ads
އުހުދު ހަގުރާމަ ކުރެވުނު ސަރަހައްދު
އައްމާރު އިބްން ޔާސިރު (ރއ)ގެ ކުރީގެ ދިރިއުޅުއްވުން
މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ސީއެންއެމް އިން މިގެނެސްދެނީ އިސްލާމީ ތާރީހުގެ ތެރެއިން، އިސް ސަފުގައި އުޅުއްވި ބޭބޭފުޅުންގެ ހަޔާތްފުޅުގެ މައްޗަށް ތައްޔާރުކޮށްފައިވާ ސޮފުހާ އެކެވެ. މި ސިލްސިލާގެ ދަށުން މިއަދު މި ހުށަހަޅާލަ ދެނީ، މާތް ނަބިއްޔާ މުޙައްމަދު (ރސއވ)ގެ އަސްހާބު ބޭކަލުންގެ ތެރެއިން އައްމާރު އިބްން ޔާސިރު (ރއ)ގެ ހަޔާތްޕުޅުން ފާހަގަކޮށްލެވޭ ކުރު ހުލާސާ އެކެވެ. މި ލިޔުމުގެ މައިގަނޑު މަސްދަރަކީ އިސްލާމީ ތާރީހު ދިރާސާ ކުރައްވާ އެކި އިލްމްވެރިން ލިޔުއްވާފައިވާ ލިޔުއްވުންތަކެވެ.

އައްމާރު އިބްން ޔާސިރު (ރއ) އަކީ އެކަލޭގެފާނުން އިސްލާމް ދީނާއި މެދު ބެހެއްޓެވި ގާތްކަމާއި، އޯގާތެރިކަމާއި، އަދި އެކަލޭގެފާނުންގެ ތަގުވާވެރިކަމާއި އަގީދާގެ ވަރުގަދަކަމަށްޓަކައި، މާތް ނަބިއްޔާ މުޙައްމަދު (ރސއވ)ގެ އެއްމެ އަރިސް އަސްހާބު ބޭކަލުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭކަލެކެވެ. އަދި އިސްލާމްދީނުގައި، އެއްމެ މާތް އަދި މަތިވެރި ލަގަބު ލިބިފައިވާ މީހުންގެ ތެރެއިން އެއް ބޭކަލެވެ.

އައްމާރު އިބްން ޔާސިރު (ރއ) ނިސްބަތްވެވަޑައިގަންނަވަނީ މަޚްޒޫމް ގަބީލާއަށެވެ. އުފަންވެވަޑައިގަތްކަމަށް ބެލެވެނީ މީލާދީން 567 ވަނައަހަރުއެވެ. ބައްޕާފުޅުގެ ނަންފުޅަކީ ޔާސިރު އިބްން އާމިރު އެވެ. މަންމާފުޅުގެ ނަންފުޅަކީ ސުމައްޔާ ބިންތި ޚައްޔާތު އެވެ. އެކަލޭގެފާނުންގެ މަންމާފުޅާއި އަދި ބައްޕާފުޅު ވަނީ އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލެވިފައެވެ. އިސްލާމްދީނުގެ އެއްމެ ކުރީކޮޅު، އަބޫބަކުރުގެފާނު (ރއ)ގެ ދައުވަތަކަށް، އިސްލާމްދީން ގަބޫލުކުރެއްވިއެވެ އަދި އެއްމެ ފުރަތަމަ އިސްލާމްދީން ގަބޫލުކުރެއްވި އަސްހާބުބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަތެވެ. މިއާއެކު، މާތް ނަބިއްޔާ މުޙައްމަދު (ރސއވ)ގެ އެއްމެ އަރިސް އެއްބޭކަލަކު ކަމުގައި ވެވަޑައިގަތެވެ. އައްމާރު އިބްން ޔާސިރު (ރއ) އަކީ އެއްމެ ފުރަތަމަ މިސްކތެއް ބިނާކުރެއްވި ފަރާތްވެސްމެއެވެ.

އައްމާރު އިބްން ޔާސިރު (ރއ) އަކީ މާތް ނަބިއްޔާ މުޙައްމަދު (ރސއވ) ޚަދީޖަތުގެފާނު (ރއ)އާއި ކައިވެނި ބައްލަވައިގަތްއިތު މެދުވެރިއެއްގެ ރޯލު ކުޅުއްވި އެއްބޭކަލެވެ. އައްމާރު އިބްން ޔާސިރު (ރއ) ގެ ބައްޕާފުޅާއި އަދި މަންމާފުޅަކީ ވެސް އަބޫ ހުޒައިފާ ނަމަކަށް ކިޔުނު މީހެއްގެ އަޅުންތަކެކެވެ. އަދި އަބޫ ހުޒައިފާ ނިޔާވުމާއެކު، އެމީހުންގެ މިލްކުވެރިކަން އަބޫ ޖަހުލަށް ލިބިގެންދިޔައެވެ. އިސްލާމްދީން އައުމުގެ ކުރިންވެސް، އައްމާރު އިބްން ޔާސިރު (ރއ) އަކީ މާތް ނަބިއްޔާ މުޙައްމަދު (ރސއވ)ގެ މާތް މަތިވެރި އަޚްލާގާއި، އެކަލޭގެފާނުންގެ ޚުލްގުފުޅު ހެޔޮކަމާއި، އަމާނާތްތެރިކަން އަދި ތެދުވެރިކަން ފެނި، މާތް ނަބިއްޔާ މުޙައްމަދު (ރސއވ) އަށް އިންތިހާއަށް ތާއީދު ކުރަމުން އައި ފަރާތެކެވެ. އަދި އެއީ އަބޫބަކުރުގެފާނު (ރއ) އެކަލޭގެފާނަށް އިސްލާމްދީނަށް ގޮވާލެއްވުމުން އެކަމަށް އެހާފަސޭހައިން އިޖާބަދެވުމުގެ އެއްސަބަބުވެސް މެއެވެ. އައްމާރު އިބްން ޔާސިރު (ރއ)ގެ އިތުރުން އެކަލޭގެފާނުންގެ މަންމާފުޅާއި ބައްޕާފުޅު އަދި ބޭބޭފުޅުވެސް އިސްލާމްދީން ގަބޫލުކުރެއްވިއެވެ.

އައްމާރު އިބްން ޔާސިރު (ރއ) ގެ އާއިލާ އިސްލާމްދީން ގަބޫލުކޮށްފިކަން ގުރައިޝުންނަށް އެގުމާއެކު، ގުރައިޝުންގެ އަނިޔާތަކާއި ކުރިމަތިލާންޖެހުނެވެ. އެއީ ގުރައިޝުންގެ ފަރާތުން އިސްލާމްދީން ގަބޫލުކުރި ފަރާތްތަކަށް އެއްމެބޮޑު އަނިޔާތަކާއި ކުރިމަތި ލާންޖެހުނު ދުވަސްވަރެވެ. މަޚްޒޫމް ގަބީލާގެ މީހުންތައް، އައްމާރު އިބްން ޔާސިރު (ރއ)ގެ އާއިލާގެ އެއްމެން، އ އައްމާރު އިބްން ޔާސިރު (ރއ) ވެސް ހިމެނޭގޮތަށް، މައްކާގެ މަގުތަކަށް، އެއްމެ ހޫނުކަންގަދަ ވަގުތުތަކުގައި ނެރެ، އިތުރުށް ހޫނުކުރުމަށް އަލިފާން ރޯކޮށް، އަދި އަލިފާނާއި ހިލިއާއި ވެލި ފަދަ ތަކެތި ބޭނުންކޮށްގެން ތަފާތު އަނިޔާތަކެއް ކުރިއެވެ. މިއަނިޔާތަކުގެ ލަކުނުތައް އެކަލޭގެފާނުންގެ މުޅިއުމުރަށް ހަށިގަނޑުގައި ފެންނާން ހުރިހަކަމަށް ބުނެވެއެވެ.  

އައްމާރު އިބްން ޔާސިރު (ރއ)ގެ މައިކަމަނާ ސުމައްޔާ ބިންތި ޚައްޔާތަށް، އެކަމަނާ އިސްލާމްދީނ ގަބޫލުކުރުމާއި ގުޅިގެން އަނިޔާ ދެމުންދަނިކޮށް، އަވަހާރަވުމާއެކު، އެކަމަނާ ވެފައިވަނީ، އިސްލާމްދީނުގެ ހައްގުގައި ޝަހީދުވި އެއްމެ ފުރަތަމަ ފަރާތަށް ކަމުގައި އެވެ. އެކަމަނާ ޝަހީދުވީ އަބޫ ޖަހުލު ދެމުންގެންދިޔަ އަނިޔާތަކުގެ ސަބަބުންނެވެ. އޭގެފަހުން، ލިބެމުންދިޔަ އަނިޔާތަކާހުރެ، މީލާދީން 616 ވަނައަހަރު ހަބުޝްކަރައަށް ހިޖުރަކުރެއްވީ ކަމުގައި ބުނެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް