއް އެޅެން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމުގައެވެ. އެގޮތުން ކުރެވިދާނެ ކަންތައްތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ރަށު ކައުންސިލުގެ ފަރާތުން މަނަދޫގައި ހުންނަ އަތޮޅު ޕޮލިސް ސްޓޭޝަނުގެ އިސްވެރިންނާ މީގެ ހައެއްކަ ދުވަސް ކުރިން ވަނީ ބައްދަލުކޮށްފައެވެ.

"ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިވެސް މި ފިޔަވަޅުތަކެއް އެޅެން އެބަ ޖެހޭ. އެކަމަކު އެކަށީގެންވާ ގޮތެއްގައި ފިޔަވަޅުތަކެއް އެޅުމަށްޓަކައި އަޅުގަނޑުމެންވެސް ކައުންސިލް ލެވެލްގައި ވާނީ ފުލުހުންނާ އެކު ވާހަކަ ދެކެވި މަޝްވަރާކުރެވިފައި. މޮނިޓަކޮށް، ބެލެހެއްޓުން އިތުރު ކުރުމާ ކަންތައްތައް ވާނީ މިހާރުވެސް ފާހަގަކުރެވިފައި،" ފުލުހުންނާ އެކު ބޭއްވުނު ފުރަތަމަ ބައްދަލުވުމަށްފަހު ރަށު ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ފުލުހުންގެ ފަރާތުން މި މަހުގެ އަށްވަނަ ދުވަހު ނެރުނު ނޫސްބަޔާނުގެ އިތުރަށް ރަސްމީ ގޮތުން މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވާއިރު، އިތުރަށް ބުނެފައިވަނީ މި މައްސަލަ އާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ ކަމާ ގުޅުންހުރި މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށެވެ.

29%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
57%
ވަރަށް ސަލާމް
ކޮމެންޓްސް