![](https://cnm.mv/media/images/331917_21a2b4ba-f.jpg)
އެމަނިކުފާނު މިހެން ވިދާޅުވީ ތުރުކީވިލާތަށާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ހަވީރު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ މައުލޫމާތު ހިއްސާ ކުރައްވަމުންނެވެ.
ރައީސް ދެއްކެވި ވާހަކަފުޅުގައި ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ބައެއްގެ ގޮތުން، އެ ގައުމާ އެކު ވިޔަފާރީގެ މުއާމަލާތްތައް އިތުރުކުރުމާ ގުޅޭގޮތުން ވެވުނު މުހިންމު އެއްބަސްވުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އެގޮތުން ރާއްޖެ އާއި ތުރުކީވިލާތާ ދެމެދު ހިނގާ ވިޔަފާރީގެ މުއާމަލާތްތައް މި އަހަރުގެ ތެރޭގައި ދެގުނައަށް އިތުރު ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވެފައި ވަނީ ތުރުކީވިލާތުގައި ބޭއްވުނު މުހިންމު މަޝްވަރާތަކުގެ ތެރެއިން ރާއްޖޭން އެ ގައުމަށް ބޭރުކުރާ މަހުގެ ބާވަތްތަކަށް މިހާރު ނަގަމުން އަންނަ ބޮޑު ޓެރިފްގެ ބަދަލުގައި ރާއްޖެއަށް ހާއްސަ ގޮތްތަކެއް ހޯދައި، ޓެރިފް ކުޑަކުރުމަށް އެއްބަސްވެވޭނެ ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ މެދުގައި އިގުތިސޯދީ ދާއިރާއިން ވަރަށް މުހިންމު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަން ފާހަގަކުރެއްވި އެވެ. މި އެއްބަސްވުމުގެ ތެރެއިން ވިޔަފާރީގެ މުއާމަލާތްތައް އިތުރުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސްގެ ވާހަކަފުޅުގައި ފަތުރުވެރިކަން ފަދަ ސިނާއަތްތަކުން ރާއްޖެއަށް އިތުރު އިންވެސްޓްމަންޓްތައް ގެނައުމަށް ތުރުކީވިލާތުގެ ސަރުކާރުން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާކަން ހާމަކުރެއްވި އެވެ.