ads
އާރްޓީއެލް ލޯންޗުތައް. -- ފޮޓޯ: އެމްޓީސީސީ
އާރްޓީއެލް ފެރީގެ ނިޒާމާ ގުޅޭ ދިރާސާއެއް ހަދަނީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތައާރަފް ކުރި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ފެރީގެ ނިޒާމާ ގުޅޭ ދިރާސާއެއް ހަދަން ނިންމައިފި އެވެ.

އާރްޓީއެލްގެ ފެރީގެ ހިދުމަތާއި ގުޅޭ ގޮތުން ސޯޝިއޯ-އިކޮނޮމިކް ދިރާސާ އެއް ހަދަން ނިންމާ އެކަން ކޮށްދޭނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން ވަނީ އިއުލާން ކޮށްފަ އެވެ. 

އެ މިނިސްޓްރީން ބުނީ މި މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފާވާ ކަމަށެވެ. އަދި މި މަސައްކަތާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް މިމަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީގައި އޮންނާނެ ކަމަށްވެސް ބުނެފައިވެ އެވެ. 

މި ދިރާސާގައި އާރްޓީއެލްގެ ފެރީގެ ހިދުމަތުން ޒޯން އެކެއްގައި ހިމެނޭ ރަށްރަށުގެ ރައްޔިތުންގެ ދިރިއުޅުމަށް އައި ބަދަލުތައް ދެނެގަތުމުގެ މަސައްކަތް ކުރާނެ އެވެ. 

ޕްލޭނިން މިނިސްޓްރީން ބުނީ މި ދިރާސާގައި އާރްޓީއެލްގެ ފެރީގެ ނިޒާމުގެ ސަބަބުން ސިއްހީ ހިދުމަތްތައް ހޯދަން ރައްޔިތުންނަށް ލިބުނު ފައިދާތަކާއި ވަޒީފާގެ ފުރުސަތުތައް ފަހިވި މިންވަރާއި ތައުލީމު ހޯދަން ލިބުނު ކުރިއެރުންތައްވެސް ދެނެގަންނާނެ ކަމަށެވެ. 

މީގެ އިތުރުން އާރްޓީއެލް ފެރީ ހިދުމަތުގެ ސަބަބުން ލޯކަލް ޓޫރިޒަމްއާއި މަސްވެރިކަމާއި ދަނޑުވެރިކަމަށް ލިބުނު ފައިދާތައްވެސް ދެނެގަންނާނެ އެވެ. 

މިއީ 13 ހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ދިރާސާއެކެވެ. މި ދިރާސާގެ ރިޕޯޓު ސެމްޓެމްބަރު މަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް