މައުލޫމާތު ލިބިފައިވާގޮތުގައި މިއީ ގުދުރަތީ ގޭހުގެ އަލްޓްރާ ޑީޕް ރިޒާވް ހޯދުމަށް ބިމުގައި 10،000 މީޓަރުގެ ވަޅެއް ކޮނެގެން ޗައިނާއިން ކުރަމުންދާ މަސައްކަތްތަކެވެ.
މި މަޝްރޫއު ކުރިއަށް ގެންދަނީ ސިޗުއާން ޕްރޮވިންސްގައި ހިންގާ ޗައިނާ ނޭޝަނަލް ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީއެންޕީސީ) އިންނެވެ.
މި ފުން ވަަޅު ކޮނެ ހޮޅި ވަޅުލުމަކީ ޗައިނާގެ އެތެރޭގައި ގުދުރަތީ ގޭސް އުފައްދާ މިންވަރު އިތުރުކުރުމަށް ކުރާ މަސައްކަތުގެ ބައެކެވެ. ޗައިނާއަކީ ދުނިޔޭގެ އެންމެ ގިނައިން ގުދުރަތީ ގޭސް އެތެރެކުރާ ގައުމެވެ. ޗައިނާއިން ބަލަނީ އިމްޕޯޓަށް ބަރޯސާވުން ކުޑަކުރުމަށެވެ.
ޑްރިލިން މަޝްރޫއަކީ ޗައިނާގެ ޓެކްނޮލޮޖީގެ ގާބިލްކަން އިމްތިހާނެއްގެ ގޮތުގައި ވެސް ދެކެވޭ މަޝްރޫއެކެވެ.
ގޭސް ހޮޅި ވަޅުލުމުގެ މަޝްރޫއަށް ބައެއް ގޮންޖެހުންތައް ކުރިމަތިވެފައިވެއެވެ. ނަމަވެސް މި ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމުގެ ޔަގީންކަން ޑްރިލިން ޓީމަށް އޮތްކަން ވެސް ރިޕޯޓުތައް ބުނެއެވެ. ޒަމާނީ ސާމާނާއި ޓެކްނޮލޮޖީ ބޭނުން ކުރަމުން ދާއިރު، ދަތި އެހެން ބިންތަކުގައި ވެސް ހޮޅި ވަޅުލުމުގެ ތަޖުރިބާ ވެސް އެމީހުންނަށް ލިބިފައިވެއެވެ.
މި މަސައްކަތް ކާމިޔާބު ވެއްޖެ ނަމަ ޗައިނާގެ ހަކަތަ ސަލާމަތަށް ބޮޑު އަސަރެއް ކޮށްފާނެއެވެ.
މި ވަޅު ކޮންނަނީ ދުނިޔޭގައި ހުރި އެންމެ ބޮޑު އެއް ޝޭލް ގޭސް ބެސިން ކަމަށްވާ ސިޗުއަން ބެސިންގައެވެ. މި ހޮޅި ވަޅުލުމުގެ މަސައްކަތް ނިންމުމަށް ގާތްގަނޑަކަށް ދެ އަހަރު ނަގާނެ ކަމަށް ބެލެވެއެވެ. މި ވަޅުގެ ސަބަބުން އަހަރަކު 10 ބިލިއަން ކިއުބިކް މީޓަރުގެ ގުދުރަތީ ގޭސް އުފެއްދޭނެ ކަމަށް ލަފާކުރެވެއެވެ.
މި މަޝްރޫއުގެ ސަބަބުން ސީއެންޕީސީން ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ހަރަދުކުރެއެވެ.