ads
ސްޓެލްކޯއިން ހުޅުމާލޭގައި ގާއިމުކުރި އިމަޖެންސީ ޕަވާޕްލާންޓު: 20.2 މެގަވޮޓް ކެޕޭސިޓީގެ މި ޕަވާޕްލާންޓާ އެކު، މާލެ ސަރަހައްދުގެ ޕަވާ ސެކިއުރިޓީ އިތުރަށް ކަށަވަރު ކުރެވިގެންދާނެ - ފޮޓޯ:ސްޓެލްކޯ
މާލެ ސަރަހައްދަށް ހާއްސަކޮށް ހެދި އެމަޖެންސީ އިންޖީނުގޭގެ މަސައްކަތް ނިންމައިފި
މާލޭ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމުގައި މައްސަލައެއް ދިމާވާ ހާލަތުގައި ބޭނުން ކުރުމަށް ހެދި އެމަޖެންސީ ބެކަޕް ޕަވާޕްލާންޓުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ނިންމާލައިފިއެވެ.

ހުޅުމާލެ ބާ އިންޖީނު ގޭގައި ހެދި އެ ޕަވާޕްލާންޓަކީ 20.2 މެގަވޮޓު ކެޕޭސިޓީގެ ޕަވާޕްލާންޓެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ކުއްލި ހާލަތްތަކުގައި ބޭނުން ކުރުމަށް ހާއްސަކޮށްގެން އެ ކުންފުނިން ހެދި އިންޖީނުގޭގެ ސަބަބުން މައްސަލައެއް ދިމާވި ނަމަވެސް ހުއްޓުމެއް ނެތި ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވިއެވެ.

"މިހާރު ހުރި ތިން ޕަވާޕްލާންޓުގެ ކެޕޭސިޓީއަށްވުރެ އިތުރަށް ކަރަންޓު ބޭނުންވާ ނަމަ ނުވަތަ އެމަޖެންސީއެއް ދިމާވެއްޖެ ނަމަ އަޅުގަނޑުމެން މި ޕަވާޕްލާންޓުގެ ބޭނުން ހިފާނީ. އެމަޖެންސީ އޭ މި ދެންނެވީ އިންޖީނެއް ހުއްޓި، މެއިންޓެނަންސަށް ނަގާ އިންޖީނުތަކަށް ފޫބެއްދުމަށްވެސް އަޅުގަނޑުމެން މި ޕަވާޕްލާންޓުގެ ބޭނުން ހިފާނެ،" - ޝަރީފް

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ ސީދާ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިޔަ މި ޕްރޮޖެކްޓުގެ މަސައްްކަތް އެ ކުންފުނިން ކޮށް ނިންމީ އެއް މަސް ދުވަހުގެ ތެރޭގައި ކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި މިއީ އެ ކުންފުނީގެ ތާރީހުގައި މިހާތަނަށް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އިންޖީނުތަކެއް ކޮމިޝަން ކުރި ޕްރޮޖެކްޓް ކަމަށެވެ.

your imageސްޓެލްކޯއިން ހުޅުމާލޭގައި ގާއިމުކުރި އިމަޖެންސީ ޕަވާޕްލާންޓު - ފޮޓޯ:ސްޓެލްކޯ

އެމަޖެންސީ ބެކަޕް ޕަވާޕްލާންޓުގެ ތެރޭގައި ހުންނާނީ 10 އިންޖީނު ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވެފައިވަނީ އެ އިންޖީނުތަކުގެ އިތުރަށް އަލަށް ގެނައި ތިން އިންޖީނު އިންސްޓޯލްކުރުމުގެ މަސައްްކަތް ކުރަމުންދާ ކަމަށެވެ. އޭގެ އިތުރުން ކޮންޓޭނަރައިޒްޑް ހަތަރު އިންޖީނުވެސް އެތަނުގައި ހުންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ސްޓެލްކޯއިން ބުނީ މި އެމަޖެންސީ ބެކަޕް ޕަވާޕްލާންޓާ އެކު މާލެ ސަރަހައްދުގެ ޕަވާ ސެކިއުރިޓީ އިތުރަށް ކަށަވަރު ކުރެވިގެންދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް