ދައުލަތުގެ ބަޖެޓުގައި އެންމެ ބޮޑު ހަރަދެއް ހިނގާނެކަމަށް ވެސް ބުނެފައިވަނީ ދައުލަތުގެ މުވައްޒަފުންގެ މުސާރައަށެވެ.
ޖެނުއަރީ މަހުން ފެށިގެން ސިފައިންނާއި ފުލުހުން ހިމެނޭ ގޮތަށް ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަތައް 40 އިންސައްތަ ބޮޑު ކުރާނެކަން ރައީސް އިބްރާހީމު މުހައްމަދު ސޯލިހު ވަނީ އިއުލާން ކުރައްވައިފައެވެ.
ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަތައް ޖެނުއަރީއިން ފެށިގެން 40 އިންސައްތަ ބޮޑު ކުރާނެކަން ރައީސް އިއުލާން ކުރައްވާފައިވަނީ ބ.ތުޅާދޫގައި ބޭއްވި ކެމްޕޭން ޖަލުސާގައެވެ.
ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ކުރަމުންދާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން މިހާތަނަށް އައި އިރު ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގެ މުސާރަތަކަށް ބަދަލު ގެނެވިއްޖެ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ އަންނަ އަހަރަށް ފާސް ކުރާ އާ ބަޖެޓާއެކު ސިފައިންނާއި ފުލުހުންނާއި ޖުޑިޝަރީގެ މުވައްޒަފުންނާއި ކަސްޓަމްސްއާއި ކަރެކްޝަންސްއާއި އިމިގްރޭޝަންގެ މުވައްޒަފުންގެ އިތުރުން އިމާމުންނާއި މުދިމުންނާއި ރަށްރަށުގެ ސިވިލް ސާވިސް މުވައްޒަފުންނާއި ސިވިލް ސާވިސް އެހެނިހެން މުވައްޒަފުން ހިމެނޭހެން މުސާރަތަކަށް ހެޔޮ ބަދަލު އަންނާނެ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ އެބަދަލާއެކު ޖުމްލަ 44281 މުވައްޒަފެއްގެ މުސާރަ ބޮޑު ވެގެންދާނެ ކަމަށެވެ.
ރައިސް ސޯލިހުވަނީ މުސާރަތަކަށް އަންނާނެ ބަދަލުގެ ބައެއް ތަފުސީލުތައް ވެސް ދެއްވާފައެވެ. ރައީސް ވިދާޅުވީ މުސާރަތަކަށް ގެންނަ ބަދަލާއެކު ވަރަށް ބޮޑު ބަދަލެއް ބައެއް ދާއިރާތަކުގެ މުސާރައަށް އަންނާނެ ކަމަށެވެ. އެގޮތުން ފުލުހުންގެ ކޮންސްޓެބަލްއަކަށް މިހާރު ލިބޭ 11000 ރުފިޔާއިން 15400 ރުފިޔާއަށް ބޮޑުވާނެ ކަމަށެވެ. ސިފައިންގެ ކޮންސްޓެބަލްއެއްގެ މުސާރަ 11500 ރުފިޔާއިން 16100 ރުފިޔާއަށް ބޮޑުވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ލޯކަލް ކައުންސިލުގައި މިހާރު 7200 ރުފިޔާ ލިބޭ މުވައްޒަފަކަށް 10500 ރުފިޔާއަށް ބަދަލުވެގެންދާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ. މިނިސްޓްރީތަކުގެ ޑައިރެކްޓަރުންނަށް މިހާރު ލިބެމުންދާ 16000 ރުފިޔާއިން 23200 ރުފިޔާއަށް ބަދަލުވެގެންދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ޗީފު އިނިސްޕެކްޓަރެއްގެ މުސާރަ 34300 ރުފިޔާއިން 48000 ރުފިޔާއަށް ބޮޑުވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅިުވީ ބަދަލުގެ ބޭނުމަކީ ހަމަޖެހިލައިގެން އާއިލާއާއެކު އުފާވެރި ދިރިއުޅުމެއް އުޅޭނެ ގޮތެއް ހޯދައި ދިނުމެވެ.
މުސާރަތަކަށް ހެޔޮ ބަދަލު ގެނައުމަކީ އެއްވެސް ވެރިޔަކު ކުރި ކަމެއް ނޫން ކަމަށާއި، ބޭނުންވަނީ ރައްޔިތުން މުށު ތެރޭގައި ފިއްތައިގެން ގެންގުޅުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނުގެ ވިސްނުންފުޅަކީ ރައްޔިތުންނަށް ހެޔޮގޮތް ހޯދާ ދިނުން ކަމަށާއި ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް އޮތް ދައުރަށް ރާވާފައިވާ ކަންތައްތަކަކީ ރައްޔިތުންނަށް އުފާވެރި އަމާން ދިރިއުޅުމެެއް ހޯދާ ދިނުމަށް ކުރާ މަސައްކަތްތައް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.