ads
ބިއޯންޑްގެ މަތިންދާ ބޯޓެއް - ފޮޓޯ:ފްލައި ބިއޯންޑް
ގައުމީ އެއާލައިންގެ ދަރަޖަ ދީފައިވާ ކަމަށް ބުނެވުމުން ބިއޯންޑުން މައާފަށް އެދެފި
ރާއްޖޭގައި ވައިގެ ދަތުރުތައް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ އެއާލައިން، 'ބިއޯންޑް' އަށް ސަރުކާރުން ގައުމީ އެެއާލައިނެއްގެ ދަރަޖަ ދީފައިވާ ކަމަށް ބުނެވުނީ އޮޅިގެން ކަމަށާއި އެކަމާ ގުޅިގެން މައާފަށް އެދޭ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

ސީއެންއެންގެ 'ކުއެސްޓް މީންސް ބިޒްނަސް' އަށް މިދިޔަ ހުކުރު ދުވަހު ދެއްވި އިންޓަވިއުއެއްގައި ބިއޯންޑްގެ ސީއީއޯ ޓޭރޯ ޓަސްކިލާ ވިދާޅުވެފައިވަނީ އެ އެއާލައިނަކީ ރާއްޖޭން ނޭޝަނަލް ކެރިއާ (ގައުމީ އެއާލައިން) ގެ ދަރަޖަ ދީފައިވާ އެއާލައިނެއް ކަމަށެވެ. އެހެންކަމުން ރާއްޖޭން 80 ގައުމަކާ އެކު ސޮއިކޮށްފައިވާ މުއާހަދާތަކުން ލިބޭ ލުއިތައް ބިއޯންޑަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބިއޯންޑްގެ ސީއީއޯގެ ދެއްކެވި ވާހަކަތަކާ ގުޅިގެން މައާފަށް އެދި އެ އެއާލައިނުން އާންމުކޮށްފައިވާ ކުރު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ގައުމީ އެއާލައިނަކީ މޯލްޑިވިއަން ކަމަށާއި ބިއޯންޑަށް އެ ދަރަޖަ ދީފައި ނުވާ ކަމަށެވެ.

އެ އެއާލައިނަށް ގައުމީ އެއާލައިނުގެ ދަރަޖަ ދީފައިވާ ކަމަށް ބިއޯންޑުގެ ސީއީއޯއަށް ބުނެވުމުން އެއީ އެންމެ ރަނގަޅު ލަފްޒުތައް ނޫން ކަމަށާއި އެފަދަ މަޝްވަރާއެއް އެއްވެސް ސިފައެއްގައި ކުރިއަށް ނުދާކަމަށް އެއާލައިނުން ބުނެފައިވެއެވެ. ބިއޯންޑުން ބުނި ގޮތުގައި އެ އެއާލައިނުން މަސައްކަތް ކުރާނީ ސަރުކާރާއި ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފަރާތްތަކަކާ ގުޅިގެން ކަމުގައެވެ.

ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށް ދިވެހި އެއާލައިންތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވެސް ބިއޯންޑުން ބުނެއެވެ.

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގަމުން ދަނީ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ނެވެ. އައިއޭއެސްއަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ. ރާއްޖޭގެ ގައުމީ އެއާލައިންގެ ދަރަޖަ އިތުރު ފަރާތަކަށް ދީފައިވާ ކަމަށް ނުވަތަ އެފަދަ މަޝްވަރާތަކެއް ކުރެވެމުންދާ ކަމަކަށް ވެސް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ދިވެހި ވިޔަފާރި ކުންފުނި ސިމްޑީ އާއި ޔޫއޭއީގެ ފަރާތަކާ ގުޅިގެން ފަށާ ބިއޯންޑަކީ އެންމެ މަތީ ފެންވަރުގެ އެއާލައިނެކެވެ. އެ އެއާލައިނުގެ ދަތުރުތަކުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ އޭ-320 މަރުކާގެ ބޯޓުތަކެވެ. ފުރަތަމަ ބޯޓުގައި ހިމެނޭނީ މަތީ ފެންވަރުގެ 44 ގޮނޑިކަމަށް އެއާލައިނުން ހާމަކޮށްފައިވެއެެވެ. އެ އެއާލައިނުގެ ދަތުރުތައް ސެޕްޓެމްބަރު މަހު ފެށުމުގެ މަސައްކަތް ކުރަމުން އަންނައިރު، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ފްލީޓު ބޮޑުކޮށް، ދަތުރު ކުރާ މަންޒިލްތައް އިތުރުކުރާނެ ކަމަށް އެ އެއާލައިނުން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް