ads
ޖޯޑީ އަލްބާ
އަލްބާވެސް މިއާމީއަށް ސޮއިކޮށްފި
ސްޕެއިންގެ ޑިފެންޑަރު ޖޯޑީ އަލްބާވެސް، އެމެރިކާގެ އިންޓަ މިއާމީއަށް ސޮއިކޮށްފިއެވެ.

މިއާމީގެ ރައީސް ޖޯޖް މާސް ވަނީ އުމުރުން 34 އަހަރުގެ ޑިފެންޑަރު އެޓީމާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާކަން ކަށަވަރު ކޮށްދީފައެވެ. މިއާމީ އިން އަންނަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު އެންމެ ގިނަ ފަހަރު ހޯދާފައިވާ ލިއޮނެލް މެސީ އެކްލަބަށް ގެންދިއުމަށްފަހު، އޭނާއާއެކު ކުޅޭނެ ރަނގަޅު ކުޅުންތެރިން ހޯދަމުންނެވެ. އެގޮތުން އެކްލަބުން ވަނީ ބާސެލޯނާއަށް ކުރިން ކުޅުނު ސާޖިއޯ ބުސްކެޓްސްގެ ސޮއިވެސް ހޯދާފައެވެ. 

ބާސެލޯނާގައި 10 އަހަރު ހޭދަކުރުމަށްފަހު އަލްބާ ޓީމު ދޫކޮށްލީ އެއްބަސްވުމުގެ މުއްދަތު ހަމަވުމުންނެވެ. އޭނާ ވަނީ ބާސެލޯނާއަށް 459 މެޗު ކުޅެދީ 27 ލަނޑު ޖަހައިދީފައެވެ. މީގެ އިތުރުން ލަލީގާގެ ތަށި ހަފަހަރު އަދި 2015 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ތަށި ބާސެލޯނާއާއެކު ކާމިޔާބުކުރިއެވެ. 

ޖޯޑީ އަލްބާ ވަނީ ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމަށް 93 މެޗު ކުޅެދީފައެވެ. މިދިޔަ މަހު ނިމުނު ނޭޝަންސް ލީގުގެ ތަށި ސްޕެއިނުން ކާމިޔާބުކުރީ އަލްބާގެ ކެޕްޓަންކަމުގައެވެ. 

މިއާމީއިން އަންނަނީ ބާސެލޯނާގައި މެސީއާއެކު ކުޅުނު ގިނަ ކުޅުންތެރިންތަކެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު ބްރެޒިލްގެ ގްރެމިއޯއަށް ކުޅެމުން އަންނަ ލުއިސް ސުއަރޭޒްއަކީވެސް މިއާމީގެ ޓާގެޓެކެވެ. 

މިއާމީގެ ރައީސް މާސް ވިދާޅުވީ ގްރެމިއޯ ނުވަތަ ސުއަރޭޒްއާ މިހާތަނަށް ރަސްމީކޮށް މަޝްވަރާކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް އޭނާ ގްރެމިއޯ ދޫކޮށްލައިފިނަމަ މިއާމީއާއި ގުޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް