ads
ރާއްޖެއާ ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
ފައިވް ނޭޝަންސް ކަޕް: ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވެއްޖެ
މިއަދު މާލޭގައި ފެށި ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

ރާއްޖޭގެ ފުރަތަމަ މެޗުގައި މިރޭ ބަންގްލަދޭޝްއާއި ބައްދަލުކޮށް ނާކާމިޔާބުވީ 10 ޕޮއިންޓުގެ ފަރަގަކުންނެވެ. ބަންގްލަދޭޝް ޓީމުން މެޗު ކާމިޔާބުކުރީ 52-42 ންނެވެ. މެޗު ފުރަތަމަ ކޮޅުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ރާއްޖެ ޓީމުން ފުރަތަމަ ކުއާޓަރުގައި ލީޑުވެސް ނެގިއެވެ. ނަމަވެސް ބަންގްލަދޭޝްއިން ވަނީ ފުރަތަމަ ކުއާޓާ ނިމުމުގެ ކުރިން ލީޑު ނަގާ، މެޗު ނިމެންދެން އެލީޑު ދަމަހައްޓާފައެވެ. 

ބަންގްލަދޭޝް ޓީމުން މެޗުގެ ކުއާޓާތައް ކާމިޔާބުކުރީ 12-13، 21-23، 34-43 އަދި 42-52 ންނެވެ. މި މެޗުގައި ރާއްޖޭގެ ޑިފެންސް ކުރުން ރަނގަޅު ނަމަވެސް މައްސަލަ ދިމާވީ އެޓޭކު ކުރުމުގައެވެ. 

ފަސް ގައުމުން ވާދަކުރާ މި މުބާރާތުގައި ފުރަތަމަ ކުޅޭނީ ލީގު ބުރެކެވެ. އެއަށްފަހު ސެމީ ފައިނަލުގައި ވާދަކުރާނީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމެކެވެ. 

އެހެންކަމުން ކުރިއަށް ހުރި މެޗުތައް ކާމިޔާބު ކޮށްގެން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތެވެ. ރާއްޖޭގެ އަމާޒަކީ މިފަހަރުގެ މުބާރާތުގެ ތަށި ކާމިޔާބު ކުރުމެވެ. މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ ބާސްކެޓްބޯޅަ ޓީމުން ވަނީ އިންޑިއާގެ ބެންގަލޫރުގައި ހުންނަ ޕަޑުކޯން ޑްރާވިޑް ސެންޓާ ފޯ ސްޕޯޓްސް އެކްސަލަންސް ހައި ޕާފޯމަންސް ސެންޓަރުގައި ދެ ހަފްތާގެ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައެވެ.

ރާއްޖެއާއި ބަންގްލަދޭޝްގެ އިތުރުން މުބާރާތުގައި ދެން ވާދަކުރަނީ ބޫޓާން، ނޭޕާލް އަދި ޕާކިސްތާނެވެ. މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގައި ދެން ރާއްޖެ ބައްދަލުކުރާނީ ބޫޓާނާއެވެ. މި މެޗު އޮންނާނީ މާދަމާރޭ 08:30 ގައެވެ. މުބާރާތުގެ ހުރިހާ މެޗުތަކެއްވެސް ކުރިއަށްދާނީ ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް