ads
އިންތިހާބީ ރައީސް މުއިއްޒު އެމްއެންއޭސީއައިގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ: ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު އަލުން އާރާސްތުކުރާނަމަ ދިވެހިންނަށް އިސްކަން ދޭން ޖެހޭނެ ކަމަށް - ފޮޓޯ:އިންތިހާބީ ރައީސްގެ އޮފީސް
އިގުތިސޯދު ކޮޅަށް ޖަހަން ދިވެހިންނަށް އިސްކަން ދޭން ޖެހޭ: އިންތިހާބީ ރައީސް
ރާއްޖޭގެ އިގުތިސޯދު އަލުން އާރާސްތުކުރާނަމަ ދިވެހިންނަށް އިސްކަން ދޭން ޖެހޭނެ ކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ގެ ފަރާތުން ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

ރާއްޖޭގެ އިގުތިސޯދު މިހާރު އޮތީ ދިވެހިންގެ އަތުން ބީވެގެން ދިއުމުގެ މަގުމަތީގައިކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވެފައިވަނީ އިގުތިސޯދު އަނބުރާ ހޯދަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.

ރާއްޖޭގެ ވިޔަފާރިތައް ކުރިއެެރުވުމަށް އެކި ދާއިރާތަކުން ދިވެހިވަންތަކަމާއި ދިވެހިންގެ އަމިއްލަވަންތަކަން އިސްކުރަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އެކަން ހާސިލުކުރަން ސިނާއަތްތައް ކުރިއެރުވުމުގައި އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކަށް ވާނީ ދިވެހިންނަށް އިސްކަންދިނުން ކަމުގަ އެވެ.

"ކޮންމެ އިންޑަސްޓްރީއެއް ކުރިއެރުވުމުގައިވެސް ބޭރު ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާނެ. އެހެންނަމަވެސް، ކޮންމެ އިންޑަސްޓްރީއެއްގައިވެސް ދިވެހި ވިޔަފާރިވެރިންނަށް، އަލަށް އެ އިންޑަސްޓްރީއަށް ވަންނަން ބޭނުންވާ ފަރާތްތައްވެސް ހިމެނޭ ގޮތަށް، ދިވެހިންނަށް އިސްކަންދިނުމުގެ ސިޔާސަތު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އޮންނާނެ،" - އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ހަގީގީ މާނައެއްގައި ރާއްޖޭގެ މިނިވަންކަން އަނބުރާ އިއާދަކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ މުސްތަގިއްލު ގައުމަކަށް ހަދަން ބޭނުންވާ ނަމަ، ހުރިހާ ދާއިރާއަކުން ދިވެހިންނާއި ދިވެހި ވިޔަފާރިތަކަށް އިސްކަންދިނުމަކީ ކަންކަން ބައްޓަންވެފައި އޮންނަން ޖެހޭނެ ގޮތް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެ މައްސަލައަށް ހައްލެއް ހޯދޭނީ ވިޔަފާރިވެރިންނާއި މަސައްކަތްތެރިން ވިޔަފާރީގެ ދާއިރާގެ ބޭރުން ގައުމާ މެދު ފުޅާކޮށް ވިސްނައިގެން ކަމަށެވެ. އަދި ގައުމު ބިނާކުރުމުގެ މަސައްކަތުގައި އެއިން ކޮންމެ ފަރާތަކަށްވެސް ވެވޭނެ ހިއްސާ އާ މެދު ފިކުރުކޮށް، އެފަދައިން ހިއްސާވާ ފަރާތްތަކަށް ވެގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މުއިއްޒު ފާހަގަކުރެއްވި ގޮތުގައި މިއަދު އެފަރާތެއްގެ ވަރުން ރާއްޖޭގެ އަމިއްލަވަންތަކަން ހޯދުމަށް މަސައްކަތް ނުކޮށްފި ނަމަ އެކަން އަނބުރާ ނުހޯދޭނެ ކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް