
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ވަޒީރުންނަށް ރުހުން ހޯދުމަށް ސަރުކާރުން ހުށަހަޅާފައިވާއިރު ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އެމްޑީޕީގެ ބޭފުޅުން ވާހަކަ ދައްކާކަމުގެ އަޑުތަކެއް އެމަނިކުފާނަށް އިވިފައިވާ ކަމަށެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގައި 22 ވަޒީރުން ތިއްބަވަ އެވެ. އެ ބޭފުޅުންނަށް ރުހުން ދިނުމުގެ މައްސަލަ މިހާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީ ގަ އެވެ. އެއީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އެވެ.
ޤާސިމް ވިދާޅުވީ ވަޒީރަކަށް ރުހުން ދިނުމަށްފަހު އެބޭފުޅަކު ޤާނޫނާ ހިލާފަށް ކަމެއް ކުރުމުން އިތުބާރު ނެތްކަމަށް ބަލައިގެން އެބޭފުޅަކު ބޭރު ކުރެވިދާނެ ކަމަށެވެ. އެހެން ނޫންނަމަ އެކަމަކީ ވަރަށް ތާކުންތާކު ނުޖެހޭ ކަމެއް ކަމަށް ޤާސިމް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީން މަޝްވަރާ ކޮށްފައި ވާކަމަށް ގާސިމަށް ރަށުތެރެއިން އިވުނު ވާހަކަތަކަކީ މީގެ ކުރިން މަޖިލިސް ތަޅުމުން ވެސް އިވުނު ވާހަކަ ތަކެކެވެ.
މަޖިލީހުގައި އެމްޑީޕީގެ 55 ގެ މެމްބަރުން ތިއްބަވަ އެވެ. އެއީ މަޖިލީހުގެ މެޖޯރިޓީ ކަމަށް ވާތީ ވަޒީރަކަށް ރުހުން ނުދޭން ފާސްކުރުމުގެ ބާރު ޕީއެންސީ ސަރުކާރާ ވާދަވެރި ކުރީގެ ވެރިންކަން ކުރި މައި ޕާޓީ އެމްޑީޕީއަށް އެބަ އޮތެވެ.