ads
އިލްހާމް އަހުމަދު ރައީސް ސޯލިހު އަށް ތާއީދުކުރައްވާކަން ހާމަކުރައްވާ އާއްމުކުރައްވާފައިވާ ފޮޓޯ
އިލްހާމްގެ ތާއީދުވެސް ރައީސް ސޯލިހުއަށް
ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ގާސިމް އިބްރާހިމް ސްޕެޝިއަލް އެޑްވައިޒަރު އިލްހާމް އަހުމަދު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ރައީސް ސާލިހަށް ތާއީދުކުރައްވަން ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދަނގެތީ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައިވާ އިލްހާމް އަހުމަދު، މީގެ އިރުކޮޅެއް ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގައުމު މިއަދު އޮތް ހާލަތަށް ބަލައި، އަނިޔާވެރިކަމާއި ބަދަލުހިފުމުގެ ރޫހު މާޒީއިން ފެނިފައިވާތީ، އަދި ބަދަލު ހިފުމުގެ ގޮތުން ކަންކަން ކުރާނެކަމަށް މިހާރުވެސް ބުނަމުންދާތީވެ، އެފަދަ ބަޔަކު ވެރިކަމަށް އައިސްފިނަމަ، ނުކުންނާނެ ނަތީޖާއާމެދު ވިސްނައި، ސިޔާސީ ފަރާތްތަކާއި މަޝްވަރާކުރުމަށް ފަހު، ދިވެހިިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މިވަގުތު އިންތިހާބު ކުރަން އެއްމެ އެކަށޭނެ އަދި ގާބިލް ބޭފުޅަކީ މިހާރުގެވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް އިލްހާމް އަށް ފެނިލައްވާތީވެ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހަށް ތާއީދުކުރައްވަން ނިންމަވާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ރައީސް ސޯލިހު ވަނީ ފާއިތުވެމިދާ ރިޔާސީ ދައުރުގައި ގައުމު ހަލަބޮލި ނުކޮށް، ސުލްހަވެރިކަމާއެކު ވެރިކަން ކުރެއްވޭނެކަން ސާބިތުކޮށްދެއްވާފައި ކަމަށާއި، އަދި ވާދަވެރި ސިޔާސީ ހަރަކާތްތައް ހިންގަން ފުރުސަތު ދެއްވައިގެން ވެސް ފުރުސަތު ވެރިކަން ކުރެއްވިދާނެ ކަން ދައްކުވައިދީފައި ކަމަށްވެސް އިލްހާމް ވިދާޅުވެފައިވެއެވެ.

2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބު ބޯމަތިވެގެން އައިރު، އިލްހާމް އަހުމަދާއި އިތުރު 8 މަޖިލިސް މެމްބަރަކު ހިމެނޭގޮތަށް، ހުންނެވީ ޖަލުގައި ބަންދުކޮށްފައެވެ.

އިލްހާމް ރައީސް ސޯލިހް އަށް ތާއީދު ކުރެއްވިއިރު ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަވަޑައިގަންނަވާ ރިޔާޒް ރަޝީދު ވެސް މިއަދު ވަނީ އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް