ads
އޭޓީއާރުގެ ބޯޓެއް: އޭޓީއާރު މަރުކާގެ ދެ ބޯޓު ގަންނަން މޯލްޑިވިއަނުން ވަނީ އެއްބަސްވެފައި - ފޮޓޯ:އޭޓީއާރު
އޭޓީއާރު މަރުކާގެ ދެ ބޯޓު ގަންނަން މޯލްޑިވިއަނުން އެއްބަސްވެއްޖެ
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓަށް އަލަށް އިތުރުކުރާ އޭޓީއާރު މަރުކާގެ ދެ ބޯޓު ގަންނަން އޭޓީއާރު ކުންފުންޏާ އެކު އެއްބަސްވެއްޖެއެވެ.

މޯލްޑިވިއަންގެ ފްލީޓުގައި ބޭނުން ކުރަމުން އަންނަ ޑޭޝް8 މަރުކާގެ ބޯޓުތަކުގެ ބަދަލުގައި އޭޓީއާރު މަރުކާގެ ބޯޓު ގެނެސް ފްލީޓް އާކުރުމުގެ މަސައްކަތް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ. މޯލްޑިވިއަނުން އޭޓީއާރު ކުންފުންޏާ އެކު އެއްބަސްވެފައިވަނީ އޭޓީއާރު 72-600 ގެ ދެ ބޯޓު ގަތުމަށެވެ.

މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ ކުންފުނީގެ ހިދުމަތުގައި އޭޓީއާރުގެ ބޯޓުތައް ބޭނުން ކުރަން ފެށުމާ ގުޅިގެން ކަސްޓަމަރުންގެ ފަރާތުން ވަރަށް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އޭޓީއާރު މަރުކާގެ ބޯޓުތަކަކީ ހަރަދު ކުޑަ، ތިމާވެއްޓާ ރައްޓެހި ބޯޓުތަކެއް ކަމަށް މިހާދު ވިދާޅުވިއެވެ.

މިހާދު ވިދާޅުވެފައިވަނީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ފެންވަރު ރަނގަޅުކޮށް ވައިގެ ދަތުރުފަތުރުން ރަށްތައް ގުޅާލުމަށް ކުރާ މަސައްކަތަށް އަލަށް ގެންނަ އޭޓީއާރުގެ ބޯޓުތަކާ އެކު ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ.

އޭޓީއާރު ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ނަތާލީ ޓާނައުޑް ވިދާޅުވި ގޮތުގައި މޯލްޑިވިއަންގެ ފްލީޓު ޒަމާނީކޮށް، ތިމާވެއްޓާ ރައްޓެހި އަދި ހަރަދު ކުޑަ ބޯޓުތަކަކަށް ބަދަލުކުރާއިރު، އޭޓީއާރު މަރުކާގެ ބޯޓުތައް ހިޔާރުކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމުގައެވެ.

މޯލްޑިވިއަންގެ ފްލީޓުގައި ބޭނުން ކުރަމުން އަންނަ ޑޭޝް މަރުކާގެ ބޯޓުތައް ބާވުމާއި މެއިންޓެނެންސްއަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމުގެ ސަބަބުން އެ އެއާލައިނަށް އޭޓީއާރު މަރުކާގެ ތިން ބޯޓު ގެނެސް އޮޕަރޭޝަނަށް ވަނީ ނެރެފައެވެ. އެއީ އޭޓީއާރު 72-600 ގެ ދެ ބޯޓާއި އޭޓީއާރު 42-600 ގެ އެއް ބޯޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް