ads
އުމަރު ނަސީރު---
ކެނޑިޑޭޓަކަށް ތާއީދު ކުރުމާ ގުޅޭގޮތުން އުމަރުގެ ނިންމުން މިރޭ
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކެނޑިޑޭޓަކަށް ތާއީދުކުރެއްވުމާއި ގޮތުން ނިންމަވާ ނިންމެވުމުން މިރޭ އިއުލާން ކުރައްވާނެކަމަށް ރިޔާސީ އިންތިހާބުގައި ހަތަރު ވަނައަށް އެންމެ ގިނަ ވޯޓް ލިބިވަޑައިގެންނެވި ކެނޑިޑޭޓް، އުމަރު ނަސީރު ވިދާޅު ވެއްޖެއެވެ.

މިމަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ވަނީ 6،343 ވޯޓު  ލިބިވަޑައިގެންފައެވެ. އެއީ ވޯޓްގެ 2.8 އިންސައްތައެވެ. މިފަހަރުގެ އިންތިހާބުގައި އުމަރު ހަތަރު ވަނަ ހޯއްދެވީ، ރާއްޖެގެ ވަރުގަދަ ސިޔާސީ ލީޑަރުންކަމަށްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ، އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ފަހަތަށް ޖައްސާލުމަށް ފަހު އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހާއި ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒް ވާދަކުރައްވާއިރު،  އުމަރު ނަސީރު ހުރީ ވަކި ކޮޅެއް ނުނަންގަވައެވެ. އޭގެ ބަދަލުގައި އޭނާ ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނަވާނެކަން އިއުލާން ކުރައްވާފައެވެ. 

އުމަރު ނަސީރު މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރާ ގުޅޭގޮތުން އޭނާ ނިންމަވާ ނިންމެވުމުން މިރޭ 8:30ގައި އިއުލާންކުރައްވާނެކަމަށެވެ. އަދި އެ ނިންމުން ފޭސްބުކް އަދި ޓިކްޓޮކް ލައިވްއިން ވަގުތުން ގެނެސްދޭނެކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

އުމަރު ނަސީރު މީގެކުރިން ވިދާޅުވީ، އިންތިހާބުގެ ދެވަނަ ބުރަށް އޭނާ ނުދާނަމަ، އެހެން ކެނޑިޑޭޓަކަށް ތާއީދު ކުރެއްވުމުގެ ވިސްނުމެއް ނެތްކަމަށާއި، އޭނާ ހުންނަވާނީ "ސައިލެންޓްކޮށް"ކަމަށެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް