ads
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިޔަ ބައެއް މީހުން
ސްޓްރޯކެއް ޖެހި ހައްޖުވެރިއަކު އައިސީޔޫގައި
ހައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހައްޖުވެރިންގެ ތެރެއިން ހައްޖުވެރިއަކަށް ސްޓްރޯކެއް ޖެހި އައިސީޔޫގައި ފަރުވާދެމުން އެބަ ގެންދެއެވެ.

ދިވެހި ހައްޖު މިޝަންގެ އިސް އޮފިޝަލަކު ސީއެންއެމްއަށް ވިދާޅުވީ މިނާގައި ތިއްބާ ސްޓްރޯކެއް ޖެހުނީ 58 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށެވެ. އޭނާ މިހާރު ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާދެމުން ގެންދާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ނަމަވެސް މިއަދަކީ އަރަފާތު ދުވަސްކަމުން އޭނާ އަރަފާތަށް ގެންދެވޭތޯ ހައްޖު މިޝަނުން މަސައްކަތް ކުރަމުން ގެންދާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ސްޓްރޯކެއް ޖެހި 58 އަހަރުގެ އަންހެނަކު ހާލުބޮޑުވެ، ދަނީ އައިސީޔޫގައި ފަރުވާދެމުން، އޭނާ އަރަފާތަށް ގެންދެވޭތޯ ހައްޖު މިޝަނުން ދަނީ މަސައްކަތް ކުރަމުން" - އޮފިޝަލް

އެނގިފައިވާ ގޮތުގައި ހާލުބޮޑުވެ ފަރުވާދެނީ ސަރުކާރުގެ ހައްޖު ކުންފުނި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ހައްޖަށް ދިޔަ މީހަކަށެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް ދިިޔަ ހައްޖުވެރިންގެ ތެރެއިން އެކަކު ފިޔަވައި ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށާއި ހައްޖުވެރިން މިހާރުތިބީ އަރަފާތުގައިކަމަށް ދިވެހި ހައްޖު މިޝަންއިން ބުނެއެވެ.

މިވަގުތު އަރަފާތުގައި ހުންނެވި ދިވެހި ހައްޖު މިޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ ހައްޖުގެ ކަންކަން ކުރިއަށްދާއިރު އެކަކު ފިޔަވައި ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށެވެ. މިއަހަރު ހައްޖު ކޯޕަރޭޝަންގެ އިތުރުން ތިން ޖަމާއަތެއް މެދުވެރިވެގެން ވެސް ރާއްޖެއިން މީހުން ހައްޖަށް ގެންގޮސްފައި ވެއެވެ.

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް 1000 ކޯޓާ ލިބުނުއިރު، އަމިއްލަ ތިން ޖަމާއަތަކަށް ޖުމްލަ 270 ކޯޓާ ދީފައިވާއިރު ބާކީ ހައްޖުވެރިން ހައްޖަށް ގޮސްފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.

މިއަދަކީ މިއަހަރުގެ މާތްވެގެންވާ ހައްޖު ދުވަހެވެ. އިސްލާމީ ކަލަންޑަރުގެ އަހަރުގެ އެންމެ ފަހު މަސްކަމަށްވާ ޖުލްހިއްޖާ މަހުގެ 9 ވަނަ ދުވަހަކީ މުސްލިމުންގެ މުގައްދަސް އެއް އަޅުކަން "ހައްޖު" ވުމަށް ކޮންމެ އަހަރަކުވެސް ދުނިޔޭގެ ކަންކޮޅިތަކުން އެތައް މުސްލިމުންނެއް އަރަފާތުބިމަށް ޖަމާވާ ދުވަހެވެ.

4%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް