ads
މާފުށީ ޖަލު-- ފޮޓޯ: ވީނިއުސް
ޖަލު އޮފިސަރުންނަށް ހަމަލާ ދިން މައްސަލަ ފުލުހުން ބަލަން ފަށައިފި
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ ބައެއް މުވައްޒަފުންނާއި މުދަލާއި އިމާރާތަށް ރޭ ހަމަލާ ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން މިރޭ ބުނީ އެ މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަން ފަށާފައިވާ ކަމަށާއި، ކަރެކްޝަންސުން ބޭނުންވެއްޖެ ނަމަ ފުލުހުންގެ އެހީތެރިކަން އަބަދުވެސް ލިބޭނެކަމުގެ ޔަގީންކަން ދީފައިވާނެ ކަމަށެވެ.

"ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ނާޒުކު ފައްތަރެއްގައި ސޮތް ދަނޑިވަޅެއްގައި މި ބަލި ފެތުރުނަ ނުދިނުމަށް ކަމާ ބެހޭ އިދާރާތަކުން ވެސް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ދާއިރު، އެންމެން ގުޅިގެން މަސައްކަތް ކުރުމަށް މި ސާވިސް އިން އިލްތިމާސް ކުރަން،" ފުލުހުން ބުންޏެވެ. 

މާލޭ ޖަލު ކައިރިން ސައިކަލެއްގައި ދިޔަ ދެ މީހަކު ރޭގެ ވަގުތެއްގައި ވަނީ ޖަލު އޮފިސަރަކަށް ހަމަލާ ދީފަ އެވެ. އެ ހަމަލާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، އޭގެން ފެންނަނީ މަރުތެޔޮލަކުން އޮފިސަރުގެ އުނަގަނޑުގައި ޖަހާ މަންޒަރެވެ. 

ކަރެކްޝަންސުން މިއަދު ބުނީ މާލެ ޖަލާއި މާފުށި ޖަލުގައި ވެސް ހަމަނުޖެހުން ހިންގުމަށް ފަހު، އޮފިސަރުންނަށް އިންޒާރު ދީފައިވާ ކަމަށެވެ. 

ކޮވިޑް-19 އާ ގުޅިގެން ޖަލުތައް ސާފުކޮށް، ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފެށުމުން މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ބައެއް މީހުން ހަމަނުޖެހުން އުފެއްދުމުން ބަންދުގައި ތިބި ހަތަރު މީހަކަށާއި ކަރެކްޝަންސްގެ ފަސް އޮފިސަރަކަށް އެކިވަރުގެ އަނިޔާތައް ލިބުނެވެ. 

އޭގެ އިތުރުން މާލޭ ޖަލުގައި ވެސް ރޭ ހަމަނުޖެހުން ހިންގުމުން ވަނީ ފުލުހުންގެ އެހީ ހޯދާފަ އެވެ. މާލޭ ޖަލުގައި އަނިޔާވީ ބަންދުގައި ތިބި ފަސް މީހަކަށާއި ކަރެކްޝަންސްގެ ފަސް އޮފިސަރަކަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް