ads
ގަތަރުގެ އަލް-ޖަޒީރާ ޗެނަލްއަށް ދެއްވި އިންޓަވިއުއެއްގައި ނޫސްވެރިޔާ ކުރާ ސުވާލަކަށް މުއިއްޒު ޖަވާބު ދެއްވަނީ.
ކުރީ ސަރުކާރަށް ވުރެން މި ސަރުކާރުގައި ކޮރަޕްޝަން އިތުރު: މުއިއްޒު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިންގާފައިވާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތައް ވުރެ ގިނައިން ރައީސް އިބްރާހީމް މުހައްމަދު ސޯލިގެ ވެރިކަމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައި ވާކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"އަލް ޖަޒީރާ" އަށް އިންތިހާބީ ރައީސް ދެއްވި އިންޓަވިއުއެއްގައި ޑރ. މުއިއްޒު ވަނީ، މި ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ ވާހަކަ އެންމެން ވެސް ދައްކާކަމަށާއި އަދި ދައުލަތުގެ ފައިސާއިން ވައްކަން ކުރާ ވާހަކަތައް އެމްޑީޕީގެ މެމްބަރުން ވެސް މަޖިލީހުގައި ދައްކާ ކަމަށެވެ. އޭގެ އެއް މިސާލެއްގެ ގޮތުގައި މުއިއްޒު ދެއްކެވީ ކޮވިޑާ ގުޅިގެން ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ މައްސަލައެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ވެރިން ޖަވާބުދާރީ ކުރުވާނެކަމަށާއި ދައުލަތުގެ ފައިސާ ގޮސް ގޮތަކަށް ބޭނުން ކުރަން ފުރުސަތު ނުދޭނެކަމަށެވެ.

"ބިލިއަނުން ރުފިޔާ އެބަވޭ ގެއްލިފައި. މިސާލަކަށް ކޮވިޑްގެ ބަލިމަޑުކަމުގައި އެތައް ބިލިއަން ރުފިޔާ ވަނީ ގެއްލިފައި. އެއްވެސް މީހަކަށް ނޭނގެ [އެ ފައިސާތަކަށް] ވީ ގޮތެއް. [މި ސަރުކާރުން ފައިސާ ދައްކާފައި ގަތް] ވެންޓިލޭޓަރުތައް އަންނާނެ ކަމަށް ބެލެވުނު ނަމަވެސް، އަދިވެސް އެއެއް ނާދޭ. އެކަން ވީ ގޮތެއް ވެސް ނޭނގެ،" އަލް ޖަޒީރާގެ ޕްރެޒެންޓަރު ސާމި ޒެއިދަންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، އެ މަނިކުފާނު ސަރުކާރު ވެގެން ދާނީ، ވައްކަމުން އެއްކިބާވެފައިވާ، ސާފު ސަރުކާރަކަށް ކަމަށެވެ. އަދި އެއްވެސް ކަމެއް މީޑިއާއަށާއި ރައްޔިތުންނަށް ނުފޮރުވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ. 

ހަމައެއާއެކު، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ޕީއެންސީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ މުއިއްޒު ދެއްވި އެވެ.

އެމްއެމްޕީއާރުސީގެ ސްކީމްގައި ތެރެއިން މަނީ ލޯންޑަރިން އާއި ރިޝްވަތުހިފުމުގެ ކުށުގައި 11 އަހަރަށް ޖަލު ހުކުމެއް ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލް ގައްޔޫމު ގެންދަވަނީ ޖަލުހުކުމެއް ތަންފީޒު ކުރަމުން ނެވެ. 

ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި ވިޔަސް، އެ މަނިކުފާނު މިހާރު ހުންނެވީ ސިއްހީ ސަބަބުތަކަށްޓަކައި ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. އެ މަނިކުފާނުގެ މައްޗަށް ދައުވާކުރާ އިތުރު މައްސަލައެއް ކްރިމިނަލް ކޯޓުގައި މިހާރު ވެސް ދަނީ ހިނގަމުންނެވެ.

ޕްރޮގްރާމްގެ ޕްރެޒެންޓަރު ވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެފައިވާ ކުރީގެ ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވެފައިވާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރައްވާފަ އެވެ.

"ޔާމީނުގެ މައްޗަށް އުފުލުނީ ސިޔާސީ ދައުވާއެއް. އެކަން ވަރަށް ސާފުކޮށް އެނގޭ،" މުއިއްޒު ވިދާޅުވި އެވެ.

ޓޫރިޒަމްގެ ބޭނުމަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް، 37 ރަށަކާއި 12 ފަޅެއް ނުއަގުގައި ދޫކޮށްފައިވެ އެވެ. މިހާތަނަށް އަންދާޒާއަކީ އެކި މީހުންނަށް ބަހާލި މި ރަށްތަކުން ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ވެފައިވާ ކަމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް