ads
މާލޭގެ މަލަމަތި
އިންކަމް ޓެކްސްއާ އެކު މާލޭގެ ކުލިތައް މައްޗަށް!
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިންކަމް ޓެކްސްގެ ބިލް ތަސްދީގު ކުރެއްވުމާ އެކު މާލޭގެ އިމާރާތްތަކުގެ ކުލި ބޮޑުކުރަމުންދާ ޝަކުވާތައް ކުއްލިއަކަށް އިތުރުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިންކަމް ޓެކްސްގެ ބިލް ތަސްދީގު ކުރެއްވުމާ އެކު މާލޭގެ އިމާރާތްތަކުގެ ކުލި ބޮޑުކުރަމުންދާ ޝަކުވާތައް ކުއްލިއަކަށް އިތުރުވެއްޖެ އެވެ.

އިންކަމް ޓެކްސްގެ ބިލް ރައީސް ތަސްދީގު ކުރެއްވީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

އިންކަމް ޓެކްސްގެ ބިލު މަޖިލީހުން ފާސްކުރީ މިމަހުގެ ހަތަރުވަނަ ދުވަހު އެވެ. ބިލް ފާސްކުރިއިރު ބަޔާންކޮށްފައިވަނީ އިންކަމް ޓެކްސް ނަގާނީ 60،000 ރުފިޔާއިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުން ކަމަށެވެ.

ޓެކްސް ބްރެކެޓްތަކަށް މަޖިލީހުގެ މުޅި ކޮމިޓީން ގެނެސްފައިވާ ބަދަލުތައް:

• 60،000 ރުފިޔާ އިން ދަށުގެ އާމްދަނީ - 0 ޕަސެންޓް.
• 60،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: 5.5 ޕަސެންޓު.
• 100،000 އާއި 150،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: އަށް ޕަސެންޓު.
• 150،000 އާއި 200،000 ރުފިޔާއާ ދެމެދު އާމްދަނީ އިން 12 ޕަސެންޓު.
• 200،000 ރުފިޔާ އިން މަތީގެ އާމްދަނީ އިން 15 ޕަސެންޓް.

ސަރުކާރުން ބިލް މަޖިލީހަށް ހުށަހެޅިއިރު ޓެކްސް ބްރެކްޓްތައް ހުރި ގޮތް:

• 40,000 ރުފިޔާއިން ދަށުގެ އާމްދަނީ - 0 ޕަސެންޓު ޓެކްސް
• 40،000 ރުފިޔާއާ 60،000 ރުފިޔާއާ ދެމެދުގެ އާމްދަނީ - 8 ޕަސެންޓުގެ ޓެކްސް
• 60،000 ރުފިޔާއާ 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ - 10 ޕަސެންޓު ޓެކްސް
• 100،000 ރުފިޔާއަށްވުރެ މަތީގެ އާމްދަނީ - އާމްދަނީގެ 15 ޕަސެންޓު

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި އަންނަ އަހަރުގެ ބަޖެޓުގައި އިންކަމް ޓެކުހުން 600 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މާލޭގެ މާފަންނުގެ ގެއެއްގައި ދިރިއުޅޭ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ އޭނާ އެ ގޭގައި ދިރިއުޅޭތާ މިއީ ހަތަރު އަހަރު ކަމަށެވެ. ކޮންމެ މަހަކު ވެސް 22000 ރުފިޔާ ދައްކާ ކަމަށާއި މީގެކުރިން ދުވަހަކުވެސް ކުލި ބޮޑުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ޖެނުއަރީ މަހު ކުއްލި ދައްކާއިރު މަހަކު 24000 ރުފިޔާ ދައްކަންޖެހޭނެ ކަމަށް ގޭގެ ވެރިފަރާތުން އަންގާފައިވާ ކަމަށްވެސް ބުންޏެވެ. ކުލި ބޮޑުކުރަންޖެހުނީ އޭނާ އަކީ އިންކަމް ޓެކްސް ދައްކަންޖެހޭ މީހަކަށް ވާތީ ކަމަށް އަންގާފައިވާ ކަމަށްވެސް ބުންޏެވެ.

"މިއީ ވަރަށް ދެރަކޮށްވީ ކަމެއް. ގޭގެ އޯނަރު ދައުލަތަށް އެއްޗެއް ދައްކަންޖެހުނީމާ އަޅުގަނޑުމެންނަށް މި ޖެހުނީ އެ ބައި ދައްކަދޭން. ހަގީގަތުގައި ވިސްނާ ނުލެވި ބައެއް ގާނޫނުތައް ފާސްކުރީމާ އާންމު އާދައިގެ މީހުންނަށް ލިބޭ ގެއްލުން މިއީ." އެމީހާގެ ކަންބޮޑުވުންތައް ބަންޑުންކޮށްލި އެވެ.

ހުޅުމާލޭގައި ދިރިއުޅޭ ހުސައިން ރަޝީދު ކިޔާ ބޭފުޅަކު ވިދާޅުވީ އަންނަ އަހަރުން ފެށިގެން އޭނާ ދިރިއުޅޭ އެޕާޓްމަންޓްގެ ކުލި ބޮޑު ކުރާނެ ކަމުގެ އިޝާރާތެއް އެ އެޕާޓްމަންޓްގެ ވެރިފަރާތުން ދީފައިވާ ކަމަށެވެ. އިންކަމް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ސީދާ އަދަދެއް އެޕާޓްމަންޓް ވެރިފަރާތަށް އަދި ސާފުވެފައި ނުވާ ކަމަށާއި އެ އަދަދު ސާފުވުމުން އެއަށް ބަލައި ކުއްޔަށް ކޮންމެވެސް މިންވަރެއް އިތުރުކުރަންޖެހިދާނެ ކަމަށް ބުނެފައިވާ ކަމަށްވެސް ހުސައިން ވަނީ މައުލޫމާތު ދީފަ އެެވެ.

"އަޅުގަނޑަށް ދެއްކިދާނެ މިތަނުގެ އޯނަރު ބުނާ އަދަދެއް. އެކަމަކު އަޅުގަނޑު ހިތަށް އަރަނީ މިގޮތަށް ކުލި އިތުރުކޮށްލީމާ ކިތައް މީހުންނަށް ބާއޭ ކުލި ދެއްކޭނީ،" ކަންބޮޑުވެފައި ހުރެ ހުސައިން ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ވެސް ބައެއް އާންމުން ގެންދަނީ އިންކަމް ޓެކްސްއާ އެކު ތަންތަނުގެ ކުލި ބޮޑު ކުރަމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އެކަކު ބުނީ އޭނާ ދިރިއުޅެނީ ބައިވަރު އެޕާޓްމަންޓްތަކެއް ހުންނަ އިމާރާތެއްގައި ކަމަށާއި ޖެނުއަރީ މަހުން ފެށިގެން ކޮންމެ އެޕާޓްމަންޓަކުން އިތުރަށް 2500 ރުފިޔާ ދައްކަންޖެހޭނެ ކަމަށް ގޭގެ ވެރިފަރާތުން މިހާރު އަންގަމުންދާ ކަމަށެވެ.

"އިންކަމް ޓެކްސް ދައްކަން މިޖެހުނީ ނިކަމެތި ރާއްޖެ ތެރެ މީހާ. މިއީ ކިހާ ދެރަކޮށް ވީކަމެއްތޯ؟" އިންކަމް ޓެކްސްއާ އެކު ކުލިތަކަށް އަންނާނެ ބަދަލާ ގުޅޭގޮތުން ސުވާލު އުފައްދަމުން އެމީހާ ބުނެފައިވެ އެވެ.

މުއްސަނދިންނާއި ފަގީރުންގެ ފަރަގު ނައްތާލުމަށް އިންކަމް ޓެކްސް ނެގުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

އިންކަމް ޓެކްސްއާ އެކު މާލޭގެ އިމާރާތްތަކުގެ ކުލި ބޮޑުވަމުންދާ ކަމަށް ބައެއް މީހުން ބުނާއިރު މާލޭގެ ކުލި ކޮންޓްރޯލް ކުރުމަށް ގޮވާލައި މިހާރު ދަނީ ޕެޓިޝަނެއްގައި ބަޔަކު ސޮއި ކުރަމުންނެވެ.

ރަނގަޅު ދިރާސާއެއް ނެތި އިންކަމް ޓެކްސް ކުއްލި ގޮތަކަށް ނަގަން ފަށައިފިނަމަ އޭގެ ނޭދެވޭ އަސަރު އިގްތިސޯދަށް ކުރާނެ ކަމަށް މިބިލަށް މަޖިލީހުގައި ބަހުސް ކުރެވުނު އިރު ބައެއް މެންބަރުން ވިދާޅުވެފައިވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް