ads
ތިލަ މާލޭ ބްރިޖުގެ މަސައްކަތްތައް ކުރިއަށް ދަނީ
ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު: ނިމުނީ އެންމެ %27 މަސައްކަތް
މި އަހަރުގެ މިހާ ހިސާބަށް ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ 77 ޕަސެންޓް މަސައްކަތް ނިމޭނެކަމަށް މަސައްކަތު ޕްލޭންގައި އޮތް ނަމަވެސް މިހާތަނަށް ނިންމިފައި އޮތީ އެންމެ 27 ޕަސެންޓް މަސައްކަތް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ އަންޑާ ސެކްރެޓަރީ، ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް ވިދާޅުވީ ތާވަލަށް ބަލާއިރު މިއަދާ ހަމައަށް ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު މަސައްކަތުގެ %77 ނިމިފައި އޮންނަން ޖެހޭނެ ކަމަށެވެ.

"މިހާރު މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު އަސްލު ހަގީގަތުގައި ތިލަމާލެ ބްރިޖުގެ މަސައްކަތް މިއަދާ ހަމައަށް އަންނައިިރު 77 ޕަސެންޓް ނިމިފައި އޮންނަންޖެހޭ، ފުރަތަމަ އެކުލަވައިލެވުނު ތާވަލަށް ބަލާއިރު. އެހެންނަމަވެސް އެ ރިޕޯޓުގައި ވެސް ވާގޮތުން މިހާތަނަށް ނިމިފައިވަނީ 27 ޕަސެންޓް މަސައްކަތް،" ފިރުޒުލް ވިދާޅުވިއެވެ.

ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖަކީ މި ސަރުކާރުގެ އިގުތިސޯދީ ތަސައްވުރާއި ސިޔާސަތުގެ މުހިންމު ބަޔެކެވެ. ނަމަވެސް ރައީސް ސޯލިހު ސަރުކާރުގެ ރިޔާސީ ދައުރު ނިމުނުއިރު ވެސް ބްރިޖުގެ މަސައްކަތް ވަނީ ނުނިމި އެވެ.

ބުރިޖުގެ މަސައްކަތާ އިންޑިއާގެ އެފްކޮންސްއިން ހަވާލުވީ 2021 ވަނަ އަހަރު އޯގަސްޓު މަހުގެ ތެރޭގައެވެ. 

މީގެ ކުރިން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވެވި އެންމެ ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތް އެންމެ ބޭނުންވި ދުވެލީގައި ކުރިއަށް ނުގެންދެވުނުކަމަށް ވިދާޅުވެފަ އެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައި ވެސް ބްރިޖު މަޝްރޫއު ލަސްވާން ދިމާވި ސަބަބުތައް ދެނެގަތުން ވަނީ ހިމަނައިފަ އެވެ.

ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު އެޅުމުގެ ގޮތުން ސާވޭގެ މަސައްކަތް ކޮށްފައި ވަނީ ނެދަލެންޑްސްގެ ކުންފުންޏަކުން 15 މިލިއަން ޑޮލަރަށެވެ. ނެދަލޭންޑުގެ ފުގްރޯ ކުންފުނިން މި މަސައްކަތުގެ ދަށުން ކަނޑުގައި 25 ބޯހޯލް އަދި އެއްގަމުގައި 25 ބޯހޯލް ތޮރުފުމުގެ މަސައްކަތް ކޮށް ދިރާސާތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖަށް، އިންޑިއާއިން 400 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.1 ބިލިއަން ރުފިޔާ)ގެ ލޯނު ދިނުމުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއި ކޮށްފަ އެވެ. އެ ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ އޮތް 400 މިލިއަން ޑޮލަރަކީ ލޯނެވެ.

ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު ނިމޭއިރު ބްރިޖާއި ކޯޒްވޭއެއްކޮށް މާލެ - ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު 6.47 ދިގު މިނުގެ ކޯޒްވޭއަކުން ގުޅޭނެ އެވެ. އިންޑިއަން އެމްބަސީން މިފަހުން ބުނެފައިވާ ގޮތުގައި މި ބްރިޖުގެ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެ އެވެ. ނަމަވެސް ބެލެވޭ ގޮތުގައި މިދެމެދުގައި ހުންނާނީ 1.40 ކިލޯ މީޓަރެވެ. އަދި ފުންފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަޑަކްޓް އަދި މޫދު / ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރުގެ މެރިން ވިއަޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް