ads
ހިސާބު ބެއްލެވުމުގެ ކުރިން ވިސްނާލާ
ހިސާބު ބެއްލެވުމުގެ ކުރިން ވިސްނާލާ
އަޅުގަނޑުމެންގެތެރެއިން ކޮންމެ ބޭފުޅަކަށްވެސް، ދުވަހުގެ އާމްދަނީ ލިބޭވަރު އެގެއެވެ. އަދި އެދުވަހު އަތުން ދިއަ ޚަރަދުވެސް ވަރަށް ރަނގަޅަށް ހިސާބުކޮށް ބަލާ ހަދައެވެ.

އެކަމަކު ދުވަހަކުވެސް އެކަނިވެހުރެ، އެދުވަހު ކުރެވުނު ރަނގަޅުކަންތަކާއި ނުބައި ކަންތަކާއިމެދު ވިސްނާލިންތޯއެވެ؟ އެދުވަހު އަގައިން ބޭރުވި ނުބައި ބަސްތަކާއި، ބޭކާރު ވާހަކަތަކާއި، ކުރި ޒިކުރުރަކާއި ތަސްބޙަތައް ވަޒަންކޮށް ކިރުއްވިންތޯއެވެ؟ ރީތި އަންހެނެއް ފެނުނީމައި އެއީ ހާދަ ރީތި މީހެކޭ، ހާދަ ރީތި ހެދުމަކޭ، އެ ފިރިހެން ކުއްޖާގެ ބޯ ކޮށާފައި ހުރީ ހާދަ ރީތިކޮށޭ ފެނުމުން ހިތަށްއަރައެވެ. ރީތި ކާރެއް، މީރު ކާއެއްޗެއް ފެނުމުން އެއާއިމެދު ހައިރާންވެ، ދަހިވެތިވާގޮތްވެއެވެ. 

އެކަމަކު ދުނިޔޭގައިވާ ﷲގެ ކުޅަދުންވަންތަކަމަށް ދަލީލުކޮށްދޭ، އަލާމާތްތަކާއި މެދު ވިސްނާ އެބަލައި ފިކުރު ހިންގައި ހަދަނީ ކިތައްމީހުންތޯއެވެ؟ ވަޒީފާއެއް ހޯދައިދޭން، ނުވަތަ ފައިސާގެ ދަތިކަމަކުން ސަލާމަތްކޮށްދިން މީހެއްގެމަތިން ވަރަށް މަދުފަހަރަކު ނޫނީ ހަނދާން ނުނެތެއެވެ. އަދި އަބަދު ވެސް އޭނަ ތިމަންނައަށް މިވެނި ހެޔޮކަމެއްކޮށްދިނޭ ބުނެ މަދަޙަ ކިޔައި، އަޅުގަނޑުމެން ހަދަމުއެވެ. ލޮލަށް، ކަންފަތަށް، ދަތަކަށް ޖެހޭ ބައްޔަކުން ފަރުވާހޯދައިދިން ޑޮކްޓަރަކަށް އަބަދުވެސް ޝުކުރުވެރި ވަމުއެވެ. ނަމަވެސް ލޮލުގެ ފެނުމާއި ކަންފަތުގެ އަޑުއިވުން، ދަތުގެ ފައިދާ، އަޅުގަނޑުމެންނަށް ހަމަ ހިލޭ ދެއްވި ދީލަތިވަންތަ މާތް ﷲ މަތިން ހަނދާންނެތެއެވެ. 

އަޅުގަނޑުމެންނަށް ރިޒުޤު ދެއްވައި، ހައިރާންވެ އަންތަރީސްވާހައި ފުރިހަމަކޮށް މަސައްކަތް ކުރާ ހަށިގަނޑެއް ދެއްވި ކަނލާގެ މަތިން، ހަދާން ނައްތައިލެވެއެވެ. %99 މީހުންނަށް ދުނިޔޭގެ ހަލަބޮލިކަމުގައި އުޅެމުންދާއިރު މިކަންކަމާއި މެދު ވިސްނާލާނެ ވަގުތެއް ނޯވެއެވެ. ނަމާދު ކުރާ މީހެއްވިޔަސް، ﷲ ތެދުމަގު ފުރިހަމައަށް ދެއްވި މަދު އަޅަކު ނޫނީ އެކަން ކުރަނީ، ހަމައެކަނި ބޮލުގައި އެޅުނު ވާޖިބެއް އަދާ ކުރުމުގެ ބޭނުމުގައެވެ. އޮފީހުގައި ނުވަތަ ސްކޫލުގައި ހަވާލުކުރެވޭ، މަސައްކަތްވެސް ގަޑިޖެހުމުގެ ކުރިން ނިންމާލާފަދައިން، ނަމާދުވެސް ގަޑި ފާއިތުވުމުގެ ކުރިން ކޮށްލަނީއެވެ. އަވަސް އަވަހަށް ''ނިއްކުރި ތަޅާލަނީ'' އެވެ. 

ނަމާދު ކުރާވަގުތު ތިމަންނަ މީ، ޢާލަމްތައް ހައްދަވައި ބޮޑުކުރެއްވި މާތްރަސްކަނލާގެ ކުރިމަތީގައި ހުއްޓިހުރި ނިކަމެތި އެއްވެސް ފަދައެއްނެތް އަޅެއްކެމެއް ހަނދާންނުހުރެއެވެ. އޮފީހުގެ ބޮސް ކުރިމަތީގައި ހުންނަނީ މާ ބިރުވެތިވެހެން، ނަމާދު ކުރަން ހުއްޓައި ބަލާލުމުން ހީވާފަހަރުފަހަރުވެސް އާދެއެވެ. ނަމާދުގައި، އަލްޙަމްދު އެންމެންވެސް ކިޔައެވެ. އެކަމަކު އަލްޙަމްދު ކިޔާއިރު އެކިޔޭއެއްޗެއް ހޯދައިބަލައިގެން ކިޔަނީ މި ލިއުން ކިއުއްވާބޭފުޅުންގެ ތެރެއިން ކިތައްބޭފުޅުންތޯއޭ ؟ އަޅުގަނޑު ސުވާލު ކޮށްލަން ބޭނުމެވެ. އަލްޙަމްދަކީ މުޅިޤުރުއާނުގައި އައިސްފައިވާ ވާހަކަތަކުގެ ކުރު ޚުލާސާއެކެވެ. ސޫރަތުގައި އައިސްފައިވާ އެއްޗަކާއިމެދު ވިސްނައިފިނަމަ ހިތުގައި އަލިކަމާއި ހިތްހަމަޖެހުން، އަދިރިކަމާއި ނުތަނަވަސްކަމުގެ މަޤާމް އަދާކުރާނެއެވެ. 

ގިނަމީހުންނަކީ ކުޑައިރު އެދުރުބެ، ނުވަތަ ސްކޫލުގައި އަލްޙަމްދު ކިޔަން ދަސްކޮށްދިނީމައި ކޮޕީކޮށްގެން ކިޔާމީހުންނެވެ. އަލްޙަމްދު އެއްކިބައިގައި ބާއްވާފައި މިސާލަކަށް ސަޖިދައިގައި ތިމަންނަމި ކިޔަނީ ކީކޭ ކަން ހިތަށް އަރުވައި، މި އޮތީ ﷲއަށް ސަޖިދަ ޖަހައިގެން ކަން ހިތުގައި އޮތުމުގެ ބަދަލުގައި، ގިނަފަހަރަށް އެއްވެސް އެއްޗެއް ހިތުގައި ނޯވެއެވެ. ނޫނީ އޮންނާނީ ނަމާދާއި ދުރުންވެސް ކައިރިންވެސް އެއްވެސް ގުޅުމެއްނެތް ބޭކާރު ޚިޔާލުތަކެކެވެ. ދުނިޔެއަކީ ވަގުތު މުޙައްދަދު ތަނެކެވެ. ކޮންމެ މީހަކުވެސް، ދުނިޔެއަށް އަންނަނީ ވަކި އިމްތިޙާނެއް ހެދުމަށެވެ. އިމްތިޙާނުގެ ވަގުތު ހަމަވީމައި ދާއިމީ ދުނިޔެއަކަށް ދަނީއެވެ. ބަސްނާހާ ސްކޫލު ކުއްޖަކު، އިމްތިޙާނަށް ފަރުވާ ކުޑަކޮށްފިއްޔާ، އަޅުގަނޑުމެން އެންމެންވެސް، ވަރަކަށް އޭނައަށް ބަވަމެވެ. މިބަވާއިރު ތިމަންނަވެސް މިހިރީ އަދި މާބޮޑު އިމްތިޙާނެއްގައިކަން، ގިނަމީހުން ހަނދާން ނުހުރެއެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. 

އަޅުގަނޑުގެ ދުޢާއަކީ މިފަދަ މީހުންގެ ތެރޭގައި، އަޅުގަނޑުވެސް އަދި ތިޔައިން ބޭފުޅަކުވެސް، ނުހިމެނުމެވެ. އަޅުގަނޑުމެންނަކީ އަބަދުވެސް ﷲމަތިން ހަނދާންކޮށް، ކުރެވޭ ފާފަތައް ހިސާބު ކުރާބަޔަކު ކަމުގައިވެގެން ނޫނީ ފަހުން ކާމިޔާބެއް ލިބޭނެ ކަމުގައި ހީވެސް ކުރުން އެއީ ސޭކު ކަމެކެވެ. ކުރާ ކަންތަކާއި ބުނާ ބަސްތައް، ހިސާބު ނުކުރާނަމަ ފަހުން ހިސާބު ކުރެވޭ ދުވަހު އޮންނާނީ، އުނިވާބައި އަލުން އަތުނުލެވޭނެ ވަރުވެފައެވެ. ދުނިޔޭގައި ނޭވާލާ ކޮންމެ ހިނދު ކޮޅަކީވެސް އެމީހަކު، އެވަގުތު ކޮޅު ހިސާބުކޮށް، ފާފައެއް ކުރެވިއްޖެނަމަ އަވަހަށް ތައުބާވާންވީ ވަގުތުކޮޅެކެވެ. 

ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވަނީ: يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ * وَلَا تَكُونُوا كَالَّذِينَ نَسُوا اللَّهَ فَأَنسَاهُمْ أَنفُسَهُمْ 

މާނައަކީ: ''އޭއީމާންވެއްޖެ މީސްތަކުންނެވެ. ﷲއަށް ބިރުވެތިވުންމަތީ ދެމިތިބޭހުށި ކަމެވެ. އަދި ކޮންމެ ނަފްސެއްމެ މާދަމާއަށްޓަކައި، ކޮށްފައިވާ އަމަލުތަކުގެ މައްޗަށް ވިސްނާ ނަޒަރު ހިންގާ ހުށިކަމެވެ. އަދި ތަކުރާރުކޮށް އަންގަމެވެ. ﷲއަށް ބިރުވެތިވުންމަތީ ދެމިތިބޭހުށިކަމެވެ. ހަމަކަށަވަރުން ކަލޭމެން ކުރާ ކަންތައް ﷲއަށް އެގިވޮޑިގަންނަވަތެވެ. އަދި ﷲގެ ރަސްކަންފުޅު ހަނދުމަނެތި ކޮށްކޮށްލުމުގެ ސަބަބުން ﷲ އެމީހުން ގެއްލެނި ކުރައްވާފައިވާ މީހުންނާއި އެއްގޮތް ބަޔަކަށް ފަހަރެއްގައިވެސް ކަލޭމެން ނުވާހުށިކަމެވެ.'' 

އަދިވެސް ވަޙީކުރައްވަނީ: وَأَنِيبُوا إِلَىٰ رَبِّكُمْ وَأَسْلِمُوا لَهُ مِن قَبْلِ أَن يَأْتِيَكُمُ الْعَذَابُ ثُمَّ لَا تُنصَرُونَ 

މާނައަކީ: ''އަދި ކަލޭމެންގެ ވެރި ރަސްކަލާނގެކިބައަށް ތައުބާވެ އެކަލާނގެއަށް ކިޔަމަން ގަންނަހުށިކަމެވެ. ކަލޭމެންގެ މައްޗަށް އަޒާބު އަތުވެއްޖައުމުގެ ކުރިންނެވެ. އެ އަޒާބު އަތުވެއްޖައުމަށްފަހު އެއިން މުއްތިވުމަށްޓަކައި ކަލޭމެންނަކަށް އެއްވެސް އެހީތެރިކަމެއްނުލިބޭނެއެވެ." {އައްޒުމަރު 54} ޢުމަރުބުނި ޚައްޠާބް ވިދާޅުވެފައިވަނީ: ''ތިބާމެން ހިސާބު ކުރެވުމުގެ ކުރިން، ތިބާމެންގެ ނަފްސުތައް ހިސާބުކުރާށެވެ. އަދި ތިބާމެން ވަޒަން ކުރެވުމުގެ ކުރިން، ނަފްސުތައް ވަޒަން ކުރާށެވެ. ފަހެ ''މާދަމާ'' ހިސާބުކުރެވުމުގައި، ތިބާމެންނަށް ފަސޭހައެއް އޮތީ މިއަދު، ނަފްސުތައް ހިސާބުކޮށްގެންނެވެ. * ނަފްސު ހިސާބުކުރުމުގައި އައިސްފައިވާ ބައެއް ބަސްތައް: ** ޢުމަރުބުނި ޚައްޠާބް ވިދާޅުވެފައިވަނީ : ''އުދަގުލުގައި ހިސާބުކުރެވުމުގެ ކުރިން ފަސޭހަވަގުތު ނަފްސު ހިސާބު ކުރާށެވެ. ފަހެ ފަސޭހަވަގުތު ނަފްސު ހިސާބުކޮށްފިމީހެއްގެ އާޚިރު ނަތީޖާއަކީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. އަދި އޭނާގެ ދިރިއުޅުމަށް އަޅުކަންކޮށް، ހަވާނަފްސުތަކާއި މަޝްޣޫލުވެގެންފި މީހަކަށް އޮތް އާޚިރު ނަތީޖާއަކީ ހިތާމައާއި ގެއްލުމެވެ. ** ޙަސަންގެފާނު ވިދާޅުވެފައިވަނީ: ''އަޅާގެ ނަފްސު އޭނާއަށް ނަސޭހަތްދޭހާ ހިނދަކު އޭނާވަނީ ރަނގަޅު ހާލެއްގައެވެ.'' ނަފްސު ހިސާބުކުރުމުގެ ވައްތަރުތައް ވަރަށް ގިނައެވެ. 

ތިރީގައި މިދަންނަވާލަނީ އޭގެތެރެއިން ބައެކެވެ. ފުރަތަމަ ވައްތަރަކީ: ކަމެއް ކުރުމުގެ ކުރިން އެއީ ރަނގަޅު ކަމެއްތޯ ނުބައި ކަމެއްތޯ ވިސްނާލުމެވެ. ހަމަ ހިތަށް އަރާއިރަށް އަތުން އެއްވެސް ކަމެއް ތަންފީޒު ނުކުރުމެވެ. ދެވަނަ ވައްތަރަކީ: ކުރެވޭ ރަނގަޅު ކަންތަކާއިމެދު ވިސްނާލުމެވެ. ކުރާ ހެޔޮކަންތައްތައް ކުރެވެނީ، އެކަން ކުރަންޖެހޭ އެންމެ ރަނގަޅު ގޮތުގައިތޯ ބަލައިލުމެވެ. ތިމާކުރާ އަޅުކަންތައް ކުރެވެނީ ރަނގަޅަށްތޯ؟ ނުބައިކޮށްތޯ؟ ތަހުޤީޤު ކޮށްލުމެވެ. 

ހެޔޮކަންތައް ކުރާއިރު، އޭގެތެރޭއަށް އެއްވެސް ކަހަލަ ދެއްކުންތެރިކަމެއް ނުވަންނަކަން ޔަޤީން ކުރުމެވެ. ތިންވަނަ ވައްތަރަކީ: ނުބައި ކަމެއް ކުރެވިއްޖެނަމަ، އަކަމަކުން އަވަހަށް ދުރުހެލިވެ، ތައުބާވުމެވެ. ދެން ދުވަހަކުވެސް އެކަމެއް ނުކުރާނެކަން ހިތުގައި ކަނޑައެޅުމެވެ. އަމިއްލަ ނަފްސާއިމެދު ކޮންމެ ދުވަހަކުވެސް ވަގުތުކޮޅަކަށް ނަމަވެސް ނުވިސްނާމީހަކަށް، ތިމާގެ ކިބައިގައި އައިބެއް ހުއްޓަސް ނޭގޭނެއެވެ. ވީމައި އެކަމަކުން ދުރުވާންވެސް ނޭގޭނެއެވެ. ނަފްސު ހިސާބު ކޮށްލުމުން ކުށް ތަކަށް ތައުބާވާން މަގުފަހިވެއެވެ. އެންމެނަކީވެސް ކުށްކުރެވޭ މީހުންނެވެ. 

އެކަމަކު އޭގެތެރެއިން ބުއްދިވެރިންނަކީ، ކުށް ކުރެވުނީމައި އަވަހަށް ތައުބާވެ، ﷲގެ ޙަޟުރަތުން މައާފަށް އެދެ މީހުންނެވެ. ﷲ ގެ ރަޙުމަތުން އުންމީދު ކަޑައިލަން، އަބަދުވެސް ޝައިޠާނާ އަޅުގަނޑުމެންނަށް ވަސްވާސް ދޭނެއެވެ. އެއީ އަބަދުވެސް، އަޅުގަނޑުމެން ތެދުމަގާއި ދުރަށް ގެންދިއުމަށެވެ. ކިތަންމެ ގިނަ ކުށެއް ކުރެވުނަސް، ﷲގެ ރަޙުމަތްފުޅާއި ޢަފޫ ކުރެއްވުމާއި އަޅާބަލާއިރު، އެ ގިނަ އެއްޗަކަށް ނުވާނެއެވެ. ކޮންމެ ދުވަހަކުވެސް އަމިއްލަ ނަފްސާއިއެކު، ވަގުތުކޮޅެއް ހޭދަ ކޮށް އަމިއްލަ ނަފްސާއިމެދު ހިސާބު ކުރާބަޔަކަށް އަޅުގަނޑުމެން ވެއްޖެނަމަ، އާޚިރަތުގައި ކާމިޔާބު ލިބުން އެއީ އުނދަގޫ ކަމެއް ނުނެވެ.

ނޯޓް: މިއީ ކަވާސާއިން ނަކަލު ކުރެވިފައިވާ ލިއުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް