ads
ރުއް އިންދާ އާލާކުރުމުގެ ގައުމީ ޕްރޮގްރާމެއްގައި އެގްރިކަލްޗަ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވާހަކަދައްކަވަނީ - ފޮޓޯ:އެގްރިކަލްޗަ މިނިސްޓްރީ
ސްރީ ލަންކާއިން ރާއްޖެއަށް އަހަރަކު 50،000 ރުއް ހިލޭ ދެނީ
ސްރީ ލަންކާގެ ސަރުކާރުން ރާއްޖެއަށް އަހަރަކު 50،000 ރުއް ހިލޭ ދިނުމަށް ނިންމާފައިވާ ކަމަށް އެގްރިކަލްޗަ މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގައި ރުކުގެ އާ ޖީލެއް އުފެއްދުމުގެ ގޮތުން ސަރުކާރުން ހިންގާ "ރުއް އިންދާ އާލާކުރުމުގެ ގައުމީ ޕްރޮގްރާމް" ށ. ގޮއިދޫގައި ފައްޓަވައިދެއްވާ ވާހަކަދައްކަވަމުން އެގްރިކަލްޗަ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ރުއް އާލާކުރުމުގެ ޕްރޮގްރާމް މިހާރު ކުރިއަށް ގެންދަނީ މީހުން ދިރިއުޅޭ ރަށްރަށުގައި އެކަނި ކަމަށެވެ. އެހެންނަމަވެސް، އަންނަ އަހަރު މި ޕްރޮގްރާމް އިތުރަށް ފުޅާކޮށް ފަޅުރަށްތަކުގައި ވެސް ރުއް އިންދުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ ސްރީ ލަންކާގެ ސަރުކާރުން ރާއްޖެއަށް އަހަރަކު 50،000 ރުއް ހިލޭ ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ. ރަނގަޅު މަތިވަރު ލިބޭ ރުއް ރާއްޖެއަށް ލިބެން އެބަހުރިކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ކުރަން އޮތް ކަމަކީ ދުނިޔޭގެ އެހެން ތަންތަނުގައިވެސް ރުއް ހައްދާ އުސޫލުން ރާއްޖޭގެ ބިމުގައި ތަރުތީބުން ރުއްތައް ހައްދަން ފެށުން ކަމުގައެވެ.

މިހާރު އިންދަމުން އަންނަ ރުއްތަކުގެ ސަބަބުން ކާށި އަދި ކުރުނބާ ލިބުމުގައި ދިމާވި ދަތިކަމަށް ހައްލެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އެ ރުއްތައް ދެ އަހަރާއި ބައިގެ ތެރޭގައި ފޯދޭނެ ކަމަށާއި ރަނގަޅަށް ފޯދިއްޖެނަމަ ގާތްގަނޑަކަށް އަހަރެއްގެ ތެރޭގައި 12 ނުވަތަ 13 އިހާ ކުރުނބާ އެ ރުއްތަކުގައި އަޅާނެ ކަމަށެވެ. އެއިން އިހަލެއްގައި ގާތްގަނޑަކަށް 35 ނުވަތަ 40 ކުރުނބާ އަޅާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިވަގުތު ރާއްޖެއަށް ބޭނުންވާ ވަރަށް ކާށި ލިބުން ދަތިވެފައިވާތީ، ކާށި އިމްޕޯޓްކުރަން ޖެހިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަމުންދާ ކުރިއެރުންތަކާ އެކު، ކުރުނބަލަށް އޮންނަ ޑިމާންޑް މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެކަށީގެންވާ ވަރަށް ރުއް އިންދާ އާލާކުރަން ޖެހިފައިވާ ކަމަށެވެ. 

ރުއް އިންދާ އާލާކުރުމުގެ ގައުމީ ޕްރޮގްރާމްގެ ދަށުން 5،000 ރުއް ރާއްޖެއަށް ގެނެސް، އޭގެތެރެއިން 500 ވަރަކަށް ރުއް ފިޔަވައި އެހެން ހުރިހާ ރުއްތަކެއް ރަށްރަށަށް ބަހައި އިންދުމުގެ މަސައްކަތް ފުރިހަމަ ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ ރާއްޖޭގައި ރުކުގެ އާ ޖީލެއް އުފެއްދުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމްގެ ދަށުން ގޮއިދޫގައި 107 ރުއް އިންދުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ރަށުގައި އިންދުމަށް ގިނަ ރުއްތަކެއް ދެވިދާނެކަން ހާމަކޮށް މިނިސްޓަރު ވިދާޅުވީ އެ ރަށުގައިވެސް ރުއް ތަރުތީބުން އިންދާނެ ޖާގަ ނެތް ކަމަށެވެ. މިހާރު ރުއް އިންދަމުން އަންނަނީ 20 ފޫޓު 20 ފޫޓު ދުރުމިނުގައި ހަތަރެސްކަން ގޮޅިއަށްވާ ގޮތަށް ކަމަށާއި ރުއްތައް ބޮޑުވާއިރު ހުރިހާ ރުކަކަށް ޖާގަ ބޭނުންވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ރުކުގެ އާ ޖީލެއް ބިނާކުރުމަށް ފެންވަރު ރަނގަޅު ރުކުގެ މުޑުވައް އާލާކުރުމުގެ ޕްރޮގްރާމެއް ސަރުކާރުން ފަށާފައިވަނީ ރުއްތަކަށް ބަލިތަކެއް ޖެހި ރުކުގެ މަތިވަރު ވަރަށް ބޮޑަށް ދަށްވެ، ކާށްޓާއި ކުރުނބާ ލިބުން ދަތިވުމާ ގުޅިގެންނެވެ.

މި އަހަރުގެ މާޗް މަހުގެ ފަސްވަނަ ދުވަހު ފެށި އެ ޕްރޮގްރާމުގެ ދަށުން އެންމެ ފުރަތަމަ ރުއް އިންދާފައިވަނީ ހދ. ވައިކަރަދޫގައެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް