ފިޝަރީޒް މިނިސްޓަރު ޝިޔާމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިވަގުތު މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސްކިރާފައި ނުލިބި ހުރި ފައިސާ ލަސްވުން ކަމަށެވެ.
މަސްވެރި އާއިލާތަކުގެ ޒަރޫރީ އެތައް ކަމަކަށް މި ލަހުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް އުދަނގޫވެފައި ކަަމަށް ޝިޔާމް ވިދާޅުވި އެވެ. ޝިޔާމް ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ މިކަމަށް ދާއިމީ ހައްލެއް ގެނެވޭނެ ގޮތަށް ކަންކަން ތަރުތީބު ކުރެއްވުން ކަމަށެވެ.
ފިޝަރީޒް މިނިސްޓަރު ޝިޔާމް މިފަދައިން ވިދާޅުވެފައިވާއިރު، މިދިޔަ އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމުގައި ވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަކީ ސައްތައިންސައްތަ ސަރުކާރު ހިއްސާވާ، މިނިވަން ކުންފުންޏަކަށް ބަދަލުކުރުމަށް ނިންމާފަ އެވެ.
އެ ނިންމުން ހާމަކުރައްވާ ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި މަސްވެރިކަމުގެ ދާއިރާ ހަރުދަނާ ކުރެވޭނީ މިފްކޯ ހަރުދަނާކުރެވިގެން ކަމަށެވެ. އެމަނިކުފާނު ވަނީ މަސްވެރިންނަށް ހާއްސަ ކޯޕަރޭޓިވްއެއް ގާއިމުކުރައްވައި، އެ ކޯޕަރޭޓިވްއަކީ މިފްކޯގެ ހިއްސާދާރެއް ކަމުގައި ހެދުމަށް ނިންމަވާފައިވާކަންވެސް އެ ދުވަހު ހާމަކުރައްވާފަ އެވެ. މީގެ ކުރިން މިފްކޯ ހިންގަމުން ދިޔައީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގަ އެވެ.
ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު މި މަހުގެ ތިން ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި އެ ގައުމާ އެކު ވިޔަފާރީގެ މުއާމަލާތްތައް އިތުރުކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވުނު ކަމުގަ އެވެ. އެގޮތުން ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ރާއްޖޭން އެ ގައުމަށް ބޭރުކުރާ މަހުގެ ބާވަތްތަކަށް މިހާރު ނަގަމުން އަންނަ ބޮޑު ޓެރިފްގެ ބަދަލުގައި ރާއްޖެއަށް ހާއްސަ ގޮތްތަކެއް ހޯދައި، ޓެރިފް ކުޑަކުރުމަށް އެއްބަސްވެވޭނެ ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.