ads
ފިޝަރީޒް މިނިސްޓަރު ޝިޔާމް: ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ޒުވާނުން ނެރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައި - ފޮޓޯ:ފިޝަރީޒް މިނިސްޓްރީ
"މަސްވެރިކަމުގެ ސިނާއަތަށް ޒުވާނުން ނެރުމަށް ހާއްސަ މަސައްކަތްތަކެއް ކުރާނަން"
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ޒުވާނުން ނެރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން ކ. މަނިޔަފުށީގައި ހުންނަ މެރިން ރިސާޗް ފެސިލިޓީގައި ސްކޫލު ދަރިވަރުންނަށް ހާއްސަކޮށްގެން ހިނިހިރު ދުވަހު ކުރިއަށް ގެންދިޔަ "އޯޝަން އެކްސްޕްލޯރަސް" ހަރަކާތް ބައްލަވާލެއްވުމަށް އެ ރަށަށް ކުރެއްވި ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައި ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޒުވާނުންގެ އަދަދު މަދު ކަމަށެވެ. އެހެންކަމުން މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި ތަރައްގީކުރަން މި ސިނާއަތުގައި މަސައްކަތްކުރާ ޒުވާނުންގެ އަދަދު އިތުރުކުރަން ޖެހޭ ކަަމަށް ޝިޔާމް ވިދާޅުވި އެވެ.

ރާއްޖޭގެ އިގުތިސޯދުގެ ބޮޑު ބައެއް މަސްވެރިކަމުގެ ސިނާއަތް ހިއްސާކުރާކަން ހާމަކުރައްވާ ޝިޔާމް ވަނީ މި ސިނާއަތް ކުރިއަރުވަން ޒުވާނުން އަހުލުވެރިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. ޝިޔާމް ވިދާޅުވެފައި ވަނީ މަސްވެރިކަމާ ބެހޭ ސިޔާސަތުތައް ރަނގަޅަށް އެކުލަވާލެވިއްޖެ ނަމަ މި ސިނާއަތުގައި ކޮންމެ ޒުވާނަކަށްވެސް ހިއްސާ ވެވިދާނެ ކަމަށެވެ.

މަސްވެރިކަމުގެ ސިނާއަތް ބޭރު މީހުންގެ އަތްމައްޗަށް ގޮސްފައިވާކަން ފާހަގަކުރައްވާ ޝިޔާމް ވަނީ މަސްވެރިކަމުގެ ސިނާއަތަށް ދިވެހި ޒުވާނުން ތަމްރީނުވެ، ކުރިއަށް ދިއުމުގެ ޝައުގުވެރިކަން ގެންގުޅުމަށް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މަނިޔަފުށި ރިސާޗް އެންޑް ޓްރެއިނިން ފެސިލިޓީގައި ގްރޭޑް 8، 9 އަދި 10 ގެ މެރިން ސައިންސް ކިޔަވަމުން އަންނަ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ހާއްސަ ހަރަކާތަކީ މަސްވެރިކަމާއި ކަނޑުތަކުގެ މާހައުލީ ނިޒާމުތަކުގެ ދާއިރާއިން މިހާރު ކުރަމުން އަންނަ ދިރާސާ މަސައްކަތަށް ދަރިވަރުން އަހުލުވެރިކޮށް، ޝައުގުވެރިވެރިކަން އުފެއްދުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް