ads
ޖިންސީ ގޯނާ އާއި ދެކޮޅަށް އޭޕްރިލް 24 ގައި ޒުވާނުން ބޭއްވި އެއްވުން -- ދުވަސް ފޮޓޯ: ޒިދާން މުހައްމަދު
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކުދިންގެ އަދަބު ލުއި ނުކުރެވޭނެ
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކުޑަކުދިންގެ އަދަބު ލުއި ނުކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކުޑަކުދިންގެ އަދަބު ލުއި ނުކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ކަނޑައެޅީ، ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރި ޖުވެނައިލް ކޯޓުގެ ހުކުމެއްގައެވެ.

މި ހުކުމް ހައިކޯޓުން ކުރީ، ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުންނެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގައި ބުނެފައިވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާގެ ކުރުމުގައި ކުޑަކުއްޖަކު ބައިވެރިވެއްޖެ ނަމަ އެފަދަ ކުއްޖެއްގެ އަދަބަކީ ފަސް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ކުޑަކުދިންނަށް ހާއްސަ ޖަލެއްގައި ބަންދު ކުރުން ކަމަށެވެ.

އެހެންނަމަވެސް ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮންނަ ގޮތުން ކުށްކުރާ ކުދިންނަށް ދެވޭނީ ގާނޫނުގައި ބުނާ އެންމެ ލުއި އަދަބުގެ ތިން ބައި ކުޅަ ދެ ބަޔެވެ.

މި ކަމަމަށް ރިއާޔާތްކޮށް ޖުވެނައިލް ކޯޓުން މީގެ ހަތަރު އަހަރު ކުރިން 15 އަހަރުގެ ފިރިހެން ކުއްޖަކު، ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ހުކުމްކުރީ ފަސް އަހަރުގެ ޖަލު ހުކުމުގެ ތިން ބައި ކުޅަ ދެ ބައި ކަމަށްވާ ތިން އަހަރާއި ދެ މަހަށް ޖަލަށް ލުމަށެވެ. އަދި އެއް އަހަރުގެ މުއްދަތަށް ކަނޑައެޅި ޝަރުތުތަކާ އެކު، ޖަލު ހުކުމް ތަންފީޒު ފަސްކޮށް، އެ ކުއްޖާ ދޫކޮށްލި އެވެ. މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ ދައުލަތުންނެވެ.

ދައުލަތުގެ އިސްތިއުނާފާ ގުޅިގެން ހައިކޯޓުން މިއަދު ނިންމީ އަސްލު އަދަބުގެ ތިން ބައި ކުޅަ ދެ ބައި ކުޑަކުދިންނަށް ދޭންޖެހޭ ގޮތަށް ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި އޮތީ ކުޑަކުދިންނަށް އަދަބު ކަނޑައަޅާނެ މިންވަރު ބަޔާން ކޮށްފައިނުވާ މައްސަލަތަކުގައި ކަމަށެވެ. އެކަމަކު ޖިންސީ ގޯނާގެ މައްސަލަތަކުގައި ކުޑަކުދިންނަށް ދެވޭނެ އަދަބު ގާނޫނުގައި ސާފުކޮށް ބަޔާން ކޮށްފައިވާތީ އަދަބު ކަނޑައަޅަން ޖެހޭނީ އެ ގާނޫނުގައި އޮތްގޮތަށް ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނަކީ ހާއްސަ ގާނޫނެއް ކަން ފާހަގަކޮށް، ހުކުމުގައިވަނީ ހާއްސަ ގާނޫނުގައި އޮތީ ކިތަންމެ ހަރުކަށި ނުވަތަ ލުއި އިޖްރައާތެއް ކަމަށް ވިޔަސް، އަމަލުކުރަން ޖެހޭނީ ހާއްސަ ގާނޫނަށް ކަމަށް ހައިކޯޓުން ކަނޑައެޅިއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް