ads
އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރުމަށް ނިންމާފައިވާ ހަންކެޑެ ތަރައްގީ ކުރާނެ ގޮތުގެ ކުރެހުމެއް - ފޮޓޯ:އެމްއެފްއެމްސީ
އިންޓަގްރޭޓެޑް ރިސޯޓު ހިންގުމަށް ލައިސަންސް ދޫކުރާނީ 20 އަހަރަށް
އިންޓަގްރޭޓޭޑް ޓޫރިސްޓް ރިސޯޓު ހިންގުމަށް ލައިސަންސް ދޫކުރަނީ 20 އަހަރު ދުވަހުގެ މުއްދަތަށް ކަމަށް ކަނޑައަޅައި އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓު ތަރައްގީކޮށް ހިންގުމާ ބެހޭ ގަވާއިދު އެކުލަވާލާ އާންމުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކޮށްފައިވާ އެ ގަވާއިދުގައި ބުނެފައިވަނީ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއްގައި ވަކިވަކި ވިޔަފާރި ހިންގަންވާނީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނާއި އެ ގާނޫނުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދުތަކުގެ ދަށުން އެ ވިޔަފާރިއެއް ހިންގަން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ހޯދަން ޖެހޭ ހުއްދަ ހޯދުމަށް ފަހުގައި ކަމަށެވެ.

އެ ގަވާއިދުގެ ދަށުން އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓު ހިންގަން 20 އަހަރަށް ލައިސަންސް ދެވޭނެ ކަމަށް ބުނި ނަމަވެސް ލައިސަންސަށް އެދޭއިރު، ޑިވެލޮޕަރާއި ސަރުކާރާ ދެމެދު ވެފައިވާ ކުލީގެ އެއްބަސްވުމުގެ ބާކީ އޮތް މުއްދަތަކީ އެއަށްވުރެ ކުޑަ މުއްދަތެއް ނަމަ، އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓު ހިންގުމުގެ ހުއްދަ ދޫކުރެވޭނީ ކުލީގެ އެއްބަސްވުމުގައި ބާކީ އޮތް މުއްދަތަށް ކަމަށް ބުނެފައިވެއެވެ.

އެ ގަވާއިދުގައި ވަނީ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއްގައި ތަރައްގީކުރެވޭ ވަކިވަކި ޓޫރިސްޓް ރިސޯޓު، ރިސޯޓު ހޮޓެލް، ހޮޓެލް ނުވަތަ އެފަދަ ތަންތަނަށް ބޭނުންވާ އިތުރު ހިދުމަތް ފޯރުކޮށްދިނުމަށް ގާއިމުކުރެވޭ ވިޔަފާރިތަކަށް ހިންގުމުގެ ހުއްދަ ދޫކުރެވޭނީ ގަވާއިދުގެ ދަށުން އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓު ހިންގުމަށް ހުއްދަ ދޫކުރުމަށްފަހުގައި ކަމަށެވެ.

އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓުގައި ވަކިވަކި ވިޔަފާރީގެ ގޮތުގައި ހިންގޭނެ ވިޔަފާރިތައް އެ ގަވާއިދުގައި ބަޔާންކޮށްފައިވާއިރު، އެފަދަ ރިސޯޓެއްގައި ހިންގޭނެ ކަމަށް ބުނެފައިވާ ވިޔަފާރިތަކަކީ:

  • ޓޫރިސްޓު ރިސޯޓު
  • ރިސޯޓު ހޮޓެލް
  • ހޮޓެލް
  • ޔޮޓް މެރީނާ
  • ޑައިވް ސެންޓަރު
  • ފަތުރުވެރިންނަށް ބޭނުންވާ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން
  • ފަތުރުވެރިންނަށް އަމާޒުކޮށް ހިންގާ ރީޓެއިލް ވިޔަފާރިތައް
  • ފަތުރުވެރިންނަށް އަމާޒުކޮށް ފޯރުކޮށްދޭ އެހެން ހިދުމަތްތައް

ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ އެ ގަވާއިދުގައި ވަނީ މިއިން ކޮންމެ ވިޔަފާރިއެއްވެސް ހިންގަން ވާނީ އެ ވިޔަފާރިއެއް ހިންގުމަށް ސަރުކާރުގެ އިދާރާތަކުން ހޯދަން ޖެހޭ ހުއްދަތައް ހޯދުމަށް ފަހުގައި ކަމުގައެވެ. މި ވިޔަފާރިތައް ހިންގުމަށް ބިންތައް ގިންތިކޮށް ޓޫރިޒަމް މިނިސްޓްރީއަށް އަންގަން ޖެހޭނީ ޑިވެލޮޕަރު ކަމަށާއި އެފަދަ ރިސޯޓެއްގައި ވިޔަފާރި ހިންގޭނީ އެ ވިޔަފާރިއެއް ހިންގަން ގިންތިކޮށްފައިވާ ބިމުގައި ކަމަށް ބުނެއެވެ.

އެ ގަވާއިދުގައިވާ ގޮތުން އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓުގަައި ތަރައްގީކުރާ ވަކިވަކި ޓޫރިސްޓް ރިސޯޓު، ރިސޯޓު ހޮޓެލް، ހޮޓެލް ނުވަތަ އެފަދަ ތަންތަނަށް ބޭނުންވާ އިތުރު ހިދުމަތްތައް ފޯރުކޮށްދިނުމަށް ގާއިމުކުރެވޭ ވިޔަފާރިތަކަކީ ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ހިންގުމުގެ ހުއްދަ ދޫކުރަން ޖެހޭ ވިޔަފާރިއެއް ނަމަ، އެ ވިޔަފާރިއަކަށް ދޫކުރާ ހުއްދައިގެ މުއްދަތު ކަނޑައަޅާނީ އެ ބާވަތެއްގެ ވިޔަފާރި އާ ގުޅޭގޮތުން ޓޫރިޒަމާ ބެހޭ މިނިސްޓްރީން އެކުލަވާލާފައިވާ ގަވާއިދާ އެއްގޮތަށެވެ.

  • އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓު ހިންގުމުގެ ހުއްދައަށް އެދި ޓޫރިޒަމާ ބެހޭ މިނިސްޓްރީއަށް ހުށަހަޅަން ވާނީ، ޑިވެލޮޕަރު ނުވަތަ ޑިވެލޮޕަރާއި ސަރުކާރާ ދެމެދު ވެފައިވާ ކުލީގެ އެއްބަސްވުމާ ގުޅިގެން ލިބިދެވޭ ހުރިހާ ހައްގުތައް އެއްކޮށް ކުއްޔަށް ނަގާފައިވާ ފަރާތުން.
  • އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓު ހިންގުމަށް ހުއްދަ ދޫކުރާނީ ކަނޑައެޅިފައިވާ މިންގަނޑުތައް ފުރިހަމަވެފައި ހުރިތޯ ބެލުމަށް ފަހު. އެގޮތުން އަސާސީ ހިދުމަތްތައް ކަމަށްވާ ކަރަންޓު، ފެން، ނަރުދަމާ އަދި ސިއްހީ ހިދުމަތްތަކާ އަދި ކުލީގެ އެއްބަސްވުމުގައި ހިމަނާފައިވާ ހިދުމަތްތަކުގެ އިތުރުން އިމާރާތްތައް ހުރީ ކަނޑައެޅިފައިވާ މިންގަނޑަށް ތޯ ބަލާނެ.
  • އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓެއް ހިންގުމަށް ހުއްދަ ދޫކުރުމުގެ ކުރިން ޓޫރިޒަމާ ބެހޭ މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް އަސާސީ ހިދުމަތްތައް ތަރައްގީ ކުރެވިފައިވޭތޯ ބެލުމަށް ޓޫރިޒަމާ ބެހޭ މިނިސްޓްރީން ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ އެހެން ފަރާތަކުން ބަލައި ފާސްކުރާނެ.
  • އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓެއް ހިންގުމަށް ހުއްދަ ދޫކުރުމަށް އެ ތަން ބަލައި ފާސްކުރުމަށް ކުރަން ޖެހޭ އެންމެހާ ހަރަދެއްގެ ޒިންމާ އުފުލާނީ ހުއްދައަށް އެދޭ ފަރާތުން.
  • ރިސޯޓު ހިންގުމަށް ހުއްދަ ދޫކުރުމުގެ ކުރިން ބަލައި ފާސްކުރުމުން، މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ތަން ތަރައްގީ ނުވާ ނަމަ، އެކަމެއް އިސްލާހުކުރުމަށް ތިން މަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތެއް ދޭނެ. އަދި ހުއްދަ ދޫކުރުމުގެ ކުރިން އެކަމެއް އިސްލާހުކޮށްފައިވާކަން ކަށަވަރު ކުރުމަށް އެތަނެއް އަލުން ބަލައި ފާސްކުރާނެ.
  • އަސާސީ ހިދުމަތެއް ފޯރުކޮށްދެވޭނެ ފަދަ އިންތިޒާމެއް ނެތިއްޖެ ހާލަތެއްގައި، އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓެއް ހިންގުމަށް ދޫކުރެވޭ ހުއްދަ ބާތިލުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ވަނީ ދީފައި.
  • ހުއްދަ ބާތިލު ކުުރުމުގެ ކުރިން ޓޫރިޒަމް މިނިސްޓްރީން ނޯޓިހެއް ފޮނުވައި އެ ނޯޓިހާ އެއްގޮތަށް އަމަލުކޮށްފައި ނުވާ ނަމަ އެ ހުއްދައެއް ބާތިލު ކުރާނެ. ނޯޓިހުގައި ބަޔާންކޮށްފައިވާ ކަންކަން އިސްލާހު ކުރަން ތިން މަސްދުވަހަށް ވުރެ ކުރު ނޫން މުއްދަތެއް ދޭނެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް