ads
ބޮލީވިއާގެ ރައީސް އޮފީހުގެ މިނިސްޓަރު މާރިއާ ނީލާ ޕްރާޑާ
ބޮލީވިއާ އިން އިސްރާއީލާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި
ބޮލީވިއާ އިން ގާޒާގެ ކުށެއް ނެތް ނިކަމެތި އާންމު ރައްޔިތުންނަށް އިޒްރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތައް ކުށްވެރިކުރުމުގެ ގޮތުން، ޔަހޫދީ އިޒްރޭލާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުން އިއްޔެ ކަނޑާލައިފަ އެވެ.
Advertisement

ބޮލީވިއާއިން ރަސްމީކޮށް މިކަން ހާމަކުރީ ބޮލީވިއާގެ ރައީސް އޮފީހުގެ މިނިސްޓަރު މާރިއާ ނީލާ ޕްރާޑާ އެވެ. ޕްރާޑާ ވިދާޅުވީ ޔަހޫދީ އިޒްރޭލާ އެކުގައި އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑައިލީ، ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅު ހެދުމުގެ ގޮތުންކަމަށެވެ. 

ބޮލީވިއާގެ މި ނިންމުމަށް ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސްއިން ވަނީ މަރުހަބާ ކިޔާފައެވެ. ޔަހޫދީ އިސްރާއީލާ ގުޅުން ގާއިމުކޮށްފައިވާ އަރަބި ގައުމުތަކުންވެސް އެ ގައުމާ ގުޅުން ކަނޑާލުމަށް ހަމާސްއިން ވަނީ ގޮވާލާފައެވެ.

ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ގޮވާލާ، ގާޒާއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތް ފަހިކުރުމަށް ވެސް ބޮލީވިއާގެ މިނިސްޓަރު މާރިއާ ނީލާ ޕްރާޑާ ވަނީ ގޮވާލައްވާފަ އެވެ.

ޔަހޫދީ އިސްރާއީލުން ގާޒާގައި ހިންގި ލައިންސާނީ އަމަލުތަކާއި ހެދި، ބޮލީވިއާއިން މީގެކުރިންވެސް ވަނީ ޔަހޫދީ އިސްރާއީލާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލާފައެވެ. 2009 ވަނަ އަހަރު ކަނޑާލާފައިވާ ގުޅުން އަލުން ގާއިމުކުރީ 2020 ވަނަ އަހަރު ރައީސް ޖެނީން އަނޭޒްގެ ވެރިކަމުގައެވެ.

ގާޒާގެ އާންމު ރައްޔިތުންގެ ހައްގުގައި ބޮލީވިއާ ތެދުވި އިރު، ޖެހިގެން އޮތް ކޮލަމްބިއާ އާއި ޗިލީން ވެސް ވަނީ، އިޒްރޭލުގެ އަމަލުތައް ކުށްވެރިކުރުމުގެ ގޮތުން، ޔަހޫދީ އިޒްރޭލުގައި ތިއްބަވާ އެ ދެ ގައުމުގެ ސަފީރުން ޔަހޫދީ އިޒްރޭލުން އަނބުރާ ގެނައުމަށް ނިންމައިފަ އެވެ.

ޔަހޫދީ އިޒްރޭލުގެ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ލެޓިން އެމެރިކާގެ ގައުމުތަކުން ފިޔަވަޅުތައް އަޅަމުން ދާއިރު ވެސް، ފަލަސްތީނުގެ އަވައްޓެރި އަރަބި އިސްލާމީ ގައުމުތަކުން ޔަހޫދީ އިޒްރޭލާ ދެކޮޅަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާ ކުޑަކުރުމަށް މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލަން ޖެހޭ ކަމަށާއި ގާޒާގެ އާންމުންނަށް އިންސާނީ އެހީ ފޯރުކޮށްދެވޭތޯ ކަށަވަރުކުރަން ޖެހޭ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވެސް ވަނީ ގޮވާލައްވައިފި އެވެ. 

ގާޒާއަށް އިތުރު އިންސާނީ އެހީ ފޯރުކޮށްދީ މިހާތަނަށް އެ ސިޓީއަށް ލިބުނު އެހީއަކީ ހަމަ އެހީ ބޭނުންވެފައި އޮތް ބޮޑު ކަނޑަކަށް ޖެހި ކުޑަ ފެން ތިއްކެއް ކަމަށްވެސް ގުޓަރެސް ވިދާޅުވިއެވެ. އަދި ގާޒާއިން ވަރަށް އަވަހަށް ތެޔޮ ހުސްވާނެ ކަމަށާއި މިއީ އަނެއްކާވެސް އިތުރު ކާރިސާއެއް ކުރިމަތިވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. 

ގާޒާއިން ހަމާސްގައި ހިންގަމުން އަންނަ ހެލްތު މިނިސްޓްރީ އިން ވިދާޅުވި ގޮތުގައި، ޔަހޫދީ އިޒްރޭލުގެ ހަމަލާތަކުގައި 3،600 ކުޑަކުދިން ހިމެނޭހެން، މިހާތަނަށް 8،700 ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވަނީ 9200 އަށް ވުރެ މަތިވެފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް