ads
އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކުރަން ގޮވާލައި މިއަދު ފޮރިން މިނިސްޓްރީ ދޮށުގައި މުޒާހަރާކުރި މީހުންނާ މިނިސްޓަރު ބައްދަލުކުރައްވަނީ. - ފޮޓޯ: ދައުރު
މިނިސްޓަރު ޒަމީރު ވެސް ނުކުމެވަޑައިގެން ގޮވައިލެއްވީ އިޒްރޭލުގެ ހަމަލާތައް ހުއްޓައިލަން
ޔަހޫދީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން މަނާކުރުމަށް ގޮވާލައި، އެ ގައުމުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކުރަން ގޮވާލައި މާލޭގައި ކުރަމުންދާ މުޒާހަރާގެ ބައިވެރިން ފޮރިން މިނިސްޓްރީ ދޮށަށް ދިއުމުން މިނިސްޓަރު މޫސާ ޒަމީރު ނުކުމެވަަޑައިގެން ފަލަސްތީނު މީހުންގެ ދިފާއުގައި ޝުއޫރު ފާޅުކުރައްވައިފި އެވެ.

ވަޒީރު ޒަމީރު މި މުޒާހަރާގައި ބައިވެރިވެ ވަޑައިގަތީ އިޒްރޭލުގެ ޕާސްޕޯޓު މަނާކޮށް، އެ ގައުމުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކުރަން ގޮވާލައި މަޖިލީސް ކައިރީގައި ފެށި މުޒާހަރާގެ ބައިވެރިން އެ އިދާރާ ދޮށަށް ދިއުމުންނެވެ.

ވަޒީރު ޒަމީރު ނިކުމެ ވަޑައިގެން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ އަނިޔާ ހުއްޓާލުމަށް ގޮވާލައްވާފައެވެ. 

އަދި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން، ޔަހޫދީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާންމާއި ގުޅިގެން ރާއްްޖެއިން އަމަލުކުރަމުންދާ ގޮތުގެ ތަފްސީލް ޒަމީރު ހިއްސާކުރެއްވި އެވެ.

"ރައީސް މިދިޔަ ދުވަސްތަކުގެ ތެރޭގަ އޯއައިސީގެ ސެކެޓްރީ ޖެނެރަލާއި ފަލަސްތީނުގެ ސަފީރުގެ އިތުރުން، އިތުރު ގައުމުތަކުގެ ބޭފުޅުންނާ ބައްދަލުކުރެއްވި، އެ ހުރިހާ ބޭފުޅުންގެ އަރިހުގައިވެސް ވިދާޅުވެފައިވީ އިމީޑިއެޓް ސީޒްފަޔާ އެއް އަޅުގަނޑުމެން ބޭނުންވާ ކަމަށާއި ހިއުމަނިޓޭރިއަން ކޮރިޑޯޒް ހުޅުވާލަން ޖެހޭނެ ކަމަށާއި 1967 ގެ ބޯޑަރުތަކަށް އަނބުރާ ދިއުމަށް، އެއީ އަޅުގަނޑުމެން ހުށަހަޅާ ހުށަހެޅުމަކީ" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އެމޭރުމުން ވާހަކަ ދައްކަވަނިކޮށް، "ސީޒް ފަޔާ ނައު - ހަމަލާ ދިނުން މިހާރު ހުއްޓައިލާ އޭ.." ކިޔައި މުޒާހަރާގެ ބައިވެރިން އަޑު އުފުލަން ފެށި އެވެ. ޖަވާބުގައި މިނިސްޓަރު ވެސް ވިދާޅުވީ "ސީޒް ފަޔާ ނައު އިނގޭތޯ އަޅުގަނޑުގެ ސްޓޭންޑަކީ ވެސް،" އެވެ.

މިދިޔަ މަހުގެ 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާއާ ގުޅިގެން ގާޒާއާ ދެކޮޅަށް ޔަހޫދީ އިޒްރޭލުން ފަށާފައިވާ އުދުވާނާއި ގުޅިގެން ދިވެހިން ދަނީ އިޒްރޭލު މީހުން ރާއްޖެ އައުން މަނާ ކުރަން ގޮވާލައި ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ.

ޔަހޫދީ އިޒްރޭލު ސިފައިން ގާޒާއަށް މިހާރު ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 13،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް