ރައީސް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވަޑައިގެންނެވީ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް-28) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.
2008 ވަނަ އަހަރު ގާއިމުކުރި ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑަކީ، ދުނިޔެއަށް ކުރިމަތިވަމުންދާ އެކިއެކި މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލު ހޯދުމުގެ ގޮތުން އިޖާދީ އުފެއްދުންތައް އުފައްދާ ފަރާތްތައް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށް، އެ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ހިތްވަރުދީ، އިތުރަށް ބާރުވެރިކުރުވުމުގެ ގޮތުން ދޭ އެވޯޑެކެވެ.
ޔޫއޭއީގެ ބާނީ އަލްމަރްހޫމް ޝައިހު ޒައިދު ބިން ސުލްތާން އަލް ނަހުޔާންގެ ހިދުމަތަށް ނިސްބަތްކުރައްވާ ދޭ، ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑަކީ، ތިމާވެށީގެ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލު ހޯދުމުގެ ދާއިރާއިން ޔޫއޭއީއިން ދޭ ޝަރަފުވެރި ބައިނަލްއަގުވާމީ އެވޯޑެކެވެ.
ދުބާއީގައި މިހާރު ކުރިއަށް ދާ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމް ވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް-28) ސަމިޓުގައި ރާއްޖޭގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިސް ފަންތީގެ ވަފުދެއް ބައިވެރިވެ އެވެ.
ކޮޕް-28 ގެ ލީޑާސް ސަމިޓް ހުޅުވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފައި - ފޮޓޯ: ރައީސް އޮފީސް
ކޮޕް-28 ސަމިޓުގައި ހަވާސާގައި ގިނަ ގައުމުތަކެއްގެ އިސްވެރިންނާއި ރައީސް ވަނީ ބައްދަލުކުރައްވައިފަ އެވެ. އެގޮތުން:
ކޮޕް28 ބައްދަލުވުން ވެގެން ދާނީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ރާވާފައިވާ ކަންކަމާ ގުޅޭ މައުލޫމާތު ބައިނަލްއަގުވާމީ މައިދާނުގައި ހިއްސާކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ލިބޭ ގެއްލުންތައް ކުޑަކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލިބޭ އަގުހުރި ފުރުސަތަކަށް ކަމަށް ސަރުކާރުން ވިދާޅުވެ އެވެ.
އެ ސަމިޓުގައި ރައީސް އިއްޔެ ވަނީ ތަގުރީރު ކުރައްވައިފަ އެވެ. ރައީސްގެ ތަގުރީރުގައި ބައިނަލްއަގުވާމީ ލީޑަރުންގެ އަރިހުން އެދިވަޑައިގަތީ ކުރިއަށް އޮތް ފަސް އަހަރުތެރޭ ރާއްޖޭގައި އިޔާދަކުރުވަނިވި ހަކަތަ އުފައްދާ ނިޒާމުތައް ގާއިމުކުރަން ބޭނުންވާ ފަންޑު ހޯދުމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެކަމަށް މަދުވެގެން 600 މިލިއަން ޑޮލަރު ބޭނުންވެ އެވެ.
މިއީ ރައީސް މުއިއްޒު ބައިނަލްއަގުވާމީ ސަމިޓެއްގައި ތަގުރީރުކުރެއްވި ފުރަތަމަ ފަހަރެވެ.