ads
ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: މަޖިލިސް
އިޒްރޭލު މީހުން ރާއްޖެ އެތެރެވުން މަނާކުރަން އެދި ހުށަހެޅި ޕެޓިޝަން ކޮމިޓީން ފާސްކޮށްފި
އިސްރާއީލުގެ ރަށްވެހިން ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް ގޮވާލައި ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަން، މަޖިލިހުގެ ޕެޓިޝަން ކޮމިޓީން ފާސްކޮށްފި އެވެ.

"ރައިޓްސް މޫވްމަންޓު" ނަމަކަށް ކިޔާ ޖަމާއަތަކުން މިދިޔަ ހޯމަ ދުވަހު ހުށަހެޅި ޕެޓިޝަނުގައި 1،000 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ. ޕެޓިޝަނުގައި މައިގަނޑު ކަމަކަށް ހުށަހަޅާފައި އޮތީ އިޒްރޭލު ޕާސްޕޯޓުގައި އެތެރެވުން މަނާކުރުމަށެވެ.

މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި މި ޕެޓިޝަނާ ގުޅޭގޮތުން ގޮތެއް ނިންމުމުގެ ކުރިން ހާރިޖީ ވުޒާރާއާއިއެކު މަޝްވަރާކުރުމަށް ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމް ހުށަހެޅުއްވި އެވެ. 

ނަމަވެސް އެ ހުށަހެޅުއްވުމަށް އެއްވެސް މެންބަރަކު ތާއީދު ކުރައްވާފައެއް ނުވެ އެވެ.

މިއާއި އެކު، އިޒްރޭލް މީހުން ރާއްޖެ އެތެރެވުން މަނާކުރުމުގެ ޕެޓިޝަން ފާސްކުރީ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

މިދިޔަ މަހުގެ 7 ގައި އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމާގައި، ފަލަސްތީންގެ 14،500އަށް ވުރެ ގިނަ މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ. 

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން މަނާކުރުމަށް ގޮވާލައި، ފޮރިން މިނިސްޓްރީ ކުރިމަތީގައި މިފަހުން ކުރި މުޒަހާރާގައި ބައިވެރިވެވަޑައިގެން، ފަލަސްތީނުގައި ދެމުން ގެންދާ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް އާ ސަރުކާރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ ގޮވާލައްވައިފަ އެވެ.

ފަލަސްތީނުގެ ބިންތައް ފޭރިގަނެ، އެ ގައުމުގެ މީހުންނަށް ލާއިންސާނީ އަނިޔާ ދެމުން ގެންދާ އިޒްރޭލުގެ ޕާސްޕޯޓު ރާއްޖެއިން ބަލައިނުގަތުމަށާއި އެ ތަނުގެ ޓޫރިސްޓުން ރާއްޖެ އައުން މަނާކުރަން ގޮވާލައި ސިލްސިލާކޮށް، ކުރަމުންދާ މުޒާހަރާގައި ފޮރިން މިނިސްޓަރު އަޑު އުފުއްލެވީ މުޒާހަރާކުރާ މީހުން ފޮރިން މިނިސްޓްރީ ދޮރުމައްޗަށް އެއްވުމުން އެތަނުގަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް