އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް މީޑިއާ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ "ނޫސްވެރިންގެ އިނާމް 2022" ހަފްލާ ޝަރަފްވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިސްލާމިކް ޔުނިވަރސިޓީގައި ރޭ ބޭއްވި އެ ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ މީޑިއާއާއި ނޫސްވެރިކަން ކުރިއަރުވައި، ރަނގަޅު ނަތީޖާ ނެރުމަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އަމާޒުހިފާފައިވާ ކަމަށާއި އެގޮތުން ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ފައިސާ ދެއްވުމާއި، އަމިއްލަ ފައިމައްޗަށް ތެދުވެ މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ މަގު ނޫސް މީޑިއާތަކަށް ފަހިކޮށްދެއްވުމާއި، އޮފީސް ހަރަދުކުޑަކޮށް މީޑިއާ ހިންގޭނެ މީޑިއާ ވިލެޖެއް ގާއިމުކޮށްދެއްވުމާއި، އެކި ދާއިރާތަކުން ނޫސްވެރިން ތަމްރީނުކޮށް، ތައުލީމު ދީ، ގާބިލް ނޫސްވެރީން ބިނާކުރުމަށް ދައުލަތުން ހޭދަކުރެއްވުމާއި، ސަރުކާރުން ހަބަރާއި މައުލޫމާތު ފޯރުކޮށްދެއްވުމުގައި، ނޫސްތަކުގެ މެދުގައި ތަފާތު ނުކުރުމާއެކު، ނޫސްވެރީންނަށް ޖަވާބުދާރީވެ ޒިންމާދާރުކަމާއެކު ކަންކަން ހާމަކުރައްވާނެ ކަމަށެވެ.
ކުރިއާ އަޅައި ބަލާއިރު މީޑިއާތަކާއި ނޫސްވެރިންގެ ޒިންމާ މިޒަމާނުގައި ބޮޑުވެފައިވާކަމަށާއި އެގޮތުން ސޯޝަލް މީޑިއާގެ ސަބަބުން، ކޮންމެ މީހަކަށްވެސް މިހާރު ފަސޭހަކަމާއެކު ހަބަރެއް ފަތުރާލެވިދާނެކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.
އެހެންކަމުން ރައްޔިތުންނަށް ތެދު ހަބަރު ފޯރުކޮށްދީ، ކޮންމެ ކަމެއްގެވެސް ހުރިހާ ފަރާތެއް ހާމަކޮށް ދޮގާއި ފިތުނަ ފެތުރުނަ ނުދީ، ގައުމުގެ އަގު ހިފެހެއްޓުމަކީ ނޫސްވެރީންގެ ކޮނޑުގައި އެޅިފައި އޮތް ވަރަށް މުހިންމު ވާޖިބެއްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ނައިބު ރައީސް ވިދާޅުވީ، ނޫސްވެރިންގެ ގައުމީ ޒިންމާ އެހެން އެއް ޒަމާނަކަށްވުރެ މިއަދު ބޮޑުކަމުގައި އެވެ.
ރޭގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ، މޯލްޑިވްސް މީޑިއާ ކައުންސިލްގެ އާ ލޯގޯ އިފްތިތާހުކޮށްދެއްވާފަ އެވެ. އަދި 2022 ވަނަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާކަމަށް ހޮވުނު ދައުރު ނޫހުގެ އަހުމަދު ނާއިފަށް އިނާމު ހަވާލުކޮށްދެއްވި އެވެ.
- އިތުރަށް ކިޔާލަން: މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ މަގާމު ނާއިފަށް