ads
ޖުލައިގެ މެދަށް އެއް މިލިއަން ފަތުރުވެރިން ހަމަވާނެކަމަށް ލަފާކުރެވިއްޖެ
ޖުލައިގެ މެދަށް އެއް މިލިއަން ފަތުރުވެރިން ހަމަވާނެކަމަށް ލަފާކުރެވިއްޖެ
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު، އަންނަ ޖުލައި މަހުގެ މެދެއްހާ ހިސާބުގައި އެއް މިލިއަނަށް އަރާނެކަމަށް ޓްއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައިފި އެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރީ 861،167 ފަތުރުވެރިންނެވެ.  

އެހެން ކަމުން މި އަހަރު މިލިއަނެއް ހަމަވަން މިހާރު މަދުވަނީ 138833 ފަތުރުވެރިންނެވެ. މިހާރު ރާއްޖެއަށް ފަތުރުވެރިން ދުވާލަކު އަންނަ އަދަދަށް ބަލާއިރު މި އަދަދު ހަމަވާން ނަގާނީ 26 ދުވަހެވެ. 

ޓްއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުން މިހާރު ދުވާލަކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އެވްރެޖް ނިސްބަތަކީ ދުވާލަކަށް 5200 އެވެ. އެހެން ކަމުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މިނިސްބަތުގައި ފަތުރުރިންގެ އެވްރެޖް ހުރެއްޖެ ނަމަ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަންނަ ޖުލައި މަހުގެ ފުރަތަމަ ފަހްތާގައި ނުވަތަ ދެ ވަނަ ހަފްތާގައި އެއް މިލިއަން ހުރަސް ކުރާނެކަމަށް ބެލެވެއެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރިން ގެނެވުނު އިރު މިއަހަރުގެ އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ގެނައުމެވެ.

މި އަހަރު މިހާތަނަށް ރާއްޖެއަށް އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާ މާކެޓުން 101،348 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނަ ލިބޭ ރަޝިއާއިން މާކެޓުން ރާއްޖެއަށް 100،593 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. އަދި ތިން ވަނަ ލިބޭ އިނގިރޭސިވިލާތުން 76،148 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 1،248 ތަނަކަށް ވަނީ ހުއްދަ ދީފައިވާއިރު މިހާރު ހިދުމަތްދެމުން އަންނަނީ، 1،244 ތަނަކުންނެވެ. އެއީ 170 ރިސޯޓާއި، 13 ހޮޓަލާއި، 901 ގެސްޓްހައުސްގެ އިތުރުން 160 ސަފާރީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް