ads
މަގުމަތީގައި އުޅޭ ބުޅާތަކަށް ފުލުހަކު ކާން ދެނީ--
ބުޅާ ޝެލްޓާ އަޅަން 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް
މަގުމަައްޗަށް ދޫކޮށްލެވިފައި ހުންނަ ބުޅާ ނުވަތަ "ސްޓްރޭ ކެޓްސް"ގެ މައްސަަލަައަށް ހައްލެއް ހޯދުމަށް މާލޭސިޓީ ކައުންސިލުން އިމާރާތްކުރާ ބުޅާ ޝެލްޓާގެ މަސައްކަތަށް 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް މާލޭ ސިޓީ ކައުންސިލުން މިއަދު ކަނޑައަޅައިފި އެވެ.

މާލެ ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 100 ވަނަ ޖަލްސާގައި މިގޮތަށް ނިންމާފައިވަނީ ޖަލްސާގައި ބައިވެރިވި 14 ކައުންސިލަރުންގެ އިއްތުފާގުންނެވެ. 

ބުޅާ ޝެލްޓާ އެޅުމަށް ކައުންސިލުން ނިންމާފައިވަނީ މާލޭގެ މަސްވެރިންގެ ޕާކް ސަރަހައްދުގަ އެވެ. މި ޝެލްޓާއަށް 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅީ ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. 

ސިޓީ ކައުންސިލުން ގާއިމުކުރާ ބުޅާ ޝެލްޓާއަށް ކަނޑައެޅި 1.9 މިލިއަން ރުފިޔާގެ ބަޖެޓުން ޝެލްޓާ އެޅުމާއި ބުޅާތައް ނިއުޓާ ކުރުމަށް ބޭނުންވާ ތަކެތި ގަތުމުގެ އިތުރުން ފެސިލިޓީގެ ގޮތުގައި ބޭނުންކުރާ ތަން ހެދުމަށާއި މަރަމާތު ކުރުމުގެ މަސައްކަތަށް ބޭނުން ކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

ބުޅާ ޝެލްޓާ އެޅުމަށް އެންމެ ފުރަތަމަ ހުށަހެޅީ 1.7 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ކައުންސިލުން ފާސްކޮށްފައި ވަނީ ދެ ލައްކަ ބޮޑު ކުރުމަށްފަހު 1.9 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. 

"މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް މަސްވެރިންގެ ޕާކުގައި ހުރި އިމާރާތުް މިކަމަށް އެންމެ އެކަށޭނެ ކަމަށް ބެލެވެނީ. އެއީ އެ ތަނުގައި ފަރުވާ ދިނުމުގެ އިތުރުން ފަރުވާއަށް ފަހު ބަލަހައްޓަން ވެސް ޖާގަ އެބައޮތް. ދެ ކަންތައްވެސް އެތަނުން ފުރިހަމަވޭ،" - މޭޔަރު ޑރ. މުއިއްޒު

ބުޅާ ޝެލްޓާގައި ސްޓްރޭ ކެޓްސްގެ އިތުރުން ޕެޓްސްގެ ގޮތުގައި ގެންގުޅޭ ބުޅާތަކަށްވެސް ހިދުމަތް ދޭން ކައުންސިލުން ވަނީ ނިންމާފަ އެވެ. އެގޮތުން ބުޅާ ނިއުޓާ ކުރުމުގެ ހިދުމަތާއި އެކްސްރޭގެ އިތުރުން ބްލަޑް ޓެސްޓް ހެދުމަށްވެސް ކައުންސިލުން ވަނީ ނިންމާފަ އެވެ. 

ބުޅާ ނިއުޓާ ކުރުމުގެ ހިދުމަތް ދޭން ކައުންސިލުން ފެށުމަށް ފަހު ނަގާނެ އަގެއްގެ ގޮތުގައި ނިންމާފައިވަނީ 1،500 ރުފިޔާ އެވެ. 

މި ޖަލްސާގައި ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުން ނަގާ ދެ މުވައްޒަފުންނާއި އެކު އިއުލާން ކޮށްގެން އިތުރު ހަތަރު މީހުން ނެގުމަށް ފަހު ބުޅާ ޝެލްޓާގައި މަސައްކަތް ކުރުމަށެވެ. އަދި އެތަނުގައި ފަރުވާ ދިނުމަށް ޑޮކްޓަރުންނާއި ނަރުހުން ހޯދުމަށްވެސް ވަނީ ނިންމާފަ އެވެ. 

މީގެ އިތުރުން އަމިއްލަ ހަރަދުގައި ވިލިމާލޭގައި ބުޅާ ފެސިލިޓީއެއް ހަދައިދޭނެ ބަޔަކު ހޯދުމަށްވެސް އިއްޔެގެ ޖަލްސާގައި ވަނީ ނިންމާފަ އެވެ. މީގެ ކުރިން ވިލިމާލޭގައި ތިން ފަހަރެއްގެ މަތިން ބުޅާ ފެސިލިޓީއެއް އަޅަން އިއުލާން ކުރި ނަމަވެސް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފަ އެއް ނުވެ އެވެ. ނަމަވެސް މިހާރު ބަޔަކު އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް