ads
ރައީސް ނަޝީދު އަދި ރައީސް މައުމޫނު ފޮޓޯ އަވަސް
ޕާޓީތަކަށް ސަރުކާރުގެ ނުފޫޒު: އާންމު ރައްޔިތަކަށް ކިހާވަރެއް ކޮށްލާނެ؟
ރާއްޖޭގައި ފުރަތަމަ ޕާޓީ ތައާރަފް ކުރައްވަން އެންމެ ބޮޑަށް މަސައްކަތް ކުރއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް މަޖިލީސް މެންބަރުްނތަކެއް އިސްވެ އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ޕާޓީ ދަ ޑިމޮކްރެޓްސް އުފެއްދުމަށް މަސައްކަތް ކުރަމުންދާއިރު އެކަން ވާ ގޮތެއް ނުވެއެވެ.
Advertisement

އެ ޕާޓީން އީސީގެ މައްޗަށް ކުރަނީ ތުހުމަތެވެ. ދެ މެންބަރަކު ހުރަސް އަޅަނީ ކަމަށް ބުނެއެވެ. ޕާޓީގެ މެންބަރުންގެ ފޯމްތައް ވަނީ އެކެއް ޖޫންގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ. ފުރަތަމަ ކުރިމަތިވީ ޕާޓީގެ ފޯމްތައް ލީކުވި މައްސަލައެވެ. ހަމަ އެއްވެސް ކަމަކާ ނުލައި ފޯމްތައް ލީކު ވުމަކީ ވެދާނެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެހެންނަމަ މީގެ ކުރިންވެސް ވާންވީއެވެ. 

އެމައްސަލަ އެޕާޓީން އިލެކްޝަންސް ކޮމިޝަނާއި ޕޮލިހަށްވެސް ހުށަހެޅިއެވެ. އީސީން މައްސަލަ ބެލިއެވެ. އީސީން ސީއެންއެމްއަށް ބުނީ އެމައްސަލަ ބެލިކަމުގައިވިޔަސް ސާބިތު ކުރެވޭ ފަދަ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އީސީގެ ރައީސް ވިދާޅުވީ އެ އޮފީހުގެ ތެރެއިން އެކަން ނުހިނގާ ކަމުގެ ފުރިހަމަ ޔަގީން ކަމެއް ނުދެވޭނެ ކަމަށެވެ.

ފުއާދު އެހެން ވިދާޅުވާން އެޖެހެނީ ސަބަބެއް އޮތީމައެވެ. އެފަދަ ކަމެއް އެއޮފީހުން ހިނގާފާނެ ކަމުގެ ފުރުސަތު އޮތީމައެވެ. 

މިއަދު އެކަން ފަލަ ވަމުން އައިސް ވިސްނާ ބަޔަކަށް ދޭހަވާނެ މިންވަރަކަށް މިވަނީ ތިލަ ވެފައެވެ. މިދިޔަ ބުރާސްފަތި ދުވަހު ހުއްދަ ދޭނެ ކަމަށްބުނި ނަމަވެސް އެކަން އެދުވަހަށް ނުކުރެވިއްޖެ ނަމަ އާދީއްތަ ދުވަހު ކޮންމެހެންވެސް ހުއްދަ ދޭނެ ކަމަށް އީސީން ބުނެފައިވއެވެ. އެހެންނަމަވެސް އެކަން ނުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ ދަ ޑިމޮކްރެޓްސްއަށް ހުއްދަ ދިނުމަށް އެޖެންޑާކޮށް ބޭއްވި ކޮމިޝަނުގެ މައްދަލުވުމުގައި އެ ހުއްދަ ދިނުމަށް ފާސްކުރުމާ ދެކޮޅަށް ކޮމިޝަނުގެ ދެ މެމްބަރަކު ވޯޓް ދެއްވީ، ފޯމްތައް އިތުރަށް ޗެކްކުރަން ބޭނުންވާކަމަށް ވިދާޅުވެ ކަމަށެވެ. ފުއާދު ވިދާޅުވި ގޮތުގައި ދެ މެމްބަރުން ބޭނުންފުޅުވީ ފަސް މެމްބަރުންގެ ކޮމެޓީއަކުން އަލުން ފޯމްތައް ޗެކް ކުރުމަށެވެ.

ނަމަވެސް އީސީގެ ރައީސް ފުއާދުގެ ވާހަކަ އެކޮމިޝަނުގެ މެމްބަރު އަލީ ނަޝާތު ދޮގު ކުރައްވައެވެ.

ނަޝާތު ވިދާޅުވީ ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ތިން މަހަށް ދަންމާލަން ކޮމިޝަނުގެ ދެ މެމްބަރަކު މަސައްކަތް ކުރައްވާކަމަށް ކޮމިޝަނުގެ ރައީސް ވިދާޅުވި ވިދާޅުވުމަކީ ހަގީގަތެއް ނޫންކަމަށާއި ދެކޮޅު ހެއްދެވީ އެއްކޮށް ޕްރޮސެސް ނުނިންމާ އަވަސް އަރުވާލައިގެން ދަ ޑިމޮކްރެޓްސްއަށް ހުއްދަ ދިނުމަށް ހުށަހެޅުމުންކަމަށެވެ. 

ނަޝާތު ސީއެންއެމްއަށް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގައި މެމްބަރުން ވޯޓް ދޭ ގޮތް އާއްމު ކުރުމަކީ ގާނޫނު ތަންދޭކަމެއްވެސް ނޫންކަމަށާއި އެއީ ހުއްދަކަމެއް ވެސް ނޫން ކަމަށެވެ. ނަމަވެސް ކޮމިޝަނުގެ ރައީސް އެގޮތަށް އަމަލު ކުރެއްވުމުން އެކަމާ ކަންބޮޑުވެވަޑައިގަންނަވާކަމަށް ނަޝާތު ވިދާޅުވިއެވެ.

އަނެއްކޮޅުން ދަ ޑިމޮކްރެޓް އުފެއްދުމަށް ހުރަސް އެޅުމަށްޓަކައި ސަރުކާރާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ދެ މެންބަރަކު ފޯމްތައް ޗެކް ކުރެއްވުމަށް ޓަކައި ކުރައްވަން އުޅެނީ މުޅިން އާ ޗެކެއް ކަމަށް އެޕާޓީ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ވިދާޅުވެފައެވެ. އީވާ ވިދާޅުވީ ދަ ޑިމޮކްރެޓްސް އުފެއްދިޔަ ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުގެ ދެ މެމްބަރަކާއި ގުޅިގެން ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އެ ކޮމިޝަނުގެ މެންބަރު އާސިފާއި ނަޝާތާ ރޭ ބޭއްވި ބައްދަލުވުމުގައި މުޅިން އާ ޗެކެއް ކުރުމަށް އެދިވަޑައިގެންފި" - އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ އަލުން ފޯމްތައް ޗެކް ކުރަން އުޅޭ އުޅޭއުޅުމަކީ ގަވާއިދުގައި ލިޔެފައިވާ ކަމެއްވެސް ނޫން ކަމަށާއި މީގެ ކުރިން އެއްވެސް ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށްޓަކައި މިމަރުހަލާގައި ޑިމާންޑް އެފަދަ ކަމަކަށް ޑިމާންޑްކޮށްފައިވެސް ނުވާއިރު އެފަދަ ކަމެއް ކޮށްފައިވެސް ނެތްކަމަށެވެ.

ދެން އޮތީ އެހެން ވާހަކައެކެވެ. ރައީސް މައުމޫނު އުފައްދަވާފައިވާ އެމްއާރުއެމް އުވާލި ވާހަކައެވެ. ކުރިން ރައީސް މައުމޫނު ސަރުކާރު ކޯލިޝަނަށަށް ތާއީދު ކުރެއްވިއެވެ. ނަމަވެސް ރައީސް މައުމޫނު ސަރުކާރާ އެއްގަލަކަށް ނޭރުމުން ދެން ފެނުނީ ތަފާތު މަންޒަރެކެވެ. 

އެމްއާރުއެމް އުވާލި ވާހަކަ އައީ ކުއްލިއަކަށެވެ. ފުރަތަމަވެސް ނޫސްތަކަށެވެ. އެހެންވެ ޕީޕީއެމުން އެންމެ ފުރަތަމަވެސް ކަންބޮޑުވުން ފާޅުކުރީ އެކަމުގައެވެ. އެމްއާރުއެމް އުވާލަން ނިންމިކަން އީސީން އެޕާޓީއަށް އެންގީ މީޑިއާގައި ތިލަވިފަހުންނެވެ.

އެކަމާއި ގުޅިގެން އެޕާޓީގެ ޒައީމް ރައީސް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވީ އެމްއާރުއެމް އުވާލަން އީސީން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު އަދި ކޮރަޕްޓް ނިންމިމެއް ކަމަށެވެ.

އެމްއާއުއެމް އުވާލަން ނިންމި މައްސަލާގައިވެސް އިލެކްޝަންސް ކޮމިޝަނުގެ ތެރެއަށް ކޮންމެވެސް ނުފޫޒެއް ވަދެފައިވާކަމަށް އެޕާޓީގެ ރައީސް އަހުމަދު ފާރިޝް މައުމޫނުވެސް ތުހުމަތު ކުރެއްވިއެވެ.

އީސީގެ ތެރެއަށް ކޮންމެ ވެސް ބައެއްގެ ސިޔާސީ ނުފޫޒު ވަދެފައިވާކަން ގަބޫލު ކުރެއްވޭ މޭރުމަކުން ވާހަކަ ދައްކަވަމުން ކުރިން ފާރިޝް ވިދާޅުވީ އެޕާޓީއަށް މެމްބަރުން ވައްދާގޮތާއި ފޯމްތައް ހުށަހަޅާގޮތާއި އަދި ޕްރޮސެސް ކުރާގޮތުގެ އިތުރުން ޕާޓީން މެމްބަރުން ވަކިކުރަމުން ގެންދާ ގޮތް ބަލަން ބޭނުންވާ ކަމަށެވެ.

ރައީސް ނަޝީދާ، ރައީސް މައުމޫނަކީ ކުރީގެ ރައީސްކަން ކުރެއްވި ދެބޭފުޅުންނެވެ. ދައުލަތުން އިނާޔަތާއި ހިމާޔަތާ، ރައްކާތެރިކަން ދީފައިވާ ދެ ރައީސުންނެވެ. ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް އެޕާޓީތަކަށް ކުރަމުންދާ އުނދަނގޫތައް އެހެރީ ފެންނާށެވެ. 

އިލެކްޝަންސް ކޮމިޝަނުގެ ތެރެއަށް ސަރުކާރުގެ ނުޒޫފު އޮތްކަމަށް ދެކެވޭ ވާހަކަތަކާއި ސަރުކާރުން ދެކޮޅެވެ. 

އެމްއާރުއެމް އުވާލަން ނިންމި މައްސަލާގައި ސަރުކާރަށް އަމާޒުވި ތުހުމަތުތަކަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެފައިވަނީ އެމްއާރުއެމް އުވާލުމުގައި ސަރުކާރުގެ ނުފޫޒެއް އަދި ރޯލެއްވެސް ނެތްކަމަށެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން، އެޖަމިއްޔާގެ ދިރާސާއަށްފަހު ބުނީ އީސީގެ އިތުބާރު ކުޑަ ވަމުން އަންނަ ކަމަށާއި، ވެރިކަން ކުރާ ޕާޓީއަށް މަޖިލީހުގެ އަގްލަބިއްޔަތު އޮތުމަކީ އިތުބާރު ގެއްލުމަށް އޮތް ފުރުސަތެއް ކަމަށެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި، ކުރީގެ ރައީސްކަން ކޮށްފައިވާ ރައީސުން ކުރައްވަން އުޅުއްވާ ކަމަކަށް މިވަރަށް ސަރުކާރުން ފިއްތުން ކުރިމަތި ކުރުވަމުން ދާކަމަށް ބުނާއިރުއިރު އާންމު ފަރުދަކަށް ސަރުކާރުން ބޭނުން ވެއްޖެ ހާލަތެއްގައި ބޭނުން ގޮތއް ހަދާލުމަކީ ފަސޭހަ ކަމާއެކު ކޮށްލާނެ ކަމެއް ކަމަށް ބައެއް މީހުން ދެކެއެވެ. އެކަން ކުރިމަތިވެފައިވާ އެތައް ބަޔަކު މިހާރުވެސް ތިބިކަމަށާއި އެހެންކަމުން ފަރުދީ މިނިވަންކަމުގެ ވާހަކަ ދެއްކެންވެސް ނެތްކަމަށް ބައެއް މީހުން ގަބޫލު ކުރެއެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް