ads
މިއަހަރު ހައްޖަށް ދިޔަ ބައެއް މީހުން
އެކަކު ފިޔަވައި ދިވެހި ހުރިހާ ހައްޖާޖީންގެ ހާލުވެސް ރަނގަޅު، ހައްޖުވެރިން އަރަފާތުފައި
މިއަހަރު ރާއްޖެއިން ހައްޖަށް ދިިޔަ ހައްޖުވެރިންގެ ތެރެއިން އެކަކު ފިޔަވައި ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށާއި ހައްޖުވެރިން މިހާރުތިބީ އަރަފާތުގައިކަމަށް ދިވެހި ހައްޖު މިޝަންއިން ބުނެފިއެވެ.

މިވަގުތު އަރަފާތުގައި ހުންނެވި ދިވެހި ހައްޖު މިޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ ހައްޖުގެ ކަންކަން ކުރިއަށްދާއިރު އެކަކު ފިޔަވައި ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށެވެ. މިއަހަރު ހައްޖު ކޯޕަރޭޝަންގެ އިތުރުން ތިން ޖަމާއަތެއް މެދުވެރިވެގެން ވެސް ރާއްޖެއިން މީހުން ހައްޖަށް ގެންގޮސްފައި ވެއެވެ.

"އެކަކު ފިޔަވައި އެންމެންގެ ހާލުވެސް ރަނގަޅު، މިހާރު ހައްޖުވެރިން ތިބީ އަރަފާތުގައި، އިއްޔެ ސްޓްރޯކެއް ޖެހުނު މީހަކު މިވަގުތު އޮތީ އައިސީޔޫގައި" - އޮފިޝަލް

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް 1000 ކޯޓާ ލިބުނުއިރު، އަމިއްލަ ތިން ޖަމާއަތަކަށް ޖުމްލަ 270 ކޯޓާ ދީފައިވާއިރު ބާކީ ހައްޖުވެރިން ހައްޖަށް ގޮސްފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.

މިއަދަކީ މިއަހަރުގެ މާތްވެގެންވާ ހައްޖު ދުވަހެވެ. އިސްލާމީ ކަލަންޑަރުގެ އަހަރުގެ އެންމެ ފަހު މަސްކަމަށްވާ ޖުލްހިއްޖާ މަހުގެ 9 ވަނަ ދުވަހަކީ މުސްލިމުންގެ މުގައްދަސް އެއް އަޅުކަން "ހައްޖު" ވުމަށް ކޮންމެ އަހަރަކުވެސް ދުނިޔޭގެ ކަންކޮޅިތަކުން އެތައް މުސްލިމުންނެއް އަރަފާތުބިމަށް ޖަމާވާ ދުވަހެވެ.

އެހެން ކަމުން ހައްޖު ދުވަހަށް "އަރަފާތު" ދުވަސް ވެސް ކިޔައެވެ. މިއަހަރަކީ 2020 ވަނަ އަހަރު ފެށިގެން އެންމެ ގިނަ މީހުން ހައްޖަށް ޖަމާވާ އަހަރެވެ. 2019 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ބަލިމަޑުކަމަށް ފަހު، 2020 ވަނަ އަހަރު ހައްޖުގެ އަޅުކަން ކުރިއަށް ގެންގޮސްފައިވަނީ މަދު ބަޔަކާއި އެކުގައެވެ. 

އަދި އޭގެ ފަހުން 2021، 2022 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމަށް ކޯޓާ ދިނީ ކޮންޓްރޯލްކޮށް ކޮވިޑްގެ ކުރިއަށް ވުރެ މަދުންނެވެ.

ނަމަވެސް އެހާލަތު ނިމި މިއަދު މުސްލިމުން ހައްޖުގެ އަޅުކަން އަދާކުރާއިރު، މިހާރު ދެ މިލިއަނަށް ވުރެ ގިނަ މުސްލިމުން ވަނީ އަރަފާތު ބިމަށް ޖަމާވެފައެވެ. އެއީ ސައުދީ ރައްޔިތުންގެ ތެރެއިން ދެ ލައްކަ މީހުންނާއި ދުނިޔޭގެ އެހެން ހިސާބުތަކުން ހައްޖުގެ އަޅުކަމަށް މައްކާއަށް ޖަމާވި 1.8 މިލިއަނަށް ވުރެ ގިނަ މީހުންނާއި އެކުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް