ads
ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިއަކަށް ވީއައިއޭއިން މަރުހަބާ ކިޔަނީ: ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު މި އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ވަނީ ދަށަށް ގޮސްފައި - ފޮޓޯ:އެމްއެމްޕީއާރުސީ
ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ފުރަތަމަ ފަހަރަށް ދަށަށް
ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު މި އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ދަށަށް ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން:

  • މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 94،604 ފަތުރުވެރިން
  • މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، 5.7 އިންސައްތައިގެ ދަށްވުމެއް
  • މިދިޔަ އަހަރުގެ މެއި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އައިސްފައިވަނީ 100،230 ފަތުރުވެރިން

އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފުރަތަމަ ހަތަރު މަހު އެވްރެޖްކޮށް 172،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. މިދިޔަ ހަތަރު މަހާ އަޅާބަލާއިރު، މިއީ 55 އިންސައްތައިގެ ދަށްވުމެކެވެ.

މި އަހަރުގެ ވަކިވަކި މަސްމަހު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އަދަދުތައް:

  • ޖެނުއަރީ - 172،499 ފަތުރުވެރިން
  • ފެބްރުއަރީ - 177،915 ފަތުރުވެރިން
  • މާޗް - 173،514 ފަތުރުވެރިން
  • އެޕްރީލް - 164،357 ފަތުރުވެރިން
  • މެއި (24 ވަނަ ދުވަހުގެ ނިޔަލަށް) - 94،604 ފަތުރުވެރިން

މި އަހަރުގެ ފުރަތަމަ ހަތަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުތައް ހުރީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި އަދަދުތަކާ އަޅާބަލާއިރު 13 އިންސައްތަ - 30 އިންސައްތަ މަތީގައެވެ.

  • ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް 782،889 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވޭ
  • މިދިޔަ އަހަރުގެ އެ މުއްދަތުގައި އައިސްފައިވަނީ 677،034 ފަތުރުވެރިން
  • މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، 15.6 އިންސައްތައިގެ ކުރިއެރުމެއް

އަހަރުގެ މިހާތަނަށް އެވްރެޖުކޮށް ދުވާލަކު 5،437 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. މި މުއްދަތުގައި އައި ފަތުރުވެރިން އެވްރެޖްކޮށް 7.8 ދުވަސް ރާއްޖޭގައި ހޭދަކޮށްފައިވެއެވެ.

އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ގައުމުތަކަކީ:

  • ރަޝިއާ - 91،587 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 11.7 އިންސައްތަ)
  • އިންޑިއާ - 89،619 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 11.4 އިންސައްތަ)
  • އިނގިރޭސިވިލާތް - 71،359 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 9.1 އިންސައްތަ)
  • އިޓަލީ - 59،593 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 7.6 އިންސައްތަ)
  • ޖަރުމަނުވިލާތް - 57،274 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 7.3 އިންސައްތަ)

މި ގައުމުތަކުގެ އިތުރުން ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޗައިނާ، އެމެރިކާ، ފްރާންސް، ސްވިޒަލޭންޑް އަދި ސައުތް ކޮރެއާއިންނެވެެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1،241 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 170 ރިސޯޓާއި 13 ހޮޓަލާއި 899 ގެސްޓްހައުސްގެ 159 ސަފާރީ ހިމެނެއެވެ. މި ތަންތަނުން ޖުމްލަ 60،734 އެނދު އޮޕަރޭޓްކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް