ads
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި އަބްދުއްރަހީމް އަބްދުﷲ
ރައީސް ޔާމީނަށް ދިން އިންޒާރު އައީ ގާނޫނީ ހަމަތަކުގެ މަތިން: އަދުރޭ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބަންދަށް ދިން ލުއިތައް އުވާލަން ޖެހިދާނެ ކަމަށް ކަރެކްޝަނުން ދިން އިންޒާރު އައީ، ޖަލުތަކާއި ޕެރޯލުގެ ގާނޫނުގެ ދަށުން ކަމަށް ޕީޕީއެމް-ޕީއެންސީއާ ވަގުތީ ގޮތުން ހަވާލުވެގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން އެމަނިކުފާނު 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި މައްސަލަ ސާބިތުވެ، މާފުށީ ޖަލުގައި ޖަލުގައި ޔާމީން ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް އެމަނިކުފާނު ލީޑުކުރައްވާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފަ އެވެ. އެ މޮޅަށްފަހު މުއިއްޒު ފުރަތަމަ ވެސް ގޮވާލެއްވީ ޔާމީން ގޭބަންދަށް ބަދަލު ކުރުމަށެވެ. އެ ގޮވާލުމަށް ފަހު ދެންފެނުނީ ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރެވުނު ތަނެވެ.

ކަރެކްޝަނުގެ މީޑިއާ ބުނަނީ ރައީސް ޔާމީން ގެއަށް ބަދަލުކުރީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 82 ވަނަ މާއްދާގެ ދަށުން ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ގެއަށް ބަދަލުކުރީ ސިއްހީ ނުރައްކަލުގެ ތަފްސީލެއް ކަރެކްޝަނުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

އެކަމަކު، ޕީޕީއެމުން ކުރިއާލައި އިއުލާނުކޮށްގެން މިފަހުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން، ވާހަކަފުޅު ވެސް ދެއްކެވި އެވެ. އަދި އެ ޖަލްސާ ވަނީ ޓީވީތަކުން ވަގުތުން ދުރަށް ދައްކައިފަ އެވެ. 

މި ކަމާއި ގުޅިގެން ގައިދީއަކު ސިޔާސީ ޕޯޑިއަމުން ފެނުން " އޯކޭ" ވީތީ ބުނެ ކަރެކްޝަނަށް ސުވާލު އަމާޒުވި އެވެ. ޖަވާބުގައި ކަރެކްޝަނުން ބުނީ، އެ ލުއިތަކަކީ ޔާމީންއާ އެކު ވެފައިވާ އިގުރާރެއްގެ ދަށުން ހަމައެކަނި މެޑިކަލް ކަންކަމުގައި ބޭރަށް ނިކުމެ އުޅުމަށް ދީފައިވާ ލުއިތަކެއް ކަމަށެވެ. އެހެންވެ، އެކަން ނުކުރެއްވުމަށް އެމަނިކުފާނަށް އިއްޔެ ކަރެކްޝަނުން ވަނީ އިންޒާރުގެ ލިޔުން ފޮނުއްވާފައި އެވެ.

މީގެ ކުރިން ކަރެކްޝަނުން އަންގާ އެފަދަ އެންގުންތަކަށް، ޕީޕީއެމް އިން ބަޔާން ނެރެ ހެދިޔަސް، މި އެންގުމާ ގުޅިގެން މިހާތަނަށް އެއްވެސް ބަޔާނެއް ނެރެ، އެއްވެސް އެއްޗެއް އެ ޕާޓީން ބުނެފައެއް ނުވެ އެވެ.

ނަމަވެސް ކަރެކްޝަންސްއިން އިންޒާރު ގުޅިގެން ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ވަނީ ވާހަހަ ދައްކަވާފަ އެވެ. 

"ޖަލުތަކާއި ޕެރޯލުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބަޔާނެއް ނެރެފިއްޔާ އެޔަށް އަޅުގަނޑުމެން ޖަވާބެއް ދޭކަށް ނުޖެހޭނެ. އެނގިވަޑައިގަންނަވާނެ އެބޭފުޅުން އެ ނެރުއްވި ބަޔާން [ޔާމީން އަށް ދިން އިންޒާރު] ނެރުއްވާފައި އޮތީ ގާނޫނަކާ ހަވާލާދެއްވާފައި،" ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕުން މިއަދު އައްޑުއަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާތަކާ އެކު ބޭއްވި ބައްދަލުވުމުގައި ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އުފައްދާފައިވާ އިންތިގާލީ ކޮމިޓީގެ ވެރިޔާގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް މިއަދުވެސް ވަނީ މި ސަރުކާރުން ޔާމީނަށް ދެމުން ގެންދަނީ ގަސްތުގައި ރާވައިގެން ދެމުން ގެންދާ އަނިޔާއެއް ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދުވެސް ތަކުރާރު ކުރައްވާފަ އެވެ. 

"ތަކުރާރުކޮށް އަޅުގަނޑުމެން މި ދަންނަވަނީ ރައީސް ޔާމީނަށް މި ސަރުކާރުން ދެމުން މިދަނީ ގަސްދުގައި ރާވައިގެން ދެމުންދާ އަނިޔާއެކޭ. ކުރިން ވެސް މިހާރު ވެސް ބުނާ ވާހަކަ އެއީ. މިހާރު ވެސް ގަބޫލުކުރާނެ ގޮތް އެއީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގަބޫލުކުރާ ގޮތަކީ ޔާމީން އަމަލު ކުރައްވާފައިވަނީ ކަރެކްޝަންގެ ލަފާގެ މަތިން ކަމަށާއި ފަހުން އެކަން ބަދަލުކުރީ ކަމަށް ވެދާނެ ކަމަށެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 62 ވަނަ މާއްދާގައި ބުނަނީ.. 

"ސިޔާސީ ޕާޓީއާއި ޖަމްއިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެނެއްނުވެ އެވެ..."

އަދި ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 82 ވަނަ މާއްދާގައި ބުނަނީ.. 

"ސިއްހީ ނުރައްކަލެއްގެ ސަބަބުން ގައިދީއަކު ގެއަށް ބަދަލުކުރެވިދާނެ ކަމަށެވެ... އެގޮތުން ބުނަނީ ޖަލުގައި ހުކުމް ތަންފީޒުކުރުމަށް ނުކުޅެދޭ ފަދަ ބައްޔެއް ހުރުން ނުވަތަ ރަނގަޅުވާނެ ކަމަށް ލަފާނުކުރެވޭ ނަފްސާނީ ބައްޔެއް ހުރުން ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ހުރުމެވެ..."
47%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް