ads
ތިލަމާލެ ބްރިޖު މަސައްކަތުގައި އެފްކޯންސް މުވައްޒަފުންތަކެއް----ފޮޮޓޯ: މިހާރު
ބްރިޖް މަސައްކަތުގައި އުޅުނު ބިދޭސީއަކު މަރުވެއްޖެ
ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތުގައި އުޅުނު އިންޑިއާ އެފްކޮން ކުންފުނީގެ މުވައްޒަފަކު މަރުވެއްޖެ އެވެ.

ތިލަމާލެ ބްރިޖް ޕްރޮޖެކްޓްގެ މެނޭޖަރު މުހައްމަދު ޖިނާން "ސީއެންއެމް"  އަށް ވިދާޅުވީ ބިދޭސީ މީހާ މަރުވީ ހާޓް އެޓޭކެއް ޖެހުމުން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށްކަމަށެވެ. 

ބިދޭސީ މީހާ ބަލިވެ އުޅޭތީ މަސައްކަތަށް ނުނެރޭތާ ތިން ދުވަސް ވެއްޖެކަމަށާއި އަދި އޭނާއަށް ބޭނުންވާ ބޭސްވެސް ޑޮކްޓަރުގެ ލަފާގެ މަތިން ފޯރުކޮށްދީފައިވާނެކަމަށެވެ. 

ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ މަރުވީ ބްރިޖް ހަދާ ކުންފުނީގެ އިހުމާލުން ކަމުގައި ބުނެފައިވީނަމަވެސް ޖިނާން އެވާހަކަތައް ދޮގުކުރެއެވެ. ޖިނާން އިތުރަށް ވިދާޅުވީ މަރުވި ބިދޭސީ މިހާ ބަލިވެގެން ރިޕޯޓުކޮށް އޭނާ މަސައްކަތަށް ނުނެރޭތާ ތިން ދުވަސް ވެއްޖެ ކަމަށެވެ.

އަދި ހާޓްއެޓޭކް ޖެހުނީ މުވައްޒަފުންގެ އެކޮމަޑޭޝަނުގައި ހުއްޓާކަމަށެވެ. އަދި ވަގުތުން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދެވުނުކަމަށާއި މަރުވީ ފަރުވާދެމުން ދަނިކޮށް ކަމަށެވެ. އޮންނަ އުސޫލުގެ ތެރެއިން ސައިޓުން މީހަކު މަރުވެއްޖެނަމަ ދެ ދުވަސް ނޫނީ ތިން ދުވަސް މަސައްކަތް ނުކޮށް މުވައްޒަފުންނަށް ލީވް ދޭކަމަށެވެ. 

ބްރިޖް ސައިޓުގައި މުޒާހަރާއެއް ނުކުރޭ. މަރުވީ ހާޓްއެޓޭކެއް ޖެހިގެން ޓްރީޓޮޕްގައި ފަރުވާދެމުން ދަނިކޮށް. މީހަކު މަރުވުމުން އޮންނަ އުސޫލުގެ ތެރެއިން ތިން ދުވަހު ސައިޓުގައި އެއްވެސް މަސައްކަތެއް ނުކުރާނެ: ޖިނާން

ތިލަމާލެ ބްރިޖް މަސައްކަތުގައި މާލެ ވިލިމާލެ ގުޅީފަޅުގެ އެއްގަމުގައި ޖަހާ ތަނބުތަކުގެ މަސައްކަތް ކުރަމުންދާއިރު މާލޭ ކޮޅުގެ އެއްގަމުގައި ޖަހާ ތަނބުތަކުގެ މަސައްކަތް މިހާރުވަނީ ގާތްގަނޑަކަށް ނިމިފައެވެ.

އަދި ބްރިޖުގެ ޑެކްގެ ސެގްމަންޓް ޔުނިޓްސްތައް ޕްރީ ކާސްޓް ކުރުމުގެ މަސައްކަތްވެސް ތިލަފުށީ ސައިޓްގައި މިހާރުދަނީ ކުރަމުންނެވެ. ޕްލޭނިން މިނިސްޓްރީން ބުނީ ތަނބުތަކުގެ މަސައްކަތް ނިމެމުން ދާވަރަކަށް، ޑެކްގެ ބައިތައްވެސް ގުޅާލަމުން ގެންދާނެކަމަށެވެ.

ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އެޅުމަށް އެފްކޮންސްއާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކުރީ 26 އޯގަސްޓް 2021 ގައިއެވެ. 

މި ޕްރޮޖެކްޓަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދޭ 100 މިލިއަން ޑޮލަރާއި، އެގައުމުގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އެކު ޖުމްލަ 500 މިލިއަންޑިލަރުގެ ޕްރޮޖެކްޓެވެ. އަންނަ ޑިސެމްބަރުމަހަށް ވިލިމާލެ އާއި ހަމައަށް ބްރިޖްގެ މަސައްކަތް ނިންމުމަށް ޕްލޭންކުރެވިފާއިރު، ބްރިޖްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ އަހަރަށްކަމަށް ޕްލޭނިންގް މިނިސްޓްރީ އިން ވަނީ ލަފާކޮށްފައިއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް