ވެރިކަން ކުރުމުގެ ނިޒާމަކާ މެދު ވޯޓު ނެގުމަށް ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސް ޕާޓީގެ މެންބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ގަރާރާ ބެހޭގޮތުން މުޅި މަޖިލީހުގެ ކޮމިޓީގައި ކުރިއަށްދިޔަ ބަހުސްގެ ތެރެއިން އޭނާ ވަނީ އެ ގަރާރަށް އިސްލާހެއް ހުށަހަޅުއްވާފައެވެ.
އިލްޔާސް ހުށަހެޅުއްވި އިސްލާހަކީ އަންނަ މަހުގެ 30 ވަނަ ދުވަހު ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓެއް ނަގަން ސީދާ މަޖިލީހުން އީސީއަށް އެންގުމަށެވެ.
އެ އިސްލާހާ އެކު، މުޅި މަޖިލީހުގެ ކޮމިޓީން އެ ގަރާރު ފާސްކުރުމަށް ވޯޓު ނެގި ވަގުތު ތަޅުމުގައި ތިއްބެވީ ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ އަށް މެންބަރުންގެ ތެރެއިން ދެ މެންބަރުން ކަމަށްވާ އޭދަފުށި ދާއިރާގެ ޕީޕީއެމް މެންބަރު އަހުމަދު ސަލީމާއި ނައިފަރު ދާއިރާގެ ޕީޕީއެމް މެންބަރު އަހުމަދު ޝިޔާމެވެ. އެހެންނަމަވެސް، އެ ގަރާރު ފާސްކުރަން ނެގި ވޯޓުގައި އެ ދެ މެންބަރުން ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
އިލްޔާސް ހުށަހެޅުއްވި ގަރާރު މުޅި މަޖިލީހުގެ ކޮމިޓީން ނިންމި ގޮތަށް މަޖިލީހުން ފާސްކުރުމަށް ވޯޓު ނެގި ވަގުތު ޖުމްލަ 58 މެންބަރުން ތަޅުމުގައި ތިއްބެވި ނަމަވެސް ގަރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެންބަރުންގެ އިއްތިފާގުންނެވެ.
އެ ގަރާރު ފާސްކުރުމަށް އެމްޑީޕީގެ 19 މެންބަރުން ވޯޓު ދެއްވިއެވެ. އެހެންނަމަވެސް އެ ޕާޓީއަށް ނިސްބަތްވާ 16 މެންބަރަކު ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާ ތިއްބެވިއެވެ. އެ މެންބަރުންގެ ތެރޭގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ހިމެނިވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ބައިވެރިވުމެއް ނެތި މަޖިލީހުން އަމިއްލައަށް ނިޒާމީ ވޯޓު ނެގޭނެކަމަށް އިލްޔާސް ގަރާރު ހުށަހަޅުއްވާފައިވަނީ ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ދަށުންނެވެ. ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ ހަވަނަ ނަންބަރުގައި ވަނީ ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށެވެ. އިލްޔާސްގެ އެ ހުށަހެޅުއްވުމާ ދެކޮޅަށް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ވާހަކަދައްކަވާފައެވެ.