ads
ގަމުގައި މިރޭ ރައީސް ވާހަކަފުޅު ދައްކަވަނީ---
ބޮޑެތި މަޝްރޫއުތަކާއެކު ގަން އާބަން ސެންޓަރަކަށް
ސަރުކާރުން މަސައްކަތްތައް ރާވާފައިވަނީ ލ.ގަމަކީ އާބަން ސެންޓަރަކަށް ހެދުމަށް ކަމަށާއި އެކަން ހާސިލުކޮށް ދެއްވާނެ ކަމަށް ރައީސް އިބްރާހީމު މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގަމުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ އަމާޒަކަށްވީ ގަމަކީ އާބަން ސެންޓަރަކަށް ހެދުން ކަމަށެވެ. ބޮޑެތި ބަދަލުތަކަކށް އަމާޒު ހިފައި މަސައްކަތްތަކެއް ކުރެއްވި ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެގޮތުން ގަމާއި ފޮނަދޫ އެއްކޮށްލައި، ކެންސަރު ހޮސްޕިޓަލު ގަމަށް ބަދަލުކޮށް، އެއާޕޯޓު އިންޓަނޭޝަނަލް ކުރަން މަސައްކަތް ކުރެއްވި ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ނަމަވެސް ކޮވިޑާ ގުޅިގެން މަސައްކަތްތައް ލަސްވެފައިވާކަން ގަބޫލު ކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

ރައީސް ސޯލިހު ވިދާޅުވީ ކޮވިޑަ ގުޅިގެން ގަން ފަދަ ރަށްރަށުގައި ހިންގަން ބޭނުންވި ބޮޑެތި ޕްރޮޖެކްޓުތަކަށް ފައިސާ ހޯދަން ދަތިވި ކަމަށެވެ. ނަމަވެސް ސަރުކާރުގެ އެ ޕްލޭންތަކަށް ބަދަލު ނުގެންނަ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

ސަރުކާރުގެ އަމާޒަކީ 10 އަހަރު ދުވަހުގެ ތެރޭގައި ގަމަކީ 25000 މީހުންގެ އާބާދީއަކަށް ބަދަލުކުރުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެކަމައްޓަކާ ބޭނުންވާ ހައުސިންއާއި، ސިއްހީ ހިދުމަތާއި، ތައުލީމާއި، ދަތުރުފަތުރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޕްލޭންކޮށްފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ކުރިއަށް އޮތް ދައުރުގައި އެންމެ ފުރަތަމަ މަރުހަލާގެ ތެރެއިން އަންނަ އަހަރު 1000 ހައުސިން ޔުނިޓު އަޅުއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ޖުމްލަ 5000 ހައުސިން ޔުނިޓު އަޅުއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެޢީ ގަމަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ލިބޭ ގޮތޔަށް އަޅާނެ ހައުސިން ޔުނިޓުތަކެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

ޓާޝަރީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް އޮތީ ފެށޭ ހިސާބުގައި ކަމަށާއި ކެންސަރު ހޮސްޕިޓަލު ވެސް ގަމުގައި އަޅުއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

އެއާޕޯޓު އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތް ދާދި އަވަހަށް ފެށޭނެ ކަމަށާއި އެއާއެކު ފަތުރުވެރިކަން ފުޅާ ކުރުމަށް ގަން ފައްކާ ވެގެންދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

މެޑިކަލް ޓޫރިޒަމާއި ސްޕޯޓްސް ޓޫރިޒަމަށް ފައްކާ ކުރަން އިންޓަނޭޝަނަލް މުބާރާތްތައް ބޭއްވޭ ވަރަށް ވަސީލަތްތައް ގަމުގެ ތިން ސަރަހައްދެއްގައި ގާއިމު ކުރާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް